އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅިގެން ދައުވާކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޮޑެތި ތުހުމަތުތަކެއް ރައީސް އަބްދުﷲ ޔާމީނަށް މިއަދު އަމާޒު ކުރައްވައިފި އެވެ.
އެމްއެމްޕީއާރްސީއަށް ޓޫރިޒަމް މިނިސްޓްރީން ދޫކުރި 10 ރަށެއްގެ މައްސަލާގައި އަދީބުގެ މައްޗަށް 10 ދައުވާ ވަނީ ކޮށްފަ އެވެ. އޭނާގެ މައްޗަށް ކޮށްފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން ނާޖައިޒު ފައިދާ ހޯދައިދިނުމުގެ ދައުވާ އެވެ. އެ ދައުވާތަކުގެ އިބްތިދާއީ އަޑުއެހުމެއް މިއަދު ވަނީ ބާއްވާފަ އެވެ.
ދައުވާތައް ދައުލަތުން މިއަދު އިއްވުމުން އަދީބު ވަނީ 10 ދައުވާއަށް ވެސް އިންކާރު ކުރައްވާފަ އެވެ. އަދި ޖަވާބުދާރީވުމުގެ ގޮތުން ގިނަ ވާހަކަތަކެއް ދައްކަވާފަ އެވެ. އޭނާގެ އެންމެ ބޮޑު ތުހުމަތެއް އަމާޒުވީ ރައީސް ޔާމީނަށެވެ.
ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން އަދީބު ވިދާޅުވީ، އެމްއެމްޕީއާރްސީގެ ކޮރަޕްޝަނަކީ މިހާތަނަށް ހިނގާފައިވާ އެންމެ ބޮޑު ކޮރަޕްޝަނަށްވާއިރު އެކަން ތަހުގީގުކުރުމަށް އޭސީސީއަށް ތިން އަހަރު ނެގި ކަމަށާއި އެ ތަހުގީގުން އޭނާގެ މައްޗަށް ދައުވާކުރަން ލިބުނީ އެންމެ 10 މައްސަލަ ކަމަށެވެ. އަދި އެއީ ވެސް ހިޔާނާތުގެ ދައުވާތަކެއް ނޫން ކަމަށާއި އެއްވެސް ފައިސާއެއްގެ ދައުވާއެއް ވެސް އޭނާއަަށް ކޮށްފައިނުވާކަން ފާހަގަކުރެއްވި އެވެ.
އަދީބު ވިދާޅުވީ، އޭނާ ޓޫރިޒަމް މިނިސްޓަރުގެ ކަމުގެ މަގާމަށް ވަޑައިގެންނެވިއިރު ރާއްޖެ އޮތީ ސިޔާސީ ހަމަނުޖެހުމެއްގެ ތެރޭގަ ކަމަށާއި އޭނާގެ މަސައްކަތަކަށްވީ ރާއްޖޭގެ އިގްތިސޯދު ކޮޅަށް ނެގުން ކަމަށެވެ. އޭނާ މަގާމާ ހަވާލުވިއިރު ރާއްޖޭގައި 100 ރިސޯޓް އޮތް ނަމަވެސް އޭނާ ދޫކުރި ރަށްތަކުގެ ތެރެއިން މިހާތަނަށް 35 ރިސޯޓެއް ހުޅުވައި އިތުރު ރިސޯޓްތަކެއް ވެސް ހުޅުވުމުގެ މަގުމަތީގައި ހުރިކަން ފާހަގަކުރެއްވި އެވެ.
"2012 އަދި 2013 ގައި އަޅުގަނޑު ޓޫރިޒަމް މިނިސްޓްރީން ދޫކުރާ ރަށްތަކަށް ދައްކާ ކުލި ޖަމާކުރަމުން ދިޔައީ މީރާއަށް، އެކަމަކު އެކަން 2014 ވަނަ އަހަރުގެ ތެރޭގައި ބަދަލު ކުރެއްވީ ރައީސް، ރައީސް ނިންމެވީ ހުރިހާ ފައިސާއެއް އެމްއެމްޕީއާރްސީއަށް ޖަމާކުރާ ގޮތަށް، އޭގެ ފަހުން އަމަލުކުރަމުން ދިޔައީ އެގޮތަށް،" އަދީބު ވިދާޅުވި އެވެ.
އަދީބު ވިދާޅުވީ، ރާއްޖެ އާއި ރާއްޖެއިން އެތައް އިންވެސްޓަރުންނެއް އޭނާ ހޯއްދެވި ކަމަށާއި ރިސޯޓްތައް ހަދަން ހަވާލުކުރީ އެކަން ކުރެވޭވަރުގެ މީހުންނަށް ކަމަށެވެ. އެކަން ސާބިތުވާ ކަމަކީ މިހާރު ވެސް އެ ރިސޯޓްތަކުގެ މަސައްކަތް ކުރިއަށްދާތީ އާއި އެ އެއްބަސްވުންތައް ބާތިލު ވެސް ސަރުކާރުން ކޮށްފައިނުވާތީ ކަމަށެވެ.
"2014 އަދި 2015 ވަނަ އަހަރު އިގްތިސޯދު ހިންގަން ހަވާލުކުރީ އަޅުގަނޑާ، ގައުމު ހިންގީ އަޅުގަނޑު، އިކޮނޮމިކް ކައުންސިލްގައި ވެސް ގިނަ މަސައްކަތްތަކެއް ކުރިން، ބްރިޖާއި ހުޅުމާލެ ދެވަނަ ފިޔަވައްސަކީ އަޅުގަނޑު މަސައްކަތް، މިއަދު އަޅުގަނޑު ޖަލުގެ ކުޑަ ގޮޅިއަށް ލާފައި އޮތް ނަމަވެސް ބްރިޖް ނިމިގެން ދާތީ އުފާވޭ، އަޅުގަނޑު ގައުމަށް ކޮށް ދިނީ އިހްލާސްތެރި މަސައްކަތްތަކެއް،" އަދީބު ވިދާޅުވި އެވެ.
ގައުމު ހިންގަން އޭނާއާ ހަވާލުކުރެއްވުމަށްފަހު ރައީސް ޔާމީން ހަވާލުވެޑައިގަތީ ޑޮލަރު ޖަމާކުރުމާއި މާރުކުރުމުގެ މަސައްކަތާ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ. އަދީބު ވިދާޅުވީ، ރަށްތައް ކުއްޔަށް ދޫކޮށް ލިބޭ ފައިސާތައް އެމްއެމްޕީއާރްސީގެ އެކައުންޓަށް ޖަމާކުރުމަށްފަހު އެހެން ކުންފުނިތަކަށް ފައިސާތައް ޓްރާންސްފާކޮށް އެ ނަގުދު ފައިސާގެ ގޮތުގައި ނަގައިގެން ގެންދަނީ ރައީސް ޔާމީން ދިރިއުޅުއްވާ ގެކޮޅަށް ކަމަށެވެ.
"އެ ގޭގައި އެ ފައިސާތައް ގުނަނީ، އެ ގޭގެ ކޮޓަރިއެެއްގައި އެ ގޭގައި އުޅޭ ބަންގާޅީއަކާއެކު ފައިސާތައް ގުނުމުގެ މަސައްކަތް ރައީސް ކުރެއްވީ، އެގޮތުގެ މަތިން 80 މިލިއަން ޑޮލަރު އެ ގެއަށް ވެއްދި،" އަދީބު ވިދާޅުވި އެވެ.
އެމްއެމްޕީއާރްސީގެ ތެރެއިން ގެއްލިގެން އުޅެނީ 80 މިލިއަން ޑޮލަރު ކަމަށްވާއިރު އޭގެ ތެރެއިން އެއް މިލިއަން ޑޮލަރު ރައީސްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަކީ ލިޔެކިޔުންތަކުން ފެންނަން އޮތް ކަމެއް ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.
ވަރަށް ޖޯޝުގައި ވާހަކަ ދައްކަވަމުން އަދީބު ވިދާޅުވީ، އޭނާގެ މައްޗަށް ކޮށްގެން އުޅޭ ދައުވާތަކަކީ އެ ވައްކަން ފޮރުވުމަށާއި ފައިސާގެ ދަހިވެތިކަމުގައި ކޮށްފައިވާ ދައުވާތަކެއް ކަމަށެވެ. އެ ވާހަކަތައް ނުދައްކަން އޭނާއަށް އަންގާފައިވާ ކަމަށާއި ޖަލުގައި ދެރަ ގޮތެއް ވެދާނެ ކަމަށް ވެސް އަންގާފައިވާ ކަމަށެވެ. އެހެންނަމަވެސް އޭނާ ނުކުރާ ކަމަކަށް އެއްބަހެއް ނުވާނެ ކަމަށް އަދީބު ވިދާޅުވި އެވެ.
"ސިމެންތި އައްޓެއްގައި ގަބުރެއްހެން އޮންނަން ޖެހުނަސް ނުކުރާ ކަމަކަށް އެއްބަހެއް ނުވާނަން، ބޭސްފަރުވާ ނުދީ އަޅުގަނޑުގެ ލޯ އަނދިރިކޮށްލިޔަސް އެއްބަހެއް ނުވާނަން، އަޅުގަނޑުގެ ފިކުރަކީ އިގްތިސޯދީ ފިކުރެއް،" އަދީމބު ވިދާޅުވި އެވެ.
ދައުވާކުރި މައްސަލަަތައް
- ރ. ރާފުށި އެމްއެމްޕީއާރްސީއަށް 50 އަހަރަށް ދިން މައްސަލަ
- ނ. މާކަނާފުށި އެމްއެމްޕީއާރްސީއަށް 50 އަހަރަށް ދިން މައްސަލަ
- ބ. މަޑުއްވަރީ އެމްއެމްޕީއާރްސީއަށް 50 އަހަރަށް ދިން މައްސަލަ
- އދ. އިންނަފުށި އެމްއެމްޕީއާރްސީއަށް 50 އަހަރަށް ދިން މައްސަލަ
- ރ. އުތުރުމާފަރު އެމްއެމްޕީއާރްސީއަށް 50 އަހަރަށް ދިން މައްސަލަ
- ތ. އެކުރިފުށި އެމްއެމްޕީއާރްސީއަށް 50 އަހަރަށް ދިން މައްސަލަ
- ބ. ލަންދޫ އެމްއެމްޕީއާރްސީއަށް 50 އަހަރަށް ދިން މައްސަލަ
- މާލެ އަތޮޅު ދެ ފަޅެއް އެމްއެމްޕީއާރްސީއަށް 50 އަހަރަށް ދިން މައްސަލަ
ދެ ދައުވާއެއް ކުރިއަށް ނުދިޔަ!
އަދީބުގެ މައްޗަށް 10 ދައުވާ ވެސް ކޮށްފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުންނެވެ. ނަމަވެސް އޭގެ ތެރެއިން ދެ ހާދިސާއަކީ ގާނޫނުލް އުގޫބާތަށް އަމަލުކުރަން ފެށި ފަހުން ހިނގާފައިވާ ދެ ހާދިސާ އެވެ. އަދީބަށް ދައުވާކޮށްފައިވާ ކުށް ގާނޫނުލް އުގޫބާތުގައި ވެސް ބަޔާންކޮށްފައިވެ އެވެ.
އަދީބުގެ ވަކީލް މޫސާ ސިރާޖު ވަނީ އެކަމާ ގުޅޭ ގޮތުން ސުވާލު އުފައްދަވާފަ އެވެ. ސިރާޖު ވިދާޅުވީ، އެހެން ގާނޫނެއްގައި ހިމާނާފައިވާ ކުށެއް ގާނޫނުލްއުގޫބާތުގައި ބަޔާންކޮށްފައިވާނަމަ އިސްކަން ދޭން ޖެހޭނީ ގާނޫނުލް އުގޫބާތަށް ކަމަށެވެ. ދެ ގާނޫނުގައި ބަޔާންކުރާ ކުށުގައި ފުށުންއެރުންތަކެއް އުޅޭ ނަމަވެސް އިސްކަން ދޭން ޖެހޭނީ ގާނޫނުލް އުގޫބާތަށް ކަމަށެވެ.
މީގެކުރިން ވެސް އަދީބުގެ މައްޗަށް ދައުވާތައް އުފުލީ ގާނޫނުލް އުގޫބާތުގެ ދަށުންކަން ސިރާޖު ފާހަގަކުރެއްވި އެވެ.
ދައުލަތުގެ ވަކީލް ރައްދު ދެއްވަމުން ވިދާޅުވީ، ދެ ކުށުގައި ފުށު އެރުންތަކެއް ނޫޅޭ ކަމަށާއި ކޮރަޕްޝަންގެ މައްސަލަތަކުގައި އެކަމަށް ހާއްސަކޮށްފައިވާ ގާނޫނުން ދައުވާ ކުރެވޭނެ ކަމަށެވެ. އަދި އަދަބު ކަނޑައެޅުމުގައި ގާނޫނުލް އުގޫބާތަށް ރިޔާއަތް ކުރެވިދާނެ ކަމަށެވެ.
މި ކުށް ސާބިތުވާނަމަ ކޮރަޕްޝަންގެ ގާނޫނުގެ ދަށުން ދެވޭނީ ތިން އަހަރަށްވުރެ ގިނަ ނޫން އަދަބެކެވެ. ގާނޫނުލް އުގޫބާތުގެ ދަށުން ދެވޭ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހެވެ.
ދައުލަތުގެ ވަކީލް ވިދާޅުވީ، އަދަބު ދިނުމުގައި ވެސް އެގޮތަށް ދައުވާކޮށްފައި އޮތުމުން އަދީބަށް ގެއްލޭނެ ހައްގެއް ނެތް ކަމަށެވެ. ތިން އަހަރަށްވުރެ ބޮޑު ނޫން އަދަބެއް ކޮރަޕްޝަންގެ ގާނޫން ދެވޭއިރު އެ އަދަބަކީ ގާނޫނުލް އުގޫބާތުގައި ކަނޑައަޅާފައިވާ އަސާސީ މިންގަނޑު އަދަބު ކަނޑައެޅޭނެ ކަމަށެވެ.
ސިރާޖު ވިދާޅުވީ، ފުށު އެރުމެއް ނެތް ކަމަށް ދައުލަތުން ބުނި ނަމަވެސް އެކަމާ ބަހުސް ކުރަން ވެސް ޖެހިފައިވަނީ ފުށުއެރުންތަކެއް އޮތީމަ ކަމަށެވެ. އެހެންވެ އެކަމުގައި ޝަރީއަތުން ގޮތެއް ނިންމަވައިދެއްވުމަށް އެދުނެވެ. މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ނިންމެވީ އެ ދެ މައްސަލަ ކުރިއަށް ގެންދިޔުމާ ގުޅޭ ގޮތުން ދެން އަންނަ އަޑުއެހުމެއްގައި ގޮތެއް ނިންމުމަށެވެ.
އަނެއް އަށް މައްސަލާގައި އަދީބު ޖަވާބުދާރީވެފައިވާތީ ދެން އޮންނާނީ ދައުލަތުން އަދީބާ ދެކޮޅަށް ހެކި ހުށަހެޅުމެވެ. އެކަމަށް އަޑުއެހުމެއް އަވަހަށް ތާވަލުކުރައްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.