ހަބަރު

ހުޅުމާލޭގައި އެކްސިޑެންޓެއްވެ، ޒުވާނެއްގެ ހާލު ސީރިއަސް

ހުޅުމާލޭގައި މިރޭ ސައިކަލެއް ކަހާލައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި، ސައިކަލް ދުއްވަން އިން ޒުވާނާއަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި އެ އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 9:00 އެހާއިރެވެ. އެކްސިޑެންޓް ހިނގަން ދިމާވީ، ބާރަށް ދުއްވާފައި ދަނިކޮށް ހުޅުމާލެ މަގުމަތީގައި އަޅާފައިވާ ފެން ހޮޅިތަކެއްގެ މައްޗަށް އަރައި ކަހާލައިގެންނެވެ. އޭނާގެ ބޮލަށް ވަރަށް އަނިޔާވެފައިވާ ކަމަށްވެސް މައުލޫމާތު ލިބެ އެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގާ ކުންފުނި، އާސަންދައިން ބުނީ، ސީރިއަސް އަނިޔާތަކަކާއެކު މިރޭ 9:30 އެހާއިރު ޒުވާނަކު އެހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ. އަދި އިތުރު ފަރުވާއަށް އޭނާ އޭޑީކޭއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެކުންފުނިން ބުންޏެވެ. ނަމަވެސް ލިބިފައިވަނީ ކިހާ ވަރެއްގެ ގެއްލުމެއްކަން ސާފެއް ނުވެ އެވެ.

ފުލުުހުން ވެސް ވަނީ ސައިކަލެއް ކަހާލައިގެން ދުއްވަން އިން ޒުވާނާގެ ބޮލަށް އެކިވަރުގެ ގެއްލުން ވެގެން ފަރުވާ ދެމުން ގެންދާ ކަމަށް ބުނެފަ އެވެ. ނަމަވެސް އިތުރު ތަފްސީލް ދެވެން ނެތް ކަމަށްވެސް ފުލުހުން ބުންޏެވެ.