ހަބަރު

ހޯރަފުށި އެއާޕޯޓަށް ބިން ހިއްކަން ފަށައިފި

ހއ. ހޮރަފުށީގައި ތަރައްގީ ކުރާ އެއާޕޯޓް އެޅުމަށް އެ ރަށް ކައިރީގައި އޮންނަ މާފިނޮޅު ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް މިރޭ ފަށައިފި އެވެ.

ހޯރަފުށި އެއާޕޯޓް ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. އެމަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 64 މިލިއަން ރުފިޔާ އަށެވެ.

އެމްޓީސީސީއަށް ހަވާލުކުރި މި މަސައްކަތް ނިންމަން ހަމަޖެހިފައިވަނީ ހަ މަސް ދުވަހުންނެވެ. އެމްޓީސީސީ އިން ގެނެސްފައިވާ މަހާޖައްރާފުން ހޯރަފުށްޓާއި މާފިނޮޅުގެ ބިމުން ގާތްގަނޑަކަށް 16 ހެކްޓަރު ހިއްކާނެ އެވެ. މި މަސައްކަތުގެ ދަށުން 1.2 ކިލޯމީޓަރުގެ ރަންވޭއެއް އަޅާނެ އެވެ.

މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވީ، 1.2 ކިލޯ މީޓަރުގެ ރަންވޭއަކާ އެކު ހަދާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިންމަން ޖެހެނީ ހަ މަސް ދުވަހުގެ ތެރޭގައި ކަމަށާއި ނަމަވެސް އޭގެކުރިން އެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

ޒިޔަތު ވިދާޅުވީ، ބިން ހިއްކުމުގެ މަސައްކަތަކީ ހީކުރި ވަރަށްވުރެ އުނދަގޫ މަސައްކަތެއް ކަމަށާއި އެހެންކަމުން އެއާޕޯޓުގެ މަސައްކަތް ކުރުމަށް އެމްޓީސީސީ ގެ މަހާޖައްރާފުގެ އިތުރުން ކަޓާ އޮޕްޝަން ޑްރެޖަރުވެސް އެ މަސައްކަތުގައި ބޭނުންކުރާނެ ކަމަށެވެ.

ހޯރަފުށި އެއަޕޯޓްގެ ބިން ހިއްކުމުގެ މަސައްކަތް މިރޭ ފަށާފައިވާއިރު، އެމްޓީސީީސީން އަންނަނީ ހދ. ކުޅުދުއްފުއްޓާއި ށ. ފުނަދޫ އެއާޕޯޓް މަސައްކަތްވެސް ކުރަމުންނެވެ.