ހަބަރު

ކެމްޕެއިނަށް ފައިސަލް އިންޑިއާއަށް ވަޑައިގެންފި

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ ރަނިންމޭޓް ފައިސަލް ނަސީމް ކެމްޕެއިނަށް މިއަދު އަވަށްޓެރި އިންޑިއާއަށް ވަޑައިގެންފި އެވެ.

އިންޑިއާގެ ޓްރެވެންޑްރަމަށް ވަޑައިގެންނެވުމަށްފަހު ފައިސަލް މިއަދު ވަނީ ކެމްޕެއިން ޓީމްތަކާ ބައްދަލު ކުރައްވާފަ އެވެ. އެ ބައްދަލުވުން ކުރިއަށް ދިޔައީ އެތަނުގައި ހުރި އިދިކޮޅު ޕާޓީތަކުގެ ޖަގަހައިގަ އެވެ.

ފައިސަލްއާއެކު އެހެން ޕާޓީތަކުގެ ބައެއް އިސް ބޭފުޅުން އިންޑިއާއަށް މިއަދު ވަޑައިގެންނެވި އެވެ.

ރިޔާސީ ކެމްޕެއިންގައި މިހާތަނަށް ފައިސަލް ރާއްޖޭގެ ގިނަ ރަށްތަކަށް ވަޑައިގެންފައިވާއިރު އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންނާއި ރަނިންމޭޓުންގެ ތެރެއިން އެންމެ ގިނަ ރަށްތަކަށް މިހާތަނަށް ވަޑައިގެންފައިވަނީ ވެސް ފައިސަލެވެ.

އިންޑިއާއިން ވަޑައިގެންނެވުމަށްފަހު އެހެން ބައެއް އަތޮޅަށް ފައިސަލް ކެމްޕެއިނަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.