ދުނިޔެ

މީހުން މެރުން އިތުރުވެ ވަޓްސްއެޕުން އިންޑިއާގައި ދޭ ހިދުމަތް ލިމިޓުކޮށްފި

Jul 21, 2018

ނިއުދިއްލީ (ޖުލައި 20) - ކުޑަކުދިން ރަހީނު ކުރާ މަންޒަރު ފެންނަ ވީޑިއޯ އަކާއި ގުޅިގެން އިންޑިއާގެ އެކި ސަރަހައްދުތަކުގައި އާންމުން ނުކުމެ އެތަކެއް ބަޔަކު މަރާލާފައިވުމާއި ގުޅިގެން އެކަން ހުއްޓުވުމުގެ ގޮތުން، ވަޓްސްއެޕުން އިންޑިއާގައި ދެމުންދާ ހިދުމަތް ލިމިޓުކޮށް ބައެއް ބަދަލުތައް ގެނެސްފި އެވެ.

ވަޓްސް އެޕް އިން ދައުރުވާ މި ވީޑިއޯ އާއި ގުޅިގެން އިންޑިއާގެ އެކި ހިސާބުތަކުގައި އޭޕްރީލް މަހުން ފެށިގެން މިހާތަނަށް 24 މީހަކު ވަނީ މަރާލާފަ އެވެ. ނަމަވެސް އެ ވީޑިއޯއަކީ ކުޑަކުދިންގެ ސަލާމަތަށް ހޭލުންތެރި ކުރުމުގެ ގޮތުން ޕާކިސްތާނުގައި ހަދާފައިވާ ވީޑީއޯ އެއް ކަމަށްވެ އެވެ. އިންޑިއާގައި ދައުރު ކުރަނީ އެ ވީޑިއޯ އެޑިޓްކޮށްގެން، ކުޑަކުދިން ރަހީނު ކުރާ ބަޔަކަށް ސަމާލުވާންޖެހޭ ކަމަށް ބުނެ އެވެ.

އެކަމާއި ގުޅިގެން، ވަޓްސްއެޕުން އާންމުކުރި ބަޔާނެއްގައި ބުނެފައިވާ ގޮތުން، ލިބޭ މެސެޖުތައް އެންމެ ގިނަވެގެން ފަސް މީހުންނަށް ފޯވަޑު ކުރެވޭ ގޮތަށް ލިމިޓުކޮށް، ފަސޭހައިން މެސެޖުތައް ފޮނުވޭ ގޮތަށް އިންނަ ހިދުމަތް މި ވަގުތަށް ހުއްޓާލާފައިވާ ކަމަށެވެ.

ފޭސްބުކުން ގަނެފައިވާ ވަޓްސްއެޕްގެ ހިދުމަތް އިންޑިއާގެ 200 މިލިއަނަށް ވުރެ ގިނަ މީހުން ބޭނުންކުރެ އެވެ. މި ބަދަލު ގެނެސްފައިވަނީ، ވަޓްސްއެޕް އާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިންޑިއާ ސަރުކާރުން ދީފައިވަނިކޮށެވެ.

މި މައްސަލައާ ގުޅިގެން އިންޑިއާގެ އެންމެ މަތީ ކޯޓުން ވަނީ މިފަދަ އަމަލުތައް ތަކުރާރުވިޔަ ނުދިނުމަށް ގާނޫނެއް އެކުލަވާލުމަށް ގާނޫނު ހަދާ މަޖިލީހަށް ގޮވާލާފަ އެވެ.

މިދިޔަ ހަފްތާގައި ކަރުނާޓަކާގައި ސޮފްޓްވެއާ އިންޖިއަނަރަކު މަރާލާފައިވާއިރު، މިދިޔަ ޖޫން މަހު ވެސް، މަގު އޮޅިގެން އަވަށެއްގައި މަޑުކޮށްލި ދެ ޒުވާނަކު ވެސް ވަނީ އައްސާމް ސްޓޭޓުގައި މަރާލާފަ އެވެ. ކަމާބެހޭ ފަރާތްތަކާއި ގުޅިގެން، ފުލުހުން މިހާރު ވަނީ އެ ވީޑިއޯ އަކީ ފޭކު އެއްޗެއްކަމަށް އާންމުންނަށް ބުނެދޭން އެކި ކެމްޕޭނުތައް ވެސް ފަށާފަ އެވެ.