ދުނިޔެ

ޕެޑުން ނަގާ ޓެކްސް އިންޑިއާ އިން އުވާލައިފި

Jul 22, 2018

ނިއުދިއްލީ (ޖުލައި 21) - އެތަކެއް މަސްތަކަކަށް ދިގު ދެމިގެންދިޔަ ބޮޑު ކެމްޕެއިނަކަށްފަހު، އަންހެނުން ބޭނުން ކުރާ ޕެޑުން ނަގަމުން އައި 12 ޕަސަންޓު ޓެކްސް އިންޑިއާ އިން އުވާލައިފި އެވެ.

މައްސަރު ކަންތައް ޖެހުމުން ބޭނުން ކުރާ ޕެޑަކީ އަސާސީ އެއްޗެއްގެ ގޮތުގައި މީގެ އަހަރެއް ކުރިން ނަގަންފެށި ޖީއެސްޓީ އިން ނުބަލަ އެވެ. މިކަމާ ދެކޮޅަށް ވަކާލާތު ކުރާ މީހުން ބުނާގޮތުގައި، މިހާރު ވެސް ކޮންމެ ފަސް އަންހެނުންގެ ތެރެއިން ހަތަރު އަންހެނުންނަށް ޕެޑު އަގުބޮޑުކަމުން ބޭނުން ނުކުރެވޭއިރު، ޓެކްސް ނެގުމުގެ ސަބަބުން، މައްސަރު ކަންތަކާއި ގުޅިގެން އިންޑިއާ އަންހެނުންނަށް ސިއްހީ އެތަކެއް މައްސަލަތަކާއި ކުރިމަތިލާންޖެހެ އެވެ.

ޕެޑު ނުލިބުމަކީ އަންހެން ކުދިން ކިޔެވުން ހުއްޓާލަން މަޖުބޫރުވާ އެންމެ ބޮޑު އެއް ސަބަބުކަމުގައި ވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ޕެޑު އަގުބޮޑުކަމުން، ފޮތި ބޭނުންކުރަންޖެހޭތީ، ސިއްހީ މައްސަލަތައް ވެސް އިތުރުވާ ކަމުގައި ދިރާސާތަކުން ދައްކަ އެވެ.