ހަބަރު

އިލެކްޝަން ކޮމިޝަނާ ދެކޮޅަށް މުޒާހަރާ ކޮށްފި

މިއަހަރުގެ ރިޔާސީ އިންތިހާބު މިނިވަން އަދި އިންސާފުވެރިކަމާއެކު ބޭއްވުމަށް ގޮވާލައި ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން އިލެކްޝަން ކޮމިޝަން، އީސީ ކުރިމަތީ މުޒާހަރާ ކޮށްފި އެވެ.

އިދިކޮޅުން އީސީ ކުރިމަތީގައި މުޒާހަރާ ފަށާފައިވަނީ މިއަދު މެންދުރުފަހު 1:30 އެހާއިރެވެ. މުޒާހަރާގައި އިދިކޮޅުގެ ބައެއް އިސްވެރިންނާއި ޕާޓީތަކުގެ ބައެއް މެންބަރުން ބައިވެރިވެފައިވެއެވެ. ސުލްހަވެރިކަމާއެކު ކުރިއަށް ގެންދިޔަ މުޒާހަރާއަށް ފުލުހުން ވަނީ ހުރަސް އަޅައި މުޒާހަރާގެ ބައިވެރިން ވަނީ އެސަރަހައްދުން ދުރަށް ޖައްސާފަ އެވެ.

މުޒާހަރާގެ ބައިވެރިން ބިސްބުރާ ހަމައަށް ދުރަސް ޖެއްސިއިރު، އެތަނުގައި ތިބެގެންވެސް ބައިވެރިން ވަނީ އަޑު އުފުލާފަ އެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން ގޮވަމުން ދިޔައީ އިންސާފުވެރި އިންތިހާބެއް ބޭއްވުމަށާއި އީސީގެ ރައީސް އަހުމަދު ޝަރީފް އާދަމް އިސްތިއުފާ ދިނުމަށެވެ.

ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން ވަކި ހިސާބަކުން އެސަރަހައްދުން ފޮނުވާލައި މުޒާހަރާ އެއްކޮށް ރޫޅާލާފަ އެވެ. މުޒާހަރާ ރޫޅާލުމަށް ފުލުހުން ބާރުގެ ބޭނުން ކޮށްފަ އެއް ނުވެ އެވެ. މުޒާހަރާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބު މިނިވަން އަދި އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިއުމަށް އިދިކޮޅުން އަންނަނީ ވަރަށް ބޮޑަށް ގޮވަމުންނެެވެ. އެގޮތުން އިދިކޮޅު ގިނަ ފަރާތްތަކަކުން ދަނީ ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވައި އިންތިހާބު އޮޅުވާލަން މަސައްކަތް ކުރާކަމަށް ތުހުމަތު ކުރަމުންނެވެ. އަދި އިލެކްޝަން ކޮމިޝަންގެ މެންބަރުން އިސްތިއުފާ ދިނުމަށްފަހު، ކޮމިޝަނަށް އާ މެންބަރުން އައްޔަން ކުރުމަށްވެސް އިދިކޮޅުން ދަނީ ގޮވަމުންނެވެ.