ހަބަރު

ކޮންމެ ވޯޓެއް ވެސް މުހިންމު، ބީވިޔަ ދީގެން ނުވާނެ: ފައިސަލް

Jul 21, 2018
7

އަންނަ ރިޔާސީ އިންތިހާބުގައި ދޭ ކޮންމެ ވޯޓަކީ ވެސް ވަރަށް މުހިންމު ވޯޓެއް ކަމަށާއި އެންމެ ވޯޓެއް ވެސް ބީވިޔަ ދީގެން ނުވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ ރަނިންމޭޓް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މަޖިލިސް މެންބަރުންގެ ދޮރުން ދޮރަށް ކެމްޕެއިން ހަރަކާތް ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން މިއަދު ފައިސަލް ވިދާޅުވީ، ރީ-ރެޖިސްޓްރޭޝަންގެ މަސައްކަތަކީ އެންމެ އިސްކަންދޭން ޖެހޭ އެއް މަސައްކަތް ކަަމަށެވެ. އެކަމަށް ހާއްސަ ސަމާލު ކަމެއް ދީގެން ވީއެންމެ އަވަހަކަށް ރީ ރަޖިސްޓްރީވެ ނިންމާލުމަށް ފައިސަލް އެދިވަޑައިގަތެވެ.

"އަޅުގަނޑުމެން ވިސްނަން ޖެހޭ ކަމަކީ އެންމެ ވޯޓެއް ވެސް ބީވެގެން ގޮސްގެން ނުވާނެކަން،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ ކޮންމެ ވޯޓަކީ ވެސް ވަރަށް މުހިންމު ވޯޓެއް ކަމަށެވެ. އިންތިހާބުތަކަކީ ރައްޔިތުންގެ އެއްޗެއް ކަމަށާއި، އެ އިންތިހާބު ބާއްވަންވާނީ ރައްޔިތުން އެދޭގޮތަށް ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

ފައިސަަލް އެގޮތަށް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ވޯޓުލައިދޭނީ އެ ވޯޓް ފޮއްޓަކާ ހަވަލުވެ ހުންނަ އޮފިޝަލެއް ކަމަށް އިލެކްޝަނުން ނިންމާފައިވާތީ އެވެ. އެ ނިންމުން ބަދަލުކުރުމަށް އިލެކްޝަނަށް ފައިސަލް މިއަދު ގޮވާލެއްވި އެވެ.