ހަބަރު

"އަހަން" ކެމްޕޭނުގައި 4000 ކުދިން ހޭލުންތެރިކޮށްފި

ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވަން ޖެންޑަ މިނިސްޓްރީން ކުރިއަށްގެންދާ "އަހަން" ކެމްޕޭނުގެ ދަށުން މިދިޔަ ދެ އަހަރު ތެރޭގައި 4000 އަށް ވުރެ ގިނަ ކުދިންނަށް މައުލޫމާތުދީ ހޭލުންތެރި ކުރުވާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

ކުޑަ ކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާ މިންވަރު ދުވަހެއް ދުވަހަކަށް ވަނީ އިތުރެވެ. އަހަން ކެމްޕޭނަކީ މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން ޖެންޑާ އިން ފަށާފައިވާ ހޭލުނެތެރިކުރުމުގެ ޕްރޮގްރާމެކެވެ.

ޖެންޑާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އަނިޔާ ހުއްޓުވުމަޏާއި އަނިޔާއާ ދެކޮޅަށް ކުދިން ބާރުވެރިކުރުމުގެ ގޮތުން އަހަން ކެމްޕޭންގެ ދަށުން މިދިޔަ ދެ އަހަރުގެ ތެރޭގައި 4،390 ކުދިންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އެއީ ރާއްޖޭގެ ނުވަ އަތޮޅެއްގައި މި ކެމްޕޭން ކުރިއަށް ގެންގޮސްގެންނެވެ. އެންމެ ފަހުން އަހަން ކެމްޕޭނުގެ ހަރަކާތްތައް ކުރިއަށްގެންގޮސްފައި ވަނީ ފުވައްމުލަކުގަ އެވެ.

އަހަން ކެމްޕޭންގެ ސެޝަންތަކުގައި އެކި ބާވަތުގެ އަނިޔާއާއި އިހުމާލުން ކުޑަކުދިން ރައްކައުތެރިކުރާނެ ގޮތްތަކާއި، ކުޑަކުއްޖަކަށް އަނިޔާއެއް ލިބޭކަން އެނގޭނަމަ ނުވަތަ ޝައްކުކުރެވޭނަމަ އަމަލުކުރާނެ ގޮތްތަކާއި، މައްސަލަ ރިޕޯޓުކުރެވޭނެ ގޮތްތަކުގެ އިތުރުން، އަނިޔާ ތަހައްމުލުކުރާ ކުދިންނަށް އެހީތެރިވެދިނުމަށްޓަކައި ކުރެވިދާނެ މުހިންމު ކަންތައްތަކުގެ މައުލޫމާތު ކިޔައިދެ އެވެ. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރާ އަމިއްލަ ޖަމިއްޔާ، "އާކް"އާ ގުޅިގެން ހިންގާ ކެމްޕޭނެކެވެ.