ހަބަރު

ޑިގްރީއެއް ނެތަސް ނޫސްތަކުގެ އެޑިޓަރުކަން ކުރެވޭ ގޮތަށް ހަދައިފި

ޑިގްރީއެއް ނެތަސް ނޫސް މަޖައްލާތަކުގެ އެޑިޓަރުކަން ކުރެވޭ ގޮތަށް ހޯމް މިނިސްޓްރީ އިން ގަވާއިދު ބަދަލުކޮށްފި އެވެ. މިއީ ކުރިން ވެސް އެ ގަވާއިދު އޮތް ގޮތެވެ.

ނޫސް މަޖައްލާތައް ރަޖިސްޓްރީ ކުރުމުގެ ގަވާއިދަށް ހޯމް މިނިސްޓްރީ އިން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ގެނައި ބަދަލާއެކު ނޫސް މަޖައްލާތަކުގެ އެޑިޓަރުންގެ ޝަރުތެއްގެ ގޮތުގައި ކަނޑަައަޅާފައި ވަނީ ނޫސްވެރިކަމުގެ ދާއިރާއިން ނުުވަތަ ގުޅުންހުރި ދާއިރާއަކުން ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު ހޯމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ޝާއިއުކުރާ ނޫހެއްގައި ފަސް އަހަރު ދުވަހު މަސައްކަތްކޮށްފައިވުމެވެ. މީގެ ކުރިން އޮންނަނީ ފަސް އަހަރުގެ ތަޖުރިބާ ނުވަތަ ޑިގްރީއެކެވެ.

ގަވާއިދު އިސްލާހު ކުރުމުން، އެޑިޓަރުންނާ ގުޅޭ މާއްދާއާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް ހޯމް މިނިސްޓްރީއާއެކު މަޝްވަރާ ކުރުމުން އެ މިނިސްޓްރީ އިން ވަނީ އަލަށް ކަނޑައެޅި ޝަރުތުތައް ހަމަ ނުވާ އެޑިޓަރުން އެ ޝަރުތުތަކަށް ފެތެން 18 މަސް ދުވަސްދީ، އެޑިޓަރުންނަށް ހާއްސަ ޑިގްރީ ކޯހެއް އެކުލަވައިލުމުގެ މަސައްކަތް ފަށައިފަ އެވެ.

ނަމަވެސް ހޯމް މިނިސްޓްރީ އިން މިއަދު ވަނީ ޑިގްރީއެއް ނެތަސް އެޑިޓަރުކަން ކުރެވޭ ގޮތަށް ގަވައިދު އިސްލާހުކޮށް، ގެޒެޓުކޮށްފަ އެވެ. އެގޮތުން ނޫސްވެރިކަމުގެ ދައިރާއިން ޑިގްރީއެއް ހާސިލުކޮށްފައިވުން ނުވަތަ ނޫސްވެރިކަމުގެ ދާއިރާއިން ހަތް އަހަރު ދުވަސް މަސައްކަތްކޮށްފައިވުމުން ޝަރުތު ފުރިހަމަވާ ގޮތަށް އެ ގަވައިދު ވަނީ ބަދަލުކޮށްފަ އެވެ.