ކުޅިވަރު

ޕްރިމިއާ ލީގްގެ ކުރީ ޑިފެންޑަރު ސާފް ޗެމްޕިއަންޝިޕަށް

އަންނަ ސެޕްޓެމްބަރު މަހު ބަންގުލަދޭޝްގައި ބާއްވާ، ސާފް ސުޒުކީ ކަޕް ނުވަތަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަ ކުރާ ޕާކިސްތާނުގެ ޓީމުގައި ފުލަހަމްގެ ކުރީގެ ޑިފެންޑަރު ޒީޝާން ރަހްމާން [ޒޭޝް] ހިމަނައިފި އެވެ.

ޕާކިސްތާންގެ ގައުމީ ޓީމުގެ އޮފިޝަލަކު އެ ގައުމުގެ މީޑިއާތަކަށް ބުނެފައި ވަނީ ސާފް ޗެމްޕިއަންޝިޕް ފެށެން ހަތަރު ދުވަހަށްވާއިރު ޕާކިސްތާންގެ ޓީމާ އޭނާ ގުޅޭނެ ކަމަށެވެ. މިހާރު އޭނާ ކުޅެމުން ދަނީ ހޮންކޮންގްގެ ޕްރިމިއާ ލީގްގަ އެވެ.

ޕާކިސްތާންގެ ކެޕްޓަންކަންވެސް ކުރިން ކުރި، ޒޭޝް ރަހްމާން ވަނީ 2003 ން 2006 އަށް ފުލަހަމްއަށް ކުޅެފަ އެވެ. އަދި އޭނާ މީގެ ކުރިން ވެސް ވަނީ ސާފް ޗެމްޕިއަންޝިޕްގައި ވާދަކޮށްފަ އެވެ. ޕްރިމިއާ ލީގްގައި އޭނާ އެންމެ ފުރަތަމަ ކުޅުނު މެޗަކީ 2003/2004 ވަނަ އަހަރު ސީޒަންގެ ދެ ވަނަ ހާފުގައި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެއީ އޭނާގެ އުމުރުން 21 އަހަރުގަ އެވެ.

ޑެންމާކުގެ ސްޕަ ލީގްގައި ކުޅެމުންދާ ވިންގާ އަދުނާން މުހައްމަދު ވެސް ސާފް ޗެމްޕިއަންޝިޕްގައި ޕާކިސްތާން ޓީމާ ގުޅޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. ޑެންމާކުގެ ހެލިސިންގޯ އެފްސީއަށް ކުޅެމުންދާ އަދުނާން، 21 ޕާކިސްތާނާ ސްކޮޑާ ގުޅޭނީ އަންނަ މަހު 25 ގަ އެވެ.

ޑެންމާކުގެ ދެ ވަނަ ޑިވިޝަންގައި ކުޅެމުން އަންނަ ފޯވަޑް ހަސަން ބަޝީރުވެސް ވަނީ ޕާކިސްތާންގެ ސްކޮޑުގައި ހިމަނާފަ އެވެ. އަދި ޑެންމާކުގައި ކުޅެމުންދާ މުހައްމަދު އަލީ އާއި އެމެރިކާގައި ކުޅެމުންދާ އަބްދުﷲ ގާޒީ ވެސް ޕާކިސްތާނުގެ ސްކޮޑުގައި ހިމެނެ އެވެ. ނަމަވެސް ތުރުކީގައި ކުޅެމުންދާ ކަލީމްﷲ ޚާން އަށް ގައުމީ ޓީމަށް ދޫކުރާކަށް އެ ކުލަބުން އެއްބަހެއް ނުވެ އެވެ.

ޕާކިސްތާންގެ 23 އަހަރުން ދަށުގެ ޓީމާއި ސީނިއާ ޓީމުވެސް ވަނީ ބްހަރެއިންގައި ޓްރެއިނިން އަށް ކޭމްޕް ކޮށްފަ އެވެ. ޕާކިސްތާންގެ 23 އަހަރުން ދަށުގެ ޓީމު ތައްޔާރު ވަމުން ދަނީ އަންނަ މަހު އިންޑޮނޭޝިއާގައި ބާއްވާ އޭޝިއަން ގޭމްސްގައި ވާދަ ކުރުމަށެވެ. ފީފާއިން ކުރިމަތި ކުރި ސަސްޕެންޝަން އުވާލުމުން ޕާކިސްތާނުން ދަނީ އެގައުމުގެ ފުޓްބޯޅަ އަލުން ކޮޅަށް ނެގުމުގެ މަސައްކަތް ކުރަމުންނެވެ.

ސެޕްޓްމެމްބަރު ހަތަރަކުން 15 އަށް ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ޕާކިސްތާން ހިމެނެނީ، މުބާރާތް ބާއްވާ ގައުމު ބަންގްލަދޭޝް އާއި ނޭޕާލާއި ބޫޓާން އާއެކު ގުރޫޕް "އޭ" ގަ އެވެ.