ހަބަރު

އަދީބު ނާޖައިޒު ފައިދާ ހޯދައިދިނީ އެމްއެމްޕީއާރްސީއަށް: ދައުލަތް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ގަފޫރު ނާޖައިޒު ފައިދާ ހޯދައިދީފައިވަނީ ސަރުކާރުގެ 100 ހިއްސާ އޮންނަ އެމްއެމްޕީއާރްސީއަށް ކަމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މިއަދު ޝަރީއަތުގެ މަޖިލީހުގައި ބުނެފި އެވެ.

ނާޖައިޒު ފައިދާ ހޯދައިދިނުމުގެ 10 ދައުވާއެއް އަދީބުގެ މައްޗަށް ކޮށްފައިވެ އެވެ. އެއީ އެމްއެމްޕީއާރްސީއަށް އަށް ރަށަކާއި މާލެ އަތޮޅު ދެ ފަޅެއް ދިން މައްސަލާގަ އެވެ.

އަދީބުގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގައި ބުނެފައިވަނީ އެއިން ކޮންމެ ރަށެއް ވެސް އަދީބު އެމްއެމްޕީއާރްސީއަށް ދޫކޮށްފައިވަނީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް އެ ރަށަކާ ގުޅޭ ގޮތުން ރައީސް އަބްދުﷲ ޔާމީން ގޮތެއް ނުނިންމަވަނީސް ކަމަށެވެ. އެހެންވެ އެއީ ނާޖައިޒު ފައިދާއެއް ހޯދައިދިނުމަށް އަދީބު ކުރައްވާފައިވާ އަމަލެއް ކަމަށެވެ.

ދައުވާކުރި މައްސަލަަތައް

ރ. ރާފުށި އެމްއެމްޕީއާރްސީއަށް 50 އަހަރަށް ދިން މައްސަލަ ނ. މާކަނާފުށި އެމްއެމްޕީއާރްސީއަށް 50 އަހަރަށް ދިން މައްސަލަ ބ. މަޑުއްވަރީ އެމްއެމްޕީއާރްސީއަށް 50 އަހަރަށް ދިން މައްސަލަ އދ. އިންނަފުށި އެމްއެމްޕީއާރްސީއަށް 50 އަހަރަށް ދިން މައްސަލަ ރ. އުތުރުމާފަރު އެމްއެމްޕީއާރްސީއަށް 50 އަހަރަށް ދިން މައްސަލަ ތ. އެކުރިފުށި އެމްއެމްޕީއާރްސީއަށް 50 އަހަރަށް ދިން މައްސަލަ ބ. ލަންދޫ އެމްއެމްޕީއާރްސީއަށް 50 އަހަރަށް ދިން މައްސަލަ މާލެ އަތޮޅު ދެ ފަޅެއް އެމްއެމްޕީއާރްސީއަށް 50 އަހަރަށް ދިން މައްސަލަ

ދައުވާތައް އިއްވުމުން އަދީބުގެ ވަކީލް މޫސާ ސިރާޖު ކޮޅަށް ތެދުވެޑައިގެން ދައުލަތާ ސުވާލެއް އަމާޒެއް ކުރެއްވި އެވެ. ސިރާޖު އެއްސެވީ އަދީބު ނާޖައިޒު ފައިދާ ހޯދައިދީފައިވަނީ ކޮން ފަރާތަކަށްތޯ އެވެ.

އެއަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ، އަދީބު ނާޖައިޒު ފައިދާ ހޯދައިދީފައިވަނީ އެމްއެމްޕީއާރްސީއަށް ކަމަށެވެ. ސިރާޖު އިތުރު ސުވާލެއް އެއްސެވި އެވެ. އެމްއެމްޕީއާރްސީއަކީ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏެއްތޯ އެވެ.

ޖަވާބުގައި ދައުލަތުގެ ވަކީލް ވިދާޅުވީ، އެމްއެމްޕީއާރްސީއަކީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެއް ކަމަށެވެ.

ސިރާޖު ވިދާޅުވީ، އެހެންވީއިރު ދައުލަތުގެ އިސް މަގާމެއްގައި އަދީބު ހުންނަވާ ނާޖައިޒު ފައިދާ ހޯދައިދިނީ ވެސް ދައުލަތަށް ކަމަށާއި ދައުލަތަށް ނާޖައިޒު ފައިދާ ހޯދައިދީގެން ދައުވާ ކުރަނީ ވެސް ދައުލަތުން ކަމަށެވެ. އެއަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ، އެމްއެމްޕީއާރްސީއަކީ ވަކި ގާނޫނީ ޝަހުސެއް ކަމަށާއި އެެ ކުންފުންޏަކީ ދައުލަތް ކަމަށް ނުބުނެވޭނެ ކަމަށެވެ.

ދައުވާއަށް އަދީބު ވެސް ވަނީ ޖަވާބުދާރީވެފަ އެވެ. އަދީބު ވިދާޅުވީ، އެމްއެމްޕީއާރްސީއަށް ރަށްތައް ދޫކުރަނީ ރައީސް އޮފީހުގައި ބާއްވާ ބައްދަލުވުމަކަށް އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށްފަހު ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ރައީސް ގޮތެއް ނިންމެވި ކަމުގެ ލިޔުން ބައެއް ފަހަރަށް ލަހުން ލިބޭކަން ވެސް އަދީބު ފާހަގަކުރެއްވި އެވެ.