ހަބަރު

ތެލަސީމިއާ ކޮންފަރެންސުން އާއިލާތައް އެއްތަންކޮށް ދީފި!

ތެލެސީމިއާ ކުދިންނާއި އެ މީހުންގެ އާއިލާތަކުގެ ޝަކުވާތައް އިންތިހާއަށް ބޮޑެވެ. އެ މީހުން އުފުލަން ޖެހޭ ވޭނާއި ތަކުލީފުގެ ވާހަކަ އަކީ އަބަދުހެންމެ އިވޭ ވާހަކަތަކެވެ. ޕޭޝަންޓުންނަށް އެކަށޭނަ ސިއްހީ ހިދުމަތްތަކާއި މުޖުތަމައުން ލިބެންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ނުލިބޭ މައްސަލައިގައި، މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީ(އެމްޓީއެސް) އަންނަނީ އަބަދުވެސް އަޑުއުފުލާ ވަކާލާތު ކުރަމުން އެވެ. ރާއްޖޭގައި ތިބި ތެލެސީމިއާ ކުދިންނަށް އުފާވެރިކަން ހޯދައިދޭން އެ ސޮސައިޓީން ކުރާ މަސައްކަތްތައް ނުހަނު ބޮޑެވެ.

އެމްޓީއެސްސީ އިން އިންތިޒާމްކޮށްގެން ބޭއްވި ދެވަނަ ތެލެސީމިއާ ކޮންފަރެންސާއެކު އިއްޔެ ނިމުނު އިރު މި ވަނީ އެތައް ވާހަކަތަކެއް ބުނެދީފަ އެވެ. ތެލެސީމިއާ ކުދިންނަށް ހުރި ގޮންޖެހުންތަކާއި ތަކްލީފްތައް އެތައް ގޮތަކުން މި ވަނީ ބުނެދީފަ އެވެ. ތެލެސީނިއާ ކުދިން ހާލުގައި ޖެހެން ދޫނުކޮށްލާނެކަން އެމްޓީއެސްސީ އިން މިވަނީ އަނެއްކާވެސް ސާބިތުކޮށްދީފަ އެވެ. މާލެއާއި މާލެއިން ބޭރުން ތެލެސީމިއާ ޕޭޝަންޓުން ގެނެސް، އެންމެން އެއްތަންކޮށް، ދިވެހި ތެލެސީމިއާ ކޮމިއުނިޓީގެ ހާލަތު ބަދަލުކޮށްލެވިދާނެކަން އެ ސޮސައިޓީއިން ސާބިތުކޮށްދީފި އެވެ.

ރާއްޖޭގައި ތިބި ލޭ އަޅާ ކުދިން އެއްތަންކޮށް އެމީހުންގެ ހާލަތު ދެނެގަނެ، ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން ވާހަކަ ދައްކައި އެމީހުން ހޭލުންތެރިކުރުމަށް އެމްޓީއެސްއިން ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ކުރިއަށްގެންދިޔަ ކޮންފަރެންސްގައި، ލޭ އަޅާ 60 ޕޭޝަންޓުން ބައިވެރިވި އެވެ. އެ އެންމެން ތިބީ އުފަލުން ފޮޅިފަ އެވެ. އެމީހުންގެ ނަޒަރުގައި މި ކޮންފަރެންސަކީ އާއިލީ އެއްތަންވެލުމެކެވެ.

"އަމިއްލަ ރަށް، އައްޑޫ ސިޓީގައި ހުރެފައި އަޅުގަނޑު މާލެއަށް މި އައީ މި ކޮންފަރެންސްގައި ބައިވެރިވާން. މިހާ ގިނަ މީހުން އެއްކޮށް އެއްތަނަކުން ބައިވެރިވެ، އެކި މީހުންގެ ތަޖުރިބާއާއި ވާހަކަތައް އަޑު އިވުމުން ކުރެވެނީ ވަރަށް އަމިއްލަ އިހުސާސެއް. އެކި މީހުންގެ ވާހަކަތައް އަޑުއިވި، ފަރުވާގެ މުހިއްމުކަމާ ބެހޭ ގޮތުން މައުލޫމާތު ލިބުމުން ހިއްވަރެއް ލިބިއްޖެ، އެކަނި ނޫން ކަމުގެ އިހުސާސް ކުރެވިއްޖެ،" ތެލެސީމިއާ ކޮންފަރެންސަށް އައްޑޫ ސިޓީ އިން މާލެއަށް އައި އަމީލާ ވަހީދު ބުންޏެވެ.

އަމީލާއަކީ ތެލެސީމިއާ ކޮންފަރެންސްގައި ބައިވެރިވި ލޭއަޅާ މީހުންގެ ތެރެއިން އެންމެ ދޮށީ އެކެކެވެ. އޭނާއަށް 39 އަހަރެވެ.

"ބައެއް މީހުން ބުނާނެ މާ ގިނަ ދުވަހަކު ދުނިޔެއަކު ނުހުންނާނެޔޭ. އެކަމަކު މި ކޮންފަރެންސްގައި ޑޮކްޓަރުން ދިން މައުލޫމާތުން އެއީ ތެދެއް ނޫންކަން އެނގިއްޖެ. ޑެސްފަރޯލް ނެގުމުގެ މުހިއްމުކަމާއި ރަނގަޅު ފަރުވާއާއެކު އާންމު މީހުންނާ އެއް އުމުރަކަށް އަހަރެމެންނަށް ވެސް ދިރި ތިބެވިދާނެކަން އެނގިގެން ހިނގައްޖެ. މިހާރު ބޭނުންވަނީ ރަށަށް ގޮސް ރަހުމަތްތެރިންނާއި ސިއްހީ މަރުކަޒުގެ މީހުންނާއި ޑޮކްޓަރުންނަށް އަޅުގަނޑަށް ލިބުނު މައުލޫމާތު ހިއްސާކުރަން. މިގޮތަށް މީހުންގެ ވިސްނުން ބަދަލުކުރެވޭނެ،" މިއީ އަމީލާގެ އުންމީދެވެ.

މި ކޮންފަރެންސްގައި ބައިވެރިވި ބޭރުގެ ތަޖުރިބާކާރު މަރިއާ ހަޖިޑިމިޓްރޫ ގެ ނަޒަރުގައި ތެލެސީމިއާ ހުންނަ މީހުންގެ ހައްގުތައް ހޯދައިދިނުމުގައި ރާއްޖެ އޮތީ އެތައް ތަނެއް ފަހަތުގަ އެވެ.

"ތެލެސީމިއާ ސެންޓަރަކީ އޭގެ އެއް މިސާލު. އެތަނަކީ ލޭ އަޅަން ހަ ގަޑި އިރަށް އޮންނަ އިންސާނަކަށް ހިދުމަތްދޭން އެއްގޮތަކުން ވެސް އެކަށޭނަ ތަނެއް ކަމަކަށް އަހަރެން ގަބޫލެއް ނުކުރަން. މި ފަދަ ކަންކަން ބަދަލުވެގެން ހާލަތު ރަނގަޅު ވާނީ. އެމެރިކާގެ ތެލެސީމިއާ ލޭ އަޅާ މީހުން ދުނިޔޭގަ އެބަ އުޅޭ ފަންސާހުން މައްޗަށް. ސައިޕްރަސްގެ މީހުން އެ އުޅެނީ ހަތްދިހަ އަށް އަރާއިރުވެސް ދުޅެހެޔޮކޮށް. ކީއްވެ ރާއްޖެއަށް މި ބަދަލު ނުގެނެވެންވީ؟،" މަރިއާ ވިދާޅުވި އެވެ.

އޭނާ ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ތެލެސީމިއާ ބަލީގެ ހާލަތު ވަރަށް އަވަހަށް ބަދަލުވާނެ އެވެ. އެކަމުގެ އުންމީދު ހެލްތް މިނިސްޓަރު ނާޒިމް އިބްރާހިމްގެ ފަރާތުން ލިބިލެއްވި ކަމަށް މާރިއާ ވިދާޅުވި އެވެ. މަރިއާ އަކީ އެމެރިކާއަށް ނިސްބަތްވާ ތެލެސީމިއާ ޕޭޝަންޓެކެވެ. އަދި ތެލެސީމިއާ އިންޓަނޭޝަނަލް ފެޑެރޭޝަންގެ ބޯޑް މެންބަރެއްވެސްމެ އެވެ.

އެމްޓީއެސްގެ ތެލެސީމިއާ ކޮންފަރެންސުން ލޭއަޅާ ގިނަ އަދަދެއްގެ ބަލިމީހުންގެ ހިތްތަކަށް އުންމީދާއި އުފާވެރިކަން ގެނެސްދީފައިވާއިރު މިފަދަ ތިން ވަނަ ފޯރަމެއް ވެސް މިއަށްވުރެ ފުޅާ ދާއިރާއެއްގައި ބާއްވާނެ ކަމަށް ތެލެ ސޮސައިޓީއިން ވަނީ ބުނެފަ އެވެ.