ހަބަރު

10 މީހުންނާ އެކު ޑިންގީއެއް ބަންޑުން ޖަހާލައިފި

ލ. ބަރެސްދޫ ކައިރިއަށް 10 މީހުންނާއެކު ދުއްވަމުންދިޔަ ޑިންގީއެއް ބަންޑުން ޖަހާލައިފި އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުލިބެ އެވެ.

އެމްއެންޑީއެފުން ބުނީ، މިއަދު 8:52 ހާއިރު ބަރެސްދޫ ކައިރިއަށް ޑިންގީއެއް ބަނޑުން ޖަހާލައިގެން އުޅޭ ކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ. އަދި ޑިންގީއަށް އެހީތެރި ވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި ޑިންގީގައި ތިބި މީހުން މިހާރު ވަނީ އެ ސަރަހައްދުގައި އޮންނަ މަހަކަންފުށި ނަމަކަށް ކިޔާ ފަޅުރަށެއްގަ އެވެ. އެރަށަށް އެމީހުން ގެންގޮސްދިނީ ސިފައިންނާއި އާންމުން ގުޅިގެން އެހެން ޑިންގީތަކެއްގަ އެވެ. އެ ހުރިހާ މީހުންގެ ވެސް ހާލު ރަނގަޅެވެ.

މި ދުވަސްވަރު ރާއްޖޭގެ ބޮޑު ބަޔަކަށް ގަދަ ވަޔާއެކު ވިއްސާރަކުރަމުންދާއިރު ކަނޑުތައް ވެސް ގަދަ އެވެ. މޫސުމާ ބެހޭ އިދާރާއިން ވެސް ވަނީ މި ދުވަސްވަރު ކަނޑު ދަތުރުކުރާއިރު ސަމާލުވުމަށް އަންގާފަ އެވެ.