"ނުކުޅެދޭ މީހުންނާއި އުމުރުން ދުވަސްވީ މީހުންގެ ހައްގުގައި އެންމެ ފުރަތަމަ އަޅުގަނޑު މިގޮތަށް ނުކުތުމުން އަމާޒުވީ އާންމުންގެ ފުރައްސާރަ. މީހުން ބުނީ އަޅުގަނޑަކީ މޮޔައެކޭ"
"އެކަނި މާ އެކަނި މުޒާހަރާ ކުރަން ހުއްޓައި އަޅުގަނޑުގެ ގަޔަށް ހީސް ކޮތަޅު ވެސް ޖަހާފައި އެބަހުރި. ފާވެފައި ހުރި ފަޅޮލުން އަޅުގަނޑަށް ހަމަލާ ދީފައި އެބަހުރި. ހިފައިގެން ހުންނަ ބްރިސިލްބޯޑާ އެކު ކޮއްޕައި ވައްޓާލާފައި އެބަހުރި. ފުލުހުން އައިސް އެ ބޯޑްތައް އަޅުގަނޑުގެ އަތުން އަތުލައިގެން ގެންގޮސްފައި ވެސް އެބަހުރި"
މިއީ އިޖުތިމާއީ ހިދުމަތުގެ ދާއިރާ އިން، ހާއްސަ އެހީ އަށް ބޭނުންވާ ކުދިންނާއި މީހުންނަށް ހިދުމަތްކޮށް އެ މީހުން ފުދުންތެރި ބަޔަކަށް ހެދުމަށް މަސައްކަތްކުރުމުގެ ހިތްވަރަށް ގައުމީ އެވޯޑް ލިބުމުގެ ކުރިން އަހުމަދު ހިޝާން އަށް ޖެހުނު ހާލެވެ.
މިއަދު އޭނާ އަކީ ހުރިހައި ދިވެހިންނަށް ކުރަން ނުކެރުނު ކަންތައް ކޮށް، އެކަން ކާމިޔާބުކޮށް ހުރިހައި ދިވެހިން ފަހުރުވެރިވާ ވަރުގެ ދަރިއެކެވެ. އޭނާ އަކީ ނުކުޅެދޭ މީހުންނާއި އުމުރުން ދުވަސްވީ މީހުންގެ ހާއްސަ އެމްބެސެޑަރެވެ.
އަދި ހާލުގައި ޖެހިފައި އޮންނަ މީހަކު ކޮންމެ ފަދަ ގޮތަކަށް ކޮންމެ ތަނެއްގައި އޮތް ކަމުގައިވީ ނަމަވެސް އެ މީހަކަށް އެހީވުމަށް އެންމެ ފުރަތަމަ ދުއްވައިގަންނަ މީހަކީ އޭނާ އެވެ.
ރަށް ރަށުން ބޭސްފަރުވާ އަށް މާލެ އަށް އަންނަ މީހުން ވެސް ގުޅަނީ އޭނާގެ ފޯނަށެވެ. އަދި މާލޭގައި ހާލުގައި ޖެހިފައި އޮންނަ ބަންގްލަދޭޝް މީހާ ވެސް އެހީ އަށް އެދި އަތް ދިއްކޮށްލަނީ އަހުމަދު ހިޝާން އަށެވެ.
އެ އަތުގައި އެންމެ ފަސޭހައިން، އެންމެ އަވަހަށް ހިފާނެ ފަރާތަކީ އޭނާކަން ޔަގީންވާތީ އެވެ.
"އެހީ ފޯރުކޮށްދޭން އެ މީހަކު ނުޖެހޭ ކޮންމެހެން ދިވެއްސަކަށް ވާކަށް. ކޮންމެ ގައުމަކަށް ކޮންމެ މީހަކު ނިސްބަތްވިޔަސް އެ މީހަކީ އިންސާނަކަށް ވީމަ އަޅުގަނޑުމެން އެބަޖެހޭ އެކަމަށް އިހްތިރާމްކުރަން،" ހިޝާންގެ ވާހަކަ ފެށީ މިހެންނެވެ.
"އެހެންވީމަ ހާލުގައި ޖެހިފައި އޮންނަ ބަންގްލަދޭޝް މީހާ ރޯ މަންޒަރު ބަލަން އިނުމަކީ ވެސް އަޅުގަނޑުގެ ހިތަށް ފަސޭހަވާނެ ކަމެއް ނޫން."
އެހެންވީމަ މިވަރުގެ ބޮޑު ހިތެއްގެ ވެރި އިންސާނަކަށް މި ޒުވާނާ ބަދަލުކޮށްލި ވާހަކަ އަކީ ކޮބައި ހެއްޔެވެ؟
"އަޅުގަނޑަށް ލިބުނު އެންމެ ބޮޑު ނަސީބަކީ އަޅުގަނޑުގެ ގޭގެ ކުރިމަތީގައި ސަހަރާއެއް އޮތުން. ކޮންމެވެސް އެއް ދުވަހަކު އަޅުގަނޑު އެތަނުގައި ވަޅުލެވި، ނެތި ނިމިގެން ހިނގައިދާނެ ކަމުގެ ހަނދާން ކޮންމެ ދުވަހަކު ވެސް އަޅުގަނޑަށް ހަނދާންކޮށްދިން ތަނެއް މި ސަހަރާ އަކީ،" ގޭގެ ކުރިމަތީގައި އޮތް ގަލޮޅު ސަހަރާ ދައްކާލަމުން ހިޝާން ބުނީ މިހެންނެވެ.
"ކޮންމެ ދުވަހަކަށް އިރުއަރައިގެން ހޭލެވޭ އިރަށް ވެސް އެންމެ ފުރަތަމަ ފެންނަން އޮންނަ ތަނަކީ މި ސަހަރާ. ނިދަން އޮށޯންނައިރު ވެސް ފެންނަނީ ސަހަރާ. އަދި މިހާރު މި ވާހަކަ ދައްކާއިރު ވެސް ފެންނަން އެ އޮތީ ސަހަރާ"
"މިއީ ދިރިއުޅުމާއި ދިރިހުރުމާ ބެހޭ ގޮތުން އަޅުގަނޑަށް ނިކަން އިބްރަތްތެރި ފިލާވަޅުތަކެއް ނަގައިދިން ތަނެއް."
ކުޑަކުއްޖެއްގެ ގޮތުގައި ވަނިކޮށް އޭނާގެ ބައްޕަ ނިޔާވީ އެވެ. ފުރާވަރުން ކެޓިއިރު މަންމަ ވެސް ނިޔާވެއްޖެ އެވެ. އާއިލާގައި ހުރި ހަމައެކަނި ފިރިހެން ކުއްޖަކީ އޭނާ އެވެ.
ކުޑަކުއްޖެގެ ގޮތުގައި ބައްޕަ އާއި މަންމައާ ވަކިވާން ޖެހުނުއިރު އާއިލާގައި ތިބި ދައްތަމެން ވެސް މީހުންނާ އިނދެގެން ދިރިއުޅުން ފަށައި އެ ދިރިއުޅުމަށް ކުދިން ލިބި އެމީހުންގެ ޒިންމާތައް ވެސް ބޮޑުވެއްޖެ އެވެ.
"އެހެންވީމަ އާއިލާގެ ތެރެއިން ވެސް އެހާ ލޯބި ލިބުނު މީހެއް ނޫން އަޅުގަނޑަކީ. އަނެއްކޮޅުން ގެ ބަހާލައިގެން އުމުރުން 19 އަހަރުގައި ލިބުނު ބިންކޮޅާ އެކު އަމިއްލަ ފައިމައްޗަށް ތެދުވަން ޖެހުމުން ވެސް އިތުރު ބުރަތަކެއް ކުރިމަތިވެއްޖެ،" ހިޝާން ކިޔައިދިނެވެ.
"އަޅުގަނޑު އެންމެ ފުރަތަމަ އަދާކުރީ ވެސް ވަރަށް އާދައިގެ ބުރަ ވަޒީފާތައް. އެގޮތަށް ބުރަކޮށް ދަތިކޮށް އުޅެވުނީމަ އަޅުގަނޑަށް ނިކަން ބޮޑަށް އެނގޭ ނިކަމެތިންގެ އިހްސާސްތަކާއި އެމީހުން ކަންކަމުގައި ހިތްދަތިވާނެ ވަރު"
"އެހެންވީމަ އަޅުގަނޑު ބޮޑުވެގެން އައިއިރު ތަޖުރިބާކުރަން ޖެހުނު ހާލަތަކީ ނިކަމެތިންނަށް އެހީވާން އަތް ދިއްކޮށްލަން އެނގޭ އެއް ސަބަބު."
އެހެންވީމަ އަނެއް ސަބަބަކީ ކޮބައި ހެއްޔެވެ؟ އެއީ ދިރިއުޅުމުގެ އަނެއް ފަޅިން އޭނާ އަށް ކުރެވުނު ތަޖުރިބާއެކެވެ.
ހިޝާން ވަނީ އެންމެ އާދައިގެ ނިކަމެތި މީހާގެ އިހްސާސްތަކުން ފެށިގެން އެންމެ މުއްސަނދި މީހާގެ ދިރިއުޅުމުގެ ތަޖުރިބާ ވެސް ކޮންމެވެސް ވަރަކަށް ކޮށްފަ އެވެ. އެ ވާހަކަ ފެށެނީ މާލޭގެ ނިކަން ބޮޑު މަހުޖަނެއްގެ ދަރިއަކާ އޭނާ ކައިވެނިކުރި ހިސާބުންނެވެ.
"ޒަވާޖީ ހަޔާތެއް ފަށައިގެން ދިމާވި ގޮތަކީ ވެސް މި މަސައްކަތާއިގެން ކުރިއަށް ދާން ލިބުނު ވަރަށް ބޮޑު ހިތްވަރެއް ނުވަތަ ފުރުސަތެއް. ވަރަށް ތަނަވަސް އާއިލާއެއްގެ ކުއްޖަކާ ކައިވެނިކުރުމުގެ ނަސީބު އަޅުގަނޑަށް ލިބުނަސް އެކަން ދިޔައީ އެހާ ނަސީބު ރަނގަޅުކޮށެއް ނޫން. ކުއްޖަކު ލިބުނުއިރު ދެ މީހުން އެންމެފަހުން ޖެހުނީ ވަކިވާން،" ހިޝާން ކިޔައިދިނެވެ.
އެއަށް ފަހު އަމިއްލަ ދަރި އާއި ކުރީގެ އަނބިމީހާ އަށް އެމީހުންގެ ހަޔާތުގެ ދަތުރުގައި އެހީވާން ހިޝާން ބޭނުންވިޔަސް އޭނާގެ އެހީ އެމީހުން ބޭނުމެއް ނުވި އެވެ. ނުވަތަ ބޭނުމެއް ނުކުރި އެވެ.
"ތަނަވަސް އާއިލާއެއްގެ ބަޔަކަށްވީމަ އަޅުގަނޑުގެ އެހީތެރިކަމެއް އެމީހުން ބޭނުމެއް ނުވި. މިހާރު އެމީހުން ދިރިއުޅެނީ ވެސް ލަންޑަނުގައި،" ހިޝާން ބުންޏެވެ.
"އެހެންވީމަ އަޅުގަނޑު ހިތަށް އެރީ ދިރިއުޅުމުގައި އެވަރުގެ ތަނަވަސްކަމެއް ނެތް ނުވަތަ އުފަލެއް ލިބިފައި ނެތް ކުދިންނަށް އަޅުގަނޑުގެ އާމްދަނީން އެހީވިއްޔާ މާ ރަނގަޅުވާނެޔޭ. އަޅުގަނޑުގެ އަމިއްލަ ދަރި އާއި އޭނާގެ މަންމަ އަށް އަޅުގަނޑުގެ އެހީ ބޭނުންނުވަންޏާ އެ އެހީ ބޭނުންވާ ބަޔަކަށް އެހީވުމަކުން ނެތޭ މައްސަލައެއް."
"ހަޔާތުގައި ދެރަކަންތައްތައް ދިމާވީމަ ހިތްހަމަޖައްސަން ކުރަން އެންމެ ރަނގަޅު ކަމަކީ މީހުންނަށް އެހީތެރިވުން."
މިއީ ހިޝާން ގަބޫލުކުރި ގޮތެވެ. ހަޔާތުގެ ފިލާވަޅުން އިބްރަތް ހާސިލުކޮށް އޭނާ ކުރިއަށް ހިނގައިގަތް ގޮތެވެ.
އެހިސާބުން ފެށިގެން އަރާމު، މުއްސަނދި ދިރިއުޅުމަކަށް އޭނާގެ ހިތެއް ނޭދެ އެވެ. އަމިއްލަ އަތުގައި ހުރި އަގު ބޮޑު ސައިކަލާއި އެފަދަ އެހެން ތަކެތި ވެސް އޭނާ ވިއްކާލީ އެވެ. އެއަށް ލިބުނު ފައިސާ އިން އެހީވީ ހާލުގައި ޖެހިފައި ތިބި މީހުންނަށެވެ. ހާއްސަކޮށް ނުކުޅެދޭ ބަލި ކުދިންނަށެވެ.
"މިހާރު ވެސް އަޅުގަނޑުގެ ރަސްމީ ވަޒީފާ އިންނާއި ގޭގެ ކުލިން މަހެއްގެ މައްޗަށް ގާތްގަނޑަކަށް ލިބޭނެ ތިރީސް ހާހެއްހާ ރުފިޔާ. އެކަމަކު އަޅުގަނޑުގެ އެކައުންޓުގަ ނުހުންނާނެ އޭގެ އެއްވެސް ފައިސާއެއް،" ޔުނިވާސަލްގެ ޓްރެވަލް އެޖެންސީއެއްގެ ގެސްޓް ރިލޭޝަން ދާއިރާގައި ރަސްމީ ވަޒީފާ އަދާކުރާ ހިޝާން ކިޔައިދިނެވެ.
"އަސްލު އަޅުގަނޑު ބޭނުމެއް ނުވޭ މާ ބޮޑު މުއްސައްޖަކަށް ވާކަށް ވެސް. މިވަރުން އަޅުގަނޑަށް ފުދޭ. މިވަރަށް އަޅުގަނޑު ޝުކުރުކުރަން."
އޭނާ އަށް ލިބޭ އާމްދަނީ ވެސް ހޭދަކުރަނީ ބަލި މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އެހީވުމަށެވެ.
މި ވާހަކައެއްގެ ތެރެއިން އޭނާ އަނެއްކާވެސް ދައްކާލީ ގަލޮޅު ސަހަރާ އެވެ.
"އެންމެން އެ ތިބީ މަރުވެފައި. އެމީހުންނާ އެކު އެމީހުންގެ އެއްވެސް އެއްޗެއް ނެތެއްނުން. ވަގުތު ޖެހުމުން އެންމެން ވެސް ނިމިގެންދާނެ ގޮތަކީ އެއީ. މުދަލެއް ނުވަތަ ފައިސާ އަކީ ހިފައިގެން ދެވޭނެ އެއްޗެއް ނޫން."
"އަޅުގަނޑަށް ލިބޭ އާމްދަނީ ވެސް ހޭދަކުރަނީ އެހީ އަށް ބޭނުންވާ މީހުންނަށް އެކި ކަންކަމުގައި އެހީވުމަށް. އަޅުގަނޑުގެ މި ގޭގައި ވެސް ރަށްރަށުން އަންނަ މީހުން ތިބޭނީ ހިލޭ. އޭގެ ތެރެއިން ބައެއް މީހުންނަކީ ދިގު މުއްދަތަކަށް އައިސް ތިބޭ މީހުން. ބައެއް މީހުންނަކީ ބޭސްފަރުވާ އަށް އައިސް ތިބޭ މީހުން."
މިއީ ހިޝާންގެ ދިރިއުޅުން ތަރުތީބުވެފައިވާ ގޮތެވެ. ފަތިސް ނަމާދަށް ހޭލައިގެން، ނަމާދުކޮށް ނިމިގެން ވަޒީފާ އަށް ނުކުންނަ ހިސާބުން ފެށިގެން ދެން މުޅި ދުވަހު އޭނާގެ ގިނަ ވަގުތު ހޭދަ ވާނީ ކޮންމެ ވެސް ބަލި މީހަކަށް އެހީވުމުގަ އެވެ. ނުވަތަ ބަލި މީހަކު ގޮވައިގެން އެ މީހަކު ޑޮކްޓަރަށް ދެއްކުމުގަ އެވެ.
ހިޝާން އަކީ މިފަދަ މަސައްކަތްތަކަށް ލޯބިކުރާ ފަރާތަކަށް ވުމުން އޭނާ ވަޒީފާ އަދާކުރާ ކުންފުނިން އޮންނަނީ އޭނާ އަށް އެވަރަށް ހުސްވަގުތު ވެސް ދީފަ އެވެ.
އޭނާ ބުނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި މުސްކުޅިންގެ ހައްގުތަކަށް އަޑުއުފުލުމަށް އެކަނި މާ އެކަނި މުޒާހަރާ އަށް ނުކުމެ ޖެއްސި ކެމްޕޭނަކީ ޔޫކޭގެ ޕީއާރް ކޮންސަލްޓެންޓަކު އޭނާ އަށް ދިން ލަފައެއްގެ މައްޗަށް ކުރި ކަމެއް ކަމަށެވެ.
"އޭނާ ބުނީ ކަންބޮޑުވާ ހުރިހައި ކަމެއްގެ ވާހަކަ ލިޔެގެން ނުކުމެ އަޑުއުފުލާށޭ،" ހިޝާން ބުންޏެވެ.
އޭރު ވެސް ކަންބޮޑުވާ މައްސަލަތަކަށް އެޑްރެސްކޮށް އޭނާ ދިޔައީ ސަރުކާރުގެ އެކި އޮފީސްތަކަށް ގަވާއިދުން ސިޓީތައް ފޮނުވަމުންނެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގަ އާއި މުހައްމަދު ނަޝީދު އަދި މުހައްމަދު ވަހީދުގެ ވެރިކަމުގައި ވެސް އޭނާ އަށް ޖެހުނީ ބްރިސިލްބޯޑު ހިފައިގެން ކޮންމެވެސް އޮފީހެއްގެ ކަންމަތީގައި މުޒާހަރާކުރާށެވެ.
އޭނާ ބުނީ މީހުންނަށް އެހީވާން ފެށި ހިސާބުން ފެށިގެން، އެހީއެއް ފޯރުކޮށްދޭން ބޭނުންވާ މީހަކަށް އެކަން ފުރިހަމަކޮށް ނުދެވެނީސް ލޮލަށް ނިދި ވެސް ނާންނަ ކަމަށެވެ.
"މީހުންނަށް މިގޮތަށް އެހީވުމަކީ ހަގީގަތުގައި މިކަމަށް ދެވި ވެސް ހިފާ ކަމެއް. އެހީއެއް ބޭނުންވާ މީހަކަށް ނުވަތަ ކުއްޖަކަށް އެ ބޭނުންވާ އެހީއެއް ފޯރުކޮށް ނުދެވެނީސް އަޅުގަނޑަކަށް ހަމައަކަށް ނުވެސް ނިދޭނެ. އެގޮތަށް އުޅެން ޖެހުނު އެތައް ރެއެއް ތަޖުރިބާކުރެވިފައި އެބަހުރި،" ހިޝާން ކިޔައިދިނެވެ.
އޭނާ ބުނީ އެންމެ ފުރަތަމަ މިފަދަ ގޮތަކަށް މުސްކުޅިންނާއި ހާއްސަ އެހީ އަށް ބޭނުންވާ ބަޔަކަށް އޭނާ އެހީވީ 1999 ވަނަ އަހަރު ބެކްޕެކާއެއްގެ ގޮތުގައި ލަންޑަނަށް ކުރި ދަތުރެއްގައި ކަމަށެވެ. އޭނާ އުޅެން ޖެހުނު ގޭގައި އޮތް އުމުރުން ދުވަސްވީ މީހަކަށް އެހީވާން ހަދައިގެން ގޮސް މިކަމަށް ލޯބި ޖެހުނީ އެވެ.
"އަޅުގަނޑަށް ހީވަނީ އަޅުގަނޑުގެ މުޅި އުމުރު ދުވަސް ވެސް ނިމިގެންދާނީ މިގޮތުގައި ހެން ދެން،" ހިޝާން ބުންޏެވެ.
"ބައެއް މީހުން ބުނި މިއީ އަޅުގަނޑު ސިޔާސީ މަގާމެއްގެ ދަހިވެތިކަމުގައި ކުރާ ކަމެކޭ ވެސް. އެކަމަކު ﷲ އިރާދަކުރެއްވިއްޔާ ދުވަހަކު ވެސް އެކަހަލަ މަގާމެއް ބޭނުމެއް ނޫން. އަދި މިކަން އަޅުގަނޑު ބޭނުމެއް ނޫން ފައިސާއަކަށް ކުރާކަށް ވެސް. ފައިސާ އަކީ ހަމަ ރަނގަޅަށް ވެސް ވިހައެއް."
"އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމަކީ އަދި އެންމެ ބޮޑު އުފަލަކީ އުމުރުން ދުވަސްވެފައިވާ މީހަކު އައިސް އަޅުގަނޑުގެ ބުރަކަށީގައި ފިރުމާލައި ފާޅުކޮށްލާ އުފާވެރިކަން. ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކު ދުވެލާފައި އައިސް ލޯބިން އަޅުގަނޑުގެ ގައިގައި ބައްދާލާ ބައްދާލުން،" ހިޝާން ބުނީ މިހެންނެވެ.
"އެމީހުން އުފާވެފައި ތިބޭ މަންޒަރު ފެނި އިހްސާސްކުރެވޭ ހިނދު ހީވާނީ ހަމަ ހިތުގައި މިއުޒިކް ކުޅެލާހެން. މިއީ މިކަން ނުކުރާ މީހަކަށް ކުރެވޭ އިހްސާސެއް ނޫން."
ހިޝާން ބުނީ ކުޑައިރު މަންމަ އާއި ބައްޕަގެ ފަރާތުން ނުވަތަ އާއިލާގެ ފަރާތުން ލިބެން ޖެހޭ ފުރިހަމަ ލޯތްބާއި އަޅާލުން ނުލިބުނަސް އެކަމުގެ ހިތި މިހާރު ގާތްގަނޑަކަށް ފިލައިގެން ގޮސްފައިވާ ކަމަށެވެ. އެއީ މާލެ އާއި އެހެން ރަށްތަކުގައި ތިބި އުމުރުން ދުވަސްވީ ގިނަ މީހުން ވެސް އެމީހުންގެ އަމިއްލަ ދަރިއެއްގެ ގޮތުގައި މިއަދު އޭނާ ބަލާތީ އެވެ.
"އަދި އަމިއްލަ ދަރިއަށް އަޅުގަނޑުގެ އެހީ ބޭނުންނުވިޔަސް ދަރިއަކަށް އެހީ ފޯރުކޮށް ނުދެވޭ ކަމުގެ އިހްސާސެއް ވެސް މިހާރަކު އަޅުގަނޑަކަށް ނުކުރެވޭ ހަގީގަތުގައި. އެއީ އަޅުގަނޑު ބަލާލާ ކޮންމެ ދިމާލެއްގައި މިހާރު އެ ތިބީ އަޅުގަނޑުގެ އަމިއްލަ ދަރިން ފަދަ ކުދިން."