ދުނިޔެ

އިތުބާރުނެތް ކަމުގެ މައްސަލަ މޯދީގެ ޕާޓީން ފަސޭހަަކަމާއެކު ނާކާމިޔާބު ކޮށްލައިފި

Jul 21, 2018

ނިއުދިއްލީ (ޖުލައި 20) - އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިސްވެ ހުންނަވާ ވެރިކަން ކުރާ އިންތިހާދު ނެޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ) އާއި ދެކޮޅަށް ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލަ ބޮޑު އަގުލަބިއްޔަތަކުން ނާކާމިޔާބުކޮށްލައިފި އެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީސް ލޯކް ސަބާގައި 12 ގަޑިއިރަށް ދިގު ދެމިގެންދިޔަ ބަހުސަކަށްފަހު، އެ މައްސަލަ ނާކިޔާބުވީ 521 މެމްބަރުންގެ ތެރެއިން، އެ މައްސަލައާއި ދެކޮޅަށް 325 މެމްބަރުންގެ ވޯޓާއެކު އެވެ.

އިދިކޮޅު ރާހުލް ގާންދީގެ ކޮންގްރެސް ޕާޓީ އިސްވެ އޮވެގެން ހުށަހެޅި މައްސަލާގައި، މޯދީ ވާހަކަ ދައްކަވަމުން ވަނީ އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. މޯދީ ވިދާޅުވީ، އެ މައްސަލައިގެ ވޯޓުގައި، ވެރިކަން ކުރާ އިއްތިހާދުގެ ވަރުގަދަކަމަށްވުރެ، އިދިކޮޅު ކޮންގްރެސް ޕާޓީގެ ބަލިކަށިކަން ހާމަވެގެން ގޮސްފައިވާ ކަމަށެވެ.

އެ މައްސަލަ ހުށަހެޅީ އަސްކަރީ މަތިންދާބޯޓުތަކެއް ހޯދުމުގައި މޯދީގެ ސަރުކާރުން ބޮޑު ހިޔާނާތެއް ހިންގާފައިވާ ކަމުގެ ތުހުމަތުކޮށްފަ އެވެ.

ރާހުލް ގާންދީ ވަނީ، މޯދީގެ ސަރުކާރަށް ފާދުވިދާޅުވުމަށްފަހު، ހިންގަވާފައި މޯދީ އަރިހަށް ވަޑައިގެން ބޮޑު ވަޒީރުގެ ގައިކޮޅުގައި ބައްދާލައްވާފަ އެވެ.