ގިނަ ރިސޯޓްތަކުން ވޯޓު ފޮށި ބަހައްޓަން ދެކޮޅު ހަދާފައިވާ ކަމަށް އިލެކްޝަން ކޮމިޝަން، އީސީއިން އިއްޔެ ބުނެފައިވާތީ އެ ރިސޯޓްތަކަކީ ކޮބައިކަން ހާމަކުރުމަށް ޓޫރިޒަމް އެންޕްލޯއީސް އެސޯސިއޭޝަން، ޓީމްއިން ގޮވާލައިފި އެވެ.
އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އިއްޔެ ވިދާޅުވީ، 130 ރިސޯޓުތަކުގެ ތެރެއިން 100 އަށް ވުރެ ގިނަ ދިވެހިން މަސައްކަތް ކުރާ 77 ރިސޯޓެއް އުޅޭ ކަމަށާއި އޭގެ ތެރެއިން ވޯޓު ފޮށި ބަހައްޓަން އެއްބަސްވީ އެންމެ 36 ރިސޯޓުން ކަމަށެވެ.
އެކަމާ ގުޅިގެން ޓީމްއިން ބުނީ، ވޯޓު ފޮށި ބަހައްޓަން މުވައްޒަފުން ބޭނުންވާއިރު އެކަމަށް ދެކޮޅު ހަދާ ރިސޯޓްތަކަކީ ކޮބައިކަން އެނގެން ޖެހޭ ކަމަށެވެ. ނުފޫޒުގަދަ ރިސޯޓް އޯނަރުން ނުވަތަ ބިދޭސީ މެނޭޖަރަކަށް ދިވެހި ރައްޔިތެއްގެ ވޯޓުލުމުގެ ހައްގު ނިގުޅައިނުގަނެވޭނެ ކަމަށް އިލެކްޝަން ކޮމިޝަނާއި ދައުލަތް ދެކުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
ކުރިން ހަތް ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން ނިންމުމާ ގުޅިގެން ޕާޓީތަކުން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން އެކަމަށް ބަދަލު ގެނެސްފައިވެ އެވެ. އެގޮތުން 100 އަށް ވުރެ ގިނަ ދިވެހިން މަސައްކަތް ކުރާ ރިސޯޓުތަކުގެ ތެރެއިން ވޯޓު ފޮށި ބަހައްޓަން ބޭނުންވާ ފަރާތްތަކަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފަ އެވެ.
ހަތް ރިސޯޓު ކަނޑައެޅި ގޮތުގެ ތަފްސީލު ދެއްވަމުން ޝަރީފް އިއްޔެ ވިދާޅުވީ ފުރަތަމަ ފަހަރަށް 250 މީހުންނަށް ވުރެ ގިނަ ދިވެހިން އުޅޭ ރިސޯޓުތަކުފައި ވޯޓު ފޮށި ބެހެއްޓުމަށް ޓޫރިޒަމް މިނިސްޓްރީ މެދުވެރިކޮށް 130 ރިސޯޓުތަކާ މުއާމަލާތްކޮށްފައިވާ ކަމަށާއި އެގޮތުން ފޮށި ބެހެއްޓުމަށް ބޭނުން ނުވާ ކަމަށް 27 ރިސޯޓަކުން ޖަވާބު ދިން ކަމަށެވެ. އަދި 79 ރިސޯޓަކުން އެއްވެސް ޖަވާބެއް ދީފައިނުވާއިރު 12 ރިސޯޓަކުން ވޯޓު ފޮށި ބަހައްޓަން ޝައުގުވެރިކަން ފާޅު ކުރި ކަމަށެވެ. ނަމަވެސް އެ 12 ރިސޯޓުގައި 200 މީހުންނަށް ވުރެ މުއައްޒަފުން މަދު ކަމަށާއި އަދި އިލެކްޝަން ކޮމިޝަނުން ކަނޑައެޅި އަދަދަށް މީހުން ހަމަވީ ނުވަ ރިސޯޓަކުން ކަމަށާއި މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މައްސަލަ ޖެހުނު ރިސޯޓުތައް އުނި ކުރުމަށްފަހު ހަތް ރިސޯޓަށް އެ އަދަދު ބަދަލުވި ކަމަށް ޝަރީފް ވިދާޅުވި އެވެ.
މިދިޔަ ރިޔާސީ އިންތިހާބުގައި ވެސް ވޯޓު ފޮށި ބަހައްޓާފައި ވަނީ 100 އަށް ވުރެ ގިނަ ދިވެހި މުއައްޒަފުން ހަމަވާ ރިސޯތުތަކުގަ އެވެ. އެގޮތުން 42 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓާފައިވެ އެވެ.