ކުޅިވަރު

އޭޝިއާގެ ނެޓްބޯލް މުބާރާތުގައި ދިވެހި އަމްޕަޔާ ޝާމިން

ސެޕްޓެމްބަރު މަހު، ބާއްވާ އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕްގައި އަމްޕަޔަރުކަން ކުރުމުގެ ފުރުސަތު ރާއްޖޭގެ އަމްޕަޔަރު ޝާމިން އިބްރާހިމް އަށް ދީފި އެވެ.

މިއީ އޭޝިއާގެ ބޮޑު މުބާރާތެއްގައި އަމްޕެޔަރުކަން ކުރުމުގެ ފުރުސަތު ރާއްޖެއަށް ލިބުނު ފުރަތަމަ ފުރުސަތެވެ. މިދިޔަ އަހަރު ދެކުނު ކޮރެއާގައި ބޭއްވި އޭޝިއަން ޔޫތު ޗެމްޕިއަންޝިޕްގައި އަމްޕެޔަރުކަން ކުރުމުގެ ފުރުސަތު ރާއްޖޭގެ ނެޓްބޯޅަ އަމްޕެޔަރުން ކަމަށްވާ ނަބީލް އާއި ރިލްވާން އަށް ލިބުނެވެ.

މި ފުރުސަތު ލިބުމުން ޝާމިން ބުނީ މިއީ ރާއްޖޭގެ ނެޓްބޯޅައަށް ލިބގެންދިޔަ ބޮޑު ފަހްރެއް ކަމަށެވެ. އަދި މި ފުރުސަތުން އަމްޕެޔަރު ބެޖުގެ ލެވަލް ބީ ހެދުމަށް މަގުތަނަވަސް ވެގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށް އޭނާ ބުންޏެވެ.. މިހާރު އޭނާ އަތުގައި އޮންނާނީ ސީ ބެޖެވެ.

"އަޅުގަނޑު ހީވެސް ނުކުރަން މިހާބޮޑު މުބާރާތަކުން ފުރުސަތު ލިބޭނެ ކަމަކަށް، ހަގީގަތުގައި މިއީ ރާއްޖޭގެ ނެޓްބޯޅައަށް ލިބުނު ބޮޑު ކުރިއެރުމެއް، މިހާ އަވަހަށް މިހާބޮޑު މުބާރާތަކުން ދިވެއްސަކަށް ފުރުސަތު ލިބުނީމަ ވަރަށް ހިތްހަމަޖެހޭ، މި ލިބުނު ފުރުސަތުގައި ނެޓްބޯޅަ އެސޯސިއޭޝަންގެ ދައުރު ވަރަށް ބޮޑު އެކަމަށް އެސޯސިއޭޝަނަށް ޝުކުރު އަދާ ކުރަން."

އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕް އޮންނާނީ ސެޕްޓަމްބަރު މަހު އެކަކުން ނުވަޔަކަށް ސިންގަޕޫރުގަ އެވެ.