ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި ބެހޭ ބިލަށް، މަދަނީ ޖަމިއްޔާތަކުގެ ހިޔާލާއި ލަފާ ހޯދުމަށް، އެޑްވޮކޭޓިންގް ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އިން މަޝްވަރާ ބައްދަލުވުމެއް ރާވައިފި އެވެ.
އާކްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިހާރު މަޖިލީހަށް ވައްދާފައިވާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބިލަށް އެ ޖަމިއްޔާއިން މަރުހަބާ ކިޔާ ކަމަށެވެ. އެހެން ނަމަވެސް އެ ބިލު ފާސްވެއްޖެނަމަ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެތީ، ބިލް ތަންފީޒްކުރާ ފަރާތްތަކާއި އެފަރާތްތަކާ ގުޅިގެން މަސައްކަތްކުރާ ފަރާތްތަކުގެ ލަފާއާއި މަޝްވަރާ އެ ބިލަށް މުހިއްމުވާތީ، ސަރުކާރުގެ މުއައްސަސާތަކުންނާއި އިދާރާތަކުން ހިޔާލު ހުށަހެޅުމަށް ގޮވާލާފައިވެ އެވެ.
ސަރުކާރުގެ ފަރާތުން ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލު އުސްމާން މަޖިލީހަށް ހުށަހެޅުއްވި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ ބިލް މިހާރުވަނީ ކޮމިޓީ މަރުހަލާގައެވެ. އަދި އެ ބިލް ފާސްވުމުން 1991 އަހަރުން ފެށިގެން ރާއްޖޭގައި އަމަލުކުރަމުން އަންނަ ކުޑަކުދިންގެ ހައްގު ރައްކާތެރިކުރުމުގެ ގާނޫނު އުވޭނެއެވެ.
އާކުން ބުނީ، ބިލާމެދު މަޖިލީހާއި މަޖިލީހުން ބޭރުގައި ބާއްވާ މަޝްވަރާތަކަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާއި ކުޑަކުދިން ރައްކާތެރިކުރުމުގެ ނިޒާމް އިތުރަށް ހަރުދަނާކުރުމަށް ލިބޭ އިތުރު ފުރުސަތެއް ކަމަށެވެ. ހާއްސަކޮށް، އެބިލާމެދު ދައުލަތުގެ އިދާރާތަކާއި އަމިއްލަ ޖަމިއްޔާތަކާއި އަދި އާއްމުންގެ ހިޔާލު ހޯދުން މުހިއްމު ކަމަކަށް ވާއިރު، ޖަމިއްޔާތަކަށް ބާއްވާ މަޝްވަރާ ބައްދަލުވުމުގައި ބިލުގައި ހިމަނާފައިވާ ވަކި ވަކި ކަންކަމަށް މަޝްވަރާކުރާނެ ކަމަށެވެ.
އާކްގެ މަޝްވަރާ ބައްދަލުވުމުގައި ކުދިންނާއި އިންސާނީ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާތަކާއި، ނުކުޅެދުންތެރިކަން ހުންނަ ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި، އާއިލާތަކުގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި، މަސްތުވާތަކެތިން ކުޑަކުދިން ދުރުކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި އަދި ސިޔާސީ އަދި މަދަނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ބައިވެރިވާނެ ކަމަށް ވެސް އެ ޖަމިއްޔާއިން ބުނެ އެވެ.
"މި ބިލް ފާސްވެއްޖެނަމަ، ރާއްޖޭގަ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރާ ނިޒާމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ. އެއީ ބިލުން މިހާރު އޮތް ސިސްޓަމް އިތުރަށް ހަރުދަނާކުރުމުގެ އިތުރުން، އާ ކަންތައްތަކެއްވެސް ތައާރަފްވެގެން ދާތީ. މި ބިލް ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކުގައި ބަޔާންކުރާ މިންގަނޑުތަކަށް ފެއްތުންވެސް ވަރަށް މުހިއްމު" ބިލާ ބެހޭގޮތުން އާކްގެ އެގްޒެކެޓިވް ޑިރެކްޓަރު ޒީނާ ޒާހިދު ވިދާޅުވިއެވެ.
ކުޑަކުދިންގެ ހައްގު ރައްކާތެރިކުރުމާބެހޭ ބިލް ފުރިހަމައަށް ތަންފީޒުކުރުމަށްޓަކައި ކުޑަކުދިންގެ ޖިނާއީ އަދުލުގެ ގާނޫނެއް ފާސްކުރުމާއި އާއިލާއާބެހޭ ގާނޫނަށް ބަދަލުތައްކެއްވެސް ގެންނަންޖެހޭތީ އެކަންކަން ވެސް ވީހާވެސް އަވަހަށް ކުރުމަށް އާކް އިން ވަނީ ގޮވާލާފަ އެވެ.