ދުނިޔެ

ހަމަނުޖެހުން ބޮޑުވެ، ފަލަސްތީނުގެ އިތުރު ހަތަރު މީހުން މަރާލައިފި

Jul 21, 2018

ޣައްޒާ (ޖުލައި 20) - ފަލަސްތީނު ރައްޔިތުންގެ ބިން އަނބުރާ ދިނުމަށް ގޮވާލާ ޣައްޒާއާ އިޒްރޭލު ގުޅޭ ބޯޑަރުގައި މުޒާހަރާތައް ކުރިއަށް ގެންދާތާ މިހާރު ވަނީ ހަތަރު މަސް ދުވަސްވެފަ އެވެ.

އިނގިރޭސިން ފަލަސްތީނު ހިފައި، އެބިމުގައި ޔަހޫދީން އާބާދުކޮށް އެއަށް ފަހު އެމީހުންނަށް އެތަނުގައި ދައުލަތެއް ގާއިމު ކޮށްދިނީ މީގެ 70 އަހަރު ކުރިންނެވެ. ފަލަސްތީނުގެ އަސްލު ވަޒަންވެރިން އެމީހުންގެ ގެދޮރުން ނެރެލައި އިޒްރޭލުގެ ދައުލަތް ގާއިމްކުރުމަަށް ފަހު އެކަން ރަސްމީކޮށް އިއުލާނު ކުރީ 1948 ވަަނަ އަހަރުގެ މޭމަހުގެ 14 ވަނަ ދުވަހު އެވެ.

މިއަހަރުގެ މާޗް 30 ގައި ފެށި މުޒާހަރާތަކުގައި މިހާތަނަށް 140 ފަލަސްތީނު މީހުން އިޒްރޭލު ސިފައިން މަރާލާފައިވާއިރު، 16،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.

ހުކުރު ދުވަހު ކުރި މުޒާހަރާގައި ހަތަރު ފަލަސްތީނު މީހުން ބަޑިޖަހައި މަރާލެވިފައިވާއިރު، އިޒްރޭލު ސިފައިންގެ މީހަކު ވެސް މަރުވެފައިވާ ކަމަށް ވަނީ ބުނެފަ އެވެ. ހުކުރު ދުވަހުގެ ކުރިމަތިލުންތަކުގައި 120 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

ބައިނަލްއަގުވާމީ އެހީތެރިކާމާއެކު ހަމަލާތައް ހުއްޓާލުމަށް ދެ ފަރާތުން މިހާރު އެއްބަސްވެފައިވާ ކަމަށް ހަމާސް އިން ވަނީ ބުނެފަ އެވެ.

އިޒްރޭލުން ބުނީ 2014 ގެ ހަނގުރާމައިގެ ފަހުން ޣައްްޒާ ކޮންޓްރޯލްކުރާ ހަމާސް ޖަމާއަތާއި ދެކޮޅަށް ދެމުންގެންދާ "އެންމެ ވަރުގަދަ" ހަމަލާތަކަކީ އެ ޖަމާއަތުން އިޒްރޭލަށް ފޮނުވި ރޮކެޓު ހަމަލާތަކާއި ގުޅިގެން ދޭން މަޖުބޫރިވި ރައްދެއް ކަމަށެވެ.

މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކަށް ނިމުމެއް ނުގެނެވިއްޖެނަމަ، ބޮޑު ހަނގުރާމައަކަށް ބަދަލުވެދާނެކަމުގެ ބިރު އެބައޮތް ކަމަށް ބައިނަލްއަގުވާމީ ފަރާތްތަކުން ދަނީ ބުނަމުންނެވެ.