19 ޖުލައި 2018 އާ ގުޅޭ -- "އަހަރެން އަންނާނަން އޭނާއާ މީޓުކޮށްފައި، އީވާ! އަހަރެން ދިޔަތަނެއް މީހަކު ގާތު ބުނާނެކަމެއްނެތް، ރާދު ނޫނީ އަރްސަލް އެހިޔަސް" ނިމްރާގެ އަޑުގައި ހުރި ސީރިއަސްކަން އީވާއަށް ފާހަގަވިއެވެ.
"ޑޯންޓް ވޮރީ... އައި ވިލް ސޭ ސަމްތިންގް މީހަކު އަހައިފިއްޔާ" އީވާ ބޯޖަހާލާފައި ބުނެލިއެވެ. ނިމްރާ ވެސް ބޮލުން އިޝާރާތެއް ކޮށްލުމާއެކު އޭނާގެ މޭޒުމަތީ އޮތް ފޯނު ނަގައިގެން ކެބިންއިން ނުކުތެވެ.
"ދެއާ ގޯސް ދި ލިޓްލްވަން" އަރްސަލްއާއި ރާދިންއާއެކު އެމީހުންގެ ކެބިންއިން ނުކުތް ޒިވަން ފަސްއެނބުރި ކެބިން ތެރޭގައި ހުރި އަރްސަލްއަށް ބުނެލިއެވެ.
"އައި އޭމް ނޮޓް ފޯލިންގް ފޯ ދެޓް" ހީނލާފައި އަރްސަލް ބުނެލިއެވެ.
"ދޮގެއްނޫނޭ، ރާދު! ޓެލް ހިމް" ޒާތަކަށް ހިނިއައިސްފައި ހުރެ ޒިވަން ބުނެލިއެވެ.
"ނިމް ހާދަ އަވަސްއަރުވާލައިފައި" ކެބިން އިން ނުކުމެ ދޮރު ކައިރީ ޒިވަންއާއެކު މަޑުކޮށްލި ރާދިން ބުނެލިއެވެ. އެއާއެކު އަރްސަލް ބޯދީ ބަލާލިއެވެ. އޭނާއަށް ވެސް ފެނުނީ ހަލުވިކޮށް އޮފީސް ބައިގެ މައި ދޮރުން ނުކުންނަން ދިޔަ ނިމްރާއެވެ.
"ތި މީހުން ދޭ، އަހަރެން އިރުކޮޅަކުން ޖޮއިންވާނަން" އަރްސަލް މިހެން ބުނެލިއިރު ވެސް އޭނާގެ ނަޒަރު ހުރީ ނިމްރާއަށް ހުއްޓިފައެވެ. ރާދިންއާއި ޒިވަންގެ ފަރާތުން ޖަވާބެއް ލިބެންދެން އަރްސަލް މަޑެއް ނުކުރިއެވެ. އޭނާ ވެސް ހިނގައިގަތީ ނިމްރާގެ ފަހަތުން ދިއުމަށެވެ.
"އެ ދެ މީހުން އުޅެނީ ރައްޓެހިވެގެންތަ؟" އަރްސަލް ދިޔަ ދިމާއަށް ބަލަހައްޓައިގެން ހުރެފައި ޒިވަން އަހާލިއެވެ. އަދި ރާދިންއާ ދެ މީހުން ހޮޓެލްގެ ރެސްޓޯރެންޓު ހުންނަ ފަންގިފިލާއަށް ދިއުމަށް ޓަކައި ހިނގައިގަތެވެ.
"އެހެންކަމަށް ހީކޮށްގެން މިހުންނަނީ" ރާދިން ޔަޤީންނުވާ ފަދަ ގޮތަކަށް ބުނެލިއެވެ.
* * * * *
އެންމެން ބޭނުންކުރުމަށް ހުރި އެލެވޭޓާ ކައިރީ ނިމްރާ ހުއްޓިލައިގެން ހުރިތަން އޮފީސްބައިގެ ބިއްލޫރި މައިދޮރާ ހަމައަށް އާދެވުނު އަރްސަލްއަށް ފެނުނެވެ. ދޮރުހުޅުވައި ގޮވާލަން އުޅެފައި ވެސް އަރްސަލް އެހެންކަންތައް ނުކުރީ ހިމޭންވެފައި އޮތް ކޮރިޑޯގައި ކިރިޔާ އަޑެއް އިވުނަސް އެ އަޑު އިވިގެންދާނީ ފާޅުކަން ބޮޑުކޮށް ބާރަށް ކަމަށްވީމައެވެ. ޖީބުގައި އޮތް ފޯނު އަރްސަލް ނަގައި ނިމްރާއަށް ގުޅިއެވެ. ނަމަވެސް އޭނާއަށް ހައިރާންކަމެއް ލިބުނީ އެލެވޭޓާ ކުރިމަތީ ހުރި ނިމްރާ ފޯނަށް ބަލާލާފައި ކޯލު ކަނޑާލުމުންނެވެ. ޤަބޫލުކުރަން ދަތިވެފައި ހުރި ގޮތަކަށް އަރްސަލް އަތުގައި އޮތް ފޯނަށް ބަލާލާފައި ނިމްރާއަށް ބަލާލިއެވެ. އަދި އަލުން ނިމްރާގެ ނަންބަރަށް ޑައިލްކޮށް ކަންފަތުގައި ޖައްސާލިއެވެ. ނިމްރާ ފޯނަށް ބަލާލި ވަގުތު އެލެވޭޓާގެ ދޮރު ހުޅުވުނެވެ. އެއާއެކު ކޯލު ކަނޑާލާފައި ފޯނާ ކުޅެމުން އެލެވޭޓާގެ ތެރެއަށް ނިމްރާ ވަދެއްޖެއެވެ.
* * * * *
ލޮބީގެ އެއްފަރާތުގައި ހުރި މީޒުތަކުން މޭޒެއްގެ ދޮށުގައި މިއުވާނު އިނެވެ. މޭޒުމަތީގައި ބަހައްޓާފައި ހުރި ހޮޓެލްގެ ލީފްލެޓް ހޯލްޑަރުގެ ތެރެއިން ލީފްލެޓެއް ނަގައިން އޭނާ އިނެއްކަމަކު އެލެވޭޓާ ހުޅުވޭ އަޑަށް އެ ދިމާއަށް އޭނާގެ ނަޒަރު ދަތުރުކޮށްލައެވެ. އެހެން އިންއިރު އޭނާގެ ސިކުނޑީގައި ނިމްރާއާ ބައްދަލުވުމުން ދައްކާނޭ ވާހަކަތައް ރާވާލައި ތައްޔާރުވަމުންދިޔައެވެ. ނިމްރާއާ ދޭތެރޭ ކަންތައްކުރެވުނު ގޮތް ޚުދު މިޢުވާނު ވެސް ހަނދާނެއްނުނެތެވެ. އެ ހަނދާންތަކާއިއެކުވެ މިޢުވާނުގެ އަމިއްލަ ދިރިއުޅުމުގެ މާޒީ ނިއުޅެންފެށިއެވެ.
"މީ ކަލޭގެ ގެއެއްނޫން، މަމީ ކަލޭގެ ދޮންބަފާ، މަށަށް ބައްޕާއޭ ކިޔާނެކަމެއްނެތް" ޅައުމުރުން ފެށިގެން މިޢުވާނުގެ ކަންފަތަށް ކެނޑިނޭޅި އިވޭ އަޑަކީ އެއީއެވެ. އުފަންވެ ބޮޑުވީ މާލޭގައެވެ. އެހެންނަމަވެސް އޭނާއަކީ މާލޭ ރަށްވެއްސެއްނޫނެވެ. ތިމަރަފުށްޓަކީ މަންމަގެ އުފަން ރަށެވެ. އެހެންނަމަވެސް އެ ރަށުގައި ވެސް އުޅޭނޭ ގެދޮރެއްނެތެވެ. ރަށުގައި ދިރިއުޅެން ބޭނުންނުވާތީ މަންމަ މާލެ ބަދަލުވީއެވެ. ދޮންބައްޕައާ ދިމާވެ ކައިވެނި ކުރީ މިޢުވާނުއަށް ތަނެއްދޮރެއް ވަކިނުވަނީހެވެ. އެހެންވިޔަސް އޭނާދެކެ ދޮންބައްޕަ ލޯތްބެއް ނުވިއެވެ. އޭނާގެ ހަގަށް ހަތަރު ކުދީން ޢާއިލާއަށް އިތުރުވިއިރު ޢާއިލާގައި އުޅޭ ހިލޭ މީހަކީ މިޢުވާނު ފަދައެވެ. މިޢުވާނުގެ އިޙްސާސްތަކާމެދު ވިސްނާ މީހަކު ނެތެވެ. އޭނާގެ މަންމަ ބޭނުންވި ހަމަޖެހޭ ދިރިއުޅުން މާލެއިން ލިބުނީއެވެ. އެ ހުރިހާ ކަމެއްގެ ސަބަބުން މުދަލާއި ފައިސާއަށް މިޢުވާނުގެ ޝައުގުވެރިކަން އުފެދުނީ ޅައުމުރުން ފެށިގެންނެވެ. ފުރިހަމަ ޒުވާނަކަށްވީއިރު ހަޔާތުގައި ޖެހުނު ކަޅު ލައްގަނޑެއް ފަދައިން މުއްސަނދިވުމުގެ ޚިޔާލު މޫލައިފިއެވެ. ވަޒީފާއަކަށް ނުކުންނަންފެށީ ފައިސާ ބޭނުންވެގެންނެވެ. އެހެންނަމަވެސް މަސައްކަތްކޮށްގެން ލިބޭ ޢާމްދަނީއިން އޭނާ ބޭނުންވާ ފަދަ މުއްސަނދި ދިރިއުޅުމެއް ނުހޯދޭނޭކަން ވިސްނުނީއެވެ. ބޭނުންވީ ފަސޭހަ ގޮތް ޚިޔާރުކުރާށެވެ.
ރައްޓެހިންނާއެކު އެއް ކޮފީއިން ފައިބާ އަނެއްކޮފީއަށް އަރައެވެ. މުޅިން ވެސް އެހެން މީހުންގެ އަތުން ޚަރަދުކޮށްގެންނެވެ. އެއްވަޒީފާގައި ގިނަ ދުވަހަކު ހަރެއްނުލައެވެ. ކޮންމެތަނަކުން ދާއިމީ ނުވަނީސް އޮންނަނީ ވަކިވާންޖެހިފައެވެ. އެހެންނަމަވެސް މިޢުވާނަކީ ރީތި ސިފައެއް ލިބިފައިވާ ޒުވާނެކެވެ. އަންހެންކުދީންގެ ސަމާލުކަން އޭނާގެ ސިފައަށް ހުއްޓެއެވެ. ކަމުނުދަނީ އޭނާގެ ހަރުދަނާކަމެއްނެތީމައެވެ. އެންމެން ގާތު ފަޚުރުވެރިކަމާއެކު ބުނެލަނީ އޭނާއަކީ މާލޭ މީހެއްކަމުގައެވެ. އުޅެނީ އަމިއްލަ ގޭގައި ކަމެވެ. ކުދި ދޮގުތައް ހަދަމުން ގޮސް ކިތަންމެ ބޮޑު އޮޅުވާލުމެއް އޮޅުވާލަން ވެސް މިޢުވާނު ފަހަކަށް ނުޖެހުނެވެ.
ރަތްކުލައިގެ ކުރު އިސްތަށިގަނޑެއް ލިބިފައިވާ އަންހެންކުއްޖާ ފުރަތަމަ ފަހަރަށް މިޢުވާނުގެ ލޮލުގައި އަޅައިގަތީ ވެސް އޭނާގެ އިސްތަށިގަނޑުގެ ކުލައިގެ ސަބަބުންނެވެ. ކޮފީއަކުން ފައިބައިގެން ގެއާ ދިމާއަށް އައި މިޢުވާނާއި އެ އަންހެންކުއްޖާއާ އިއްތިފާގަކުން ދެވުނީ އެއްމަގަކުން ކަމަށްވާތީ އެ އަންހެންކުއްޖާ ވަން ގެ މިޢުވާނަށް ފެނުނީވެ. އެ ދުވަހު އިރުކޮޅެއް ވަންދެން އެ ގޭގެ ދޮރޯށްޓާއި ދިމާއަށް ބަލަހައްޓައިގެން މިޢުވާނަށް ހުރެވުނެވެ. ވަރަށް އާދައިގެކޮށް ހަދާފައި ހުރި އެ ގޭގެ ބޮޑުމިން ބޭރުން ބަލާލާފައި މިޢުވާނަށް ޚިޔާލުކޮށްލެވުނެވެ. މާލެއިން ބިމެއް ހޯދުމަކީ މިޢުވާނު ދެކެމުން އަންނަ ހުވަފެނެކެވެ. ނިމްރާގެ މައްޗަށް މިޢުވާނު ޝައުގުވެރިކުރުވީ އެ ބޮޑު ގޯއްޗެވެ. ނިމްރާއާ ގުޅުމެއް އުފައްދަން އޭނާ މަސައްކަތް ފެށީ ދެނެވެ. ގަހުގައި ފޮޅިފައި އިން ތާޒާ މަލެއްކަން މިޢުވާނަށް އެނގުމުން ބިނދެލުމުގެ ޝައުގުވެރިކަން ވެސް އިތުރުވީއެވެ.
އަތުގައި އޮތް ލީފްލެޓު މޭޒު މައްޗަށް ދޫކޮށްލުމާއެކު މިޢުވާނު ކޮޅަށް ތެދުވީ ހުޅުވިގެން ދިޔަ އެލެވޭޓާ ތެރެއިން ނުކުތް ނިމްރާ ފެނިފައެވެ. ބޭއިޚްތިޔާރުގައި ކަހަލަ ގޮތަކަށް އިރުކޮޅަކު ނިމްރާއަށް ބަލަން މިޢުވާނު ހުއްޓެވެ. އެއީ ހަމަ އޭނާ ރައްޓެހިވި ނިމްރާބާއޭ މިޢުވާނުގެ ހިތަށް އެރިއެވެ. ބޮޑެތި ޓީޝާޓާއި ގަމީސް ފަދަ ހެދުން އަޅައިއުޅުނު ނިމްރާއާ ކުރިމަތިން މިޢުވާނަށް ފެނުނު ނިމްރާ އުޑާއި ބިމާހާ ތަފާތެވެ. ކަޅާއިހުދުގެ ޓާޓަން ޑިޒައިން ފޮއްޗާއި އާދައިގެ ކަޅު ފޮއްޗާއި ގުޅުވައިގެން އަތްކުރުކޮށް ކަކުލުން ތިރިއަށްވާގޮތަށް ޒަމާނީ ވައްޓަފާޅިއަކަށް ފަހާފައި ހުރި "ޕެންސިލްޑްރެސް"ގައި ނިމްރާ ފެންނަނީ އަންހެންވަންތަކޮށެވެ. ކޮޅަށް އޫކޮށް ހުރި ކަޅުކުލައިގެ "ކްރިސްޓިއަން ލުބުޓާން" ބޫޓުގައި ރަންވޭ މޮޑެލްއެއްހެން ފައިހަމަކުރަމުން އައި ނިމްރާއަށް ބޫޓުގެ އުސްކަން ހަނދާން ހުރި ހެނެއް ވެސް ހިޔެއްނުވެއެވެ. މިޢުވާނުގެ ނަޒަރު ނިމްރާގެ ހަށިގަނޑުގައި އަޅައިގަތެވެ. ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިކޮށްލަމުން ނިމްރާއާ ހަތަރުކަޅި ބައްދަލުކޮށްލިއެވެ. އެހިނދު ނުރުހުންތެރި ބެލުމަކުން ނިމްރާ ބޮލުން އިޝާރާތްކޮށްލީ އޭނާއާއެކު އައުމަށެވެ.
މިޢުވާނަށް މަޑުކުރުމެއްނެތި ނިމްރާ ލޮބީއިން ނުކުމެ ހޮޓެލްގެ ޕާކިން އޭރިއަށް އައެވެ. އެ ތަނުގައި ޕާކުކޮށްފައި އޮތް ކާރެއްގެ ކައިރީ މަޑުކޮށްލުމާއެކު ނިމްރާ ދެއަތްއުރާލައި މިޢުވާނަށް ބަލާލިއެވެ. ނިމްރާއާ ދިމާ ކުރިމަތިވާނޭހެން މިޢުވާނު ހުއްޓެވެ. ދެން ވެސް ނިމްރާއަށް ބަލަން ހުރެ އޭނާ ހިނިތުންވެލީއެވެ.
"ތިބުނަން އުޅޭ އެއްޗެއް ބުނެބަލަ" ފޯނުން ގަޑި ބަލާލައިފައި ނިމްރާ ބުނެލިއެވެ.
"ވާއު!... ނީމް ކުރިއަށްވުރެ ހިކިއްޖެ... ފޮޓޯއިން ފެނުނު އިރަށްވުރެ ކުރިމަތިން ފެނުނީމަ ވަކިން ރީތި، ކޮންއިރަކު ތިގޮތަށް ހެދުން އަޅަން ފެށީ... ޔޫ އާ ލުކިން އެމޭޒިން، ވަރަށް ސެކްސީ އިނގޭ" މިޢުވާނުގެ ވާހަކަތައް އިވުމާއެކު ނިމްރާއަށް ދަތްކުނޑި ވިކާލެވުނެވެ.
"ބޭކާރު ވާހަކަނުދައްކާ... އެންއާރު ކޮމްޕެނީއާ ނުގުޅޭ ވާހަކައެއް އަޑުއެހުމުގެ ޝައުގުވެރިކަމެއް ކުޑަކޮށް ވެސް ނެތް" ނިމްރާ ހަރުކަށިކަމާއެކު ބުނެލިއެވެ.
"ނީމް! އަހަރެން އެހެން ބުނީ ނީމްއާ މީޓުކޮށްލަން ބޭނުންވެގެން، ހުޅުމާލެއިން ފެނުނު ފަހުން ނުފެނޭވިއްޔާ، އެ ދުވަހު ވެސް ހުރީ ވާހަކަދައްކާލަން ބޭނުންވެފައި، ދެން ފެނުނީ ނޫހުން، މި ހޮޓެލް ހުޅުވުމުގެ ރަސްމިއްޔާތުގައި ނަގާފައި ހުރި ފޮޓާތައް ނޫހުގައި ހުއްޓާ، އެ ތަނުން ފޮޓޯއަކުން ނީމް ފެނުނީ... ދެން އެނގުނީ މި ހޮޓެލްގައިކަން ވޯކްކުރަނީ... މީ ނީމްގެ ގެއެއްނު، ކިހިނެއް މިތަން ހޯދީ" ވާހަކައިގައި ހުރެ ކުރިއަށް މިޢުވާނު ފިޔަވަޅެއް އަޅާލިއެވެ. އެއާއެކު ނިމްރާ ފަހަތަށް ޖެހިލިއެވެ.
"ތި ދެއްކީ މިޢުވާނަށް އެނގުން މުހިންމު ވާހަކަތަކެއްނޫން... އަހަރެން ދަނީ" ނިމްރާ ދާން އެނބުރިލި ހިނދު މިޢުވާނު އަތްދަމާލާ ހުރަސް އެޅިއެވެ.
"ޕްލީޒް މަޑުކޮށްބަލަ... ނީމް! އަހަންނަށް ނީމްގެ މަތިން ހަނދާންނައްތައެއްނުލެވުނު، އަހަންނަށް އެނގޭ އަހަރެން ކަންތައްކުރި ގޮތް، ނީމް ޕްލީޒް! އަހަރެން ބޭނުން ނީމް" މިޢުވާނު ބުނެލިއެވެ. ނިމްރާ ހުރީ އަޖައިބުވެފައެވެ. މިޢުވާނަށް ބަލަން ހުރި ގޮތަށް ބަސްހުއްޓިފައެވެ.
"ނީމް" މިޢުވާނު ކުރިއަށް ޖެހިލާ ނިމްރާގެ ދެއަތުގައި ހިފާލަން އުޅުނެވެ. ނަމަވެސް ނިމްރާ އޭނާގެ އަތް ފޮޅާލީ ނަޖިހެއް ފޮޅާލާ އުސޫލުންނެވެ.
"ގައިގަ އަތްނުލާތި، ބުނަން... ކަލެއާ ބައްދަލުކުރާކަށް އަހަރެން ދުވަހަކުވެސް ބޭނުމެއްނޫން، ބަލަ މީ އަދިވެސް އެ ނިމްރާއޭ، އަންހެނަކަށް ވެސް ނުވި ނިމްރާ މީ، އަހަރެން ކަހަލަ ގަމާރު އަންހެނަކާއި ތިކަހަލަ ބުއްދިވެރިއަކާ ނުވެސް ގުޅޭނެ، ނޫންތަ!... އަހަރެން ހުންނަ ގޮތުން ފިރިހެނަކު ބަލާލާކަށް ވެސް ބޭނުމެއްނުވާނެ، ތިކަހަލަ ސިފަ ރީތި ފިރިހެނަކު އަހަރެން ކަހަލަ ހުތުރު މީހަކު ޚިޔާރުކުރަނީ ކީއްކުރަން، މިހާރު އަހަރެން އަތުގައި ކަލެއަށް ދޭނޭ އެކައްޗެއް ވެސް ނެތް، ކުރިއަށްވުރެ ވެސް ބޭކާރު މީހެއް މިހާރު އަހަންނަކީ... އައި އޭމް ނަތިންގް... ޖަސްޓް ނަތިންގް... އަދި ބުނަން، އެންއާރް ކޮންޕެނީއޭ ކިޔާފައި ކަލޭ ދެން ނާނައްޗޭ، އެ ކޮންޕެނީ ކަލެއަށް، އަހަރެން ބޭނުމެއްނޫން... ކަލޭ ދުށުމަކީ ވެސް އަހަންނަށް ކެތްވާވަރުކަމެއްނޫން، އަބަދުވެސް ކަލޭގެ ގާލްފްރެންޑަކީ ކާކުކަން އަހަންނަށް ބުނެދިނީމެއްނު، އެހެންވީމަ އެ މީހަކާއެކު އުފަލުގައި އުޅުން މާރަނގަޅުވާނެ" ހަނދާންކުރަން ބޭނުންނުވިޔަސް އެ ހަނދާންތައް ނިމްރާއަށް އަލުން އާވިއެވެ. ރުޅިއާއި ހިތްދަތިކަމުގެ އިތުރުން އެތައް ޖަޒުބާތެއް އެއްފަހަރާ އިޙްސާސްކުރެވިގެންދިއުމާއެކު ނިމްރާ ފެންކަޅިވިއެވެ.
"އަހަރެން ސުދާއާ ރުޅިވެއްޖައިން... ނީމްއާ ވަކިވީމަ އެނގުނީ ހަޤީޤީ ލޯބިވަނީ ނީމްދެކެކަން، އަހަރެން އަލުން ރައްޓެހިވާން ބޭނުން، އަހަރެމެން ދެ މީހުންވެގެން އެންއާރް ކޮންޕެނީ ހިންގާނީ، އައި ވޯންޓް އަ ލައިފް ވިތް ޔޫ، އައި މިސްޑް ޔޫ ސޯ މަޗް" މިޢުވާނު އަނެއްކާ ވެސް ކުރިއަށް ޖެހިލިއެވެ. ނިމްރާ ދެފަރާތަށް ބޯހޫރުވާލާފައި ދާން ހިނގައިގަތުމުން މިޢުވާނު އޭނާ ހުއްޓުވިއެވެ.
"އަތުން ދޫކޮށްލާ" ނިމްރާ ރުޅިވެރިކަމާއެކު ބުނެލިއެވެ.
"އަހަރެމެން ދެ މީހުންގެ ދެމެދުގައި އޮތީ އާދައިގެ ގުޅުމެއްނޫންކަން ނީމްއަށް އެނގޭނެ، އައި ވޯންޓް ޔޫ ބެކް... ނީމް ޕްލީޒް" ނިމްރާ ދުރަށްދާން ގަދަހަދަމުން ދަނިކޮށް މިޢުވާނު ބުނެލީ ތަންކޮޅެއް ބާރަށެވެ. އަދި ނިމްރާގެ އަތުގައި ހިފާ ގާތަށް ދަމާލަން އުޅެނިކޮށް އެ މީހުން ތިބި ކާރުގެ ކައިރިއަށް އައިސް ހުއްޓުނުތަން ފެނުނީ ފިރިހެނެކެވެ.
"ދެއާ ޔޫ އާ... ކޮންއިރެއް ހޯދާތާ... ލެޓްސް ގޯ ބޭބް" ނިމްރާގެ އުނަގަނޑުގައި ހިފާލަމުން އަރްސަލް ބުނެލީ ހިނިއައިސްފައި ހުރެއެވެ. އަދި ނިމްރާގެ އަތަށް ބަލާލާފައި މިޢުވާނަށް އޭނާ ބަލާލިއެވެ. ނިމްރާގެ ހަރަކާތް ވަގުތުން ހުއްޓި ހިލަ ބުދަކަށްވީ ކަހަލައެވެ. އޭނާ ލޮލުން ފާޅުވީ ބިރުވެރިކަމާއި ކަންބޮޑުވުމެވެ. އަރްސަލްއަށް އެތަނަށް އަންނަން އެނގުނު ގޮތަކާމެދު ވިސްނާލިއަސް އެވަގުތު ނިމްރާގެ ސިކުނޑި މަސައްކަތެއްނުކުރިއެވެ. އަނެއްކޮޅުން މިޢުވާނު އަދިވެސް ހުރީ ނިމްރާގެ އަތުގައި ހިފަހައްޓައިގެންނެވެ.
"ތީ ކާކު؟" އަރްސަލްއަށް މިޢުވާނު ފެނުމާއެކު އޭނާ ދެނެގަންނަން އެނގުނު ނަމަވެސް އެކަން ފާޅެއް ނުކުރިއެވެ. ހަމައެއާއެކު ހިތާއި ސިކުނޑީގައި ކެކިއަރަމުންދިޔަ ރުޅިވެރިކަމުގެ އަސަރު ވެސް އަރްސަލް ފޮރުވާލީއެވެ. ނިމްރާގެ އަތުގައި ހިފީތީ މިޢުވާނުގެ އަތް ފުނޑުފުނޑުކޮށްލަން އަރްސަލް ބޭނުންވިއެވެ. މިޢުވާނަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް އޭނާގެ އަތުގެ ތެރެއިން ނިމްރާގެ އަތް އަރްސަލް ނައްޓުވާލައިފިއެވެ. އަރްސަލް ވާހަކަދެއްކި ރާގާއި އޭނާގެ ބަސްމަގު ހުރި ގޮތުން މިޢުވާނަށް ނަގައިގަނެވުނީ މުޅިން އެހެން މާނައެކެވެ.
"ބިޓެއް ނެގީތަ؟" މިޢުވާނު އަހާލީ ނިމްރާއަށް ބަލަން ހުރެއެވެ.
"ލެޓްސް ގޯ" ހިތްވަރުކޮށްފައި ނިމްރާ ބުނެލުމާއެކު ދުރަށް ހިނގައިގަތެވެ. އަރްސަލް ވެސް ހިނގައިގަތީ ނިމްރާގެ އުނަގަނޑުގައި ހިފައި ގާތްކޮށްލައިގެން ހުރެއެވެ. އެ ދެ މީހުން ދިޔަ ދިމާލަށް ބަލަން މިޢުވާނަށް ހުރެވުނީއެވެ. އިރުކޮޅަކު ހުރެފައި އޭނާ ހީނގަނެއްޖެއެވެ. އަދި އިސްތަށިގަނޑުގައި އަތް ހިންގާލާފައި ދެފަރާތަށް ބޯހޫރާލިއެވެ.
"އަހަރެން ހީކުރި ވަރަށްވުރެ ނީމް މާ ބޯބޮޑު... އަހަންނަށް ހީވީ ރަނގަޅަށް، ފޮޓޯގައި ފެނިފަ ވެސް ހީވިއޭ އެ ފިރިހެން ގޮލައާ ކަމެއް އޮތިއްޔޭ، އެހެންވިޔަސް ހަމަ އަސްލަށް ވެސް ނީމް މިހާރު ހާދަ ލޯތްބޭ، އެހެންމީހަކު ބޭނުންކުރަން ދޭހިތެއްނެތް" މަގުމައްޗަށް ނުކުންނަން ހިނގައިގަތް މިޢުވާނުގެ ހިތުގައި ވިއެވެ. (ނުނިމޭ)