ރެއާލް މެޑްރިޑް

އަގު ބޮޑުކޮށް ކުޅުންތެރިން ހޯދުމުގެ ސަގާފަތް ނިމިއްޖެ

އަގު ބޮޑުކޮށް ކުޅުންތެރިން ގަތުމުގެ ސަގާފަތް، ކުރަހައި ކުލަ ޖެއްސީ ރެއާލް މެޑްރިޑުންނެވެ. ހާއްސަކޮށް އެ ކުލަބުގެ މިހާރުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ކުލަބުގެ ރައީސް ކަމަށް ވަޑައިގަތުމަށް އޭނާ ކުރެއްވި ކެމްޕޭންގައި ދުނިޔޭގެ މަޝްހޫރު ތަރިން ރެއާލް މެޑްރިޑަށް ގެންނާނެ ކަމަށް ވައުދުވި އެވެ. އެ ޓްރާންސްފާ ޕޮލިސީއަށް ދިން ނަމަކީ "ގެލެޓިކޯސް" އެވެ.

އެ ޕޮލިސީގެ ދަށުން، ރެއާލުން އެންމެ ފުރަތަމަ އުފުރާލީ ވާދަވެރި ބާސެލޯނާއަށް ކުޅެމުން ގެންދިޔަ ޕޯޗްގަލްގެ ކުރީގެ ތަރި ލުއިސް ފީގޯ އެވެ. ފީގޯއިން ތަރިންގެ ޓްރާންސްފާގައި ފެށި ދަތުރުގެ އެންމެ ފަހު ތަރިއަކީ ޓޮޓެންހަމްއިން ބަދަލުވި ގެރެތު ބޭލް އެވެ. އެއީ 2013 ވަނަ އަހަރު އެވެ.

އޭގެ ފަހުން ރެއާލް މެޑްރިޑުން އަގުބޮޑުކޮށް ކުޅުންތެރިޔަކު ގެނެސްފައެއް ނުވެ އެވެ. ފަހުން ފެނިގެން ގޮސްފައި ވަނީ ރެއާލް މެޑްރިޑްގެ ޕޮލިސީ ބަދަލުވެގެން ދިޔަ ތަނެވެ. ޒުވާން ކުޅުންތެރިން ހޯދައި ކުލަބުގެ އެކެޑެމީ "ލަ ފެބްރިޝިއާ" ގައި ޓްރެއިނިން ކުރި އެވެ. ލަ ފްބްރިޝިއާއިން އުފެދުނު ކުޅުންތެރިންގެ ތެރޭގައި، ޓީމުގެ ޑިފެންޑަރުން ކަމަށްވާ ޑެނީ ކާވަހާލް އާއި ނަޗޯ ފެނާންޑޭޒް ހިމެނެ އެވެ. އަދި ފޯވަޑް ލައިންގައި ލޫކަސް ވަޒްކްއޭޒް އެވެ. މާކޯ އެސެންސިއޯ ވެސް ގެނައި ޒުވާން ޓީމަށެވެ. ލަ ފެބްރިޝިއާއިން ޓްރެއިނިން ވެގެން ނިކުތް އިރު އޭނާ ހުރީ ސީނިއާ ޓީމަށް ފައްކާ ވެފަ އެވެ. އެގޮތަށް އަމަލު ކުރަމުން ދިޔަ ނަމަވެސް ރެއާލްގެ ގެލެޓިކޯގެ ޓްރާންސްފާ ޕޮލިސީ ނިމުނު ކަމަކަށް ނުނިންމަ އެވެ.

ނަމަވެސް މިހާރު އެ ޕޮލިސީ ބަދަލު ވެއްޖެ އެވެ. ގެލެޓިކޯސް ޓްރާންސްފާ ޕޮލިސީގައި ނިމުގެ ސިއްކަ ޖެހި ކަމުގެ އިޝާރާތް އިއްޔަ ޕެރޭޒް ވަނީ ދިފަ އެވެ. ރެއާލް އަށް ސޮއި ކުރިވި ޔޫކްރޭންގެ ޒުވާން ގޯލްކީޕަރު އަންޑްރީ ލުނިން ތާރަފު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕެރޭޒް ވިދާޅުވީ ރެއާލް މެޑްރިޑުން ޓީމު ބިނާ ކުރަނީ ކުރިމަގަށް ކަމަށެވެ.

"މަޑުމަޑުން އަހަރެމެން މިދަނީ ކުރަމަގަށް ޓަކައި އަދި މިއަދަށް ފައުންޑޭޝަން އަޅަމުން،" ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ޕެރޭޒް ވިދާޅުވި އެވެ. "އަހަރެމެން ބޭނުން ވަނީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީގެން ޓީމެއް ބިނާ ކުރަން، އެއީ ކުރިމަގަށް ޓަކައި، އެ ކުޅުންތެރިން އެންމެ މަތީ ފަންތިއަށް ގެންދަން އަހަރެމެން މަސައްކަތް ކުރާނަން."

"އަހަރެމެންގެ އެންމެ ފަހުގެ ކާމިޔާބަށް ފަހު އަހަރެމެން ކުރިއަށް ދާނަން ޕޮލިސީ ދެމެހެއްޓުމަށް، އެއީ ފުޓްބޯޅަ އަހަރެމެން ދެނެގަންނާނެ ގޮތަކީ، މި ކުލަބު ބިނާ ވެފައިވަނީ ލެޖެންޑުން އުފައްދާ ބިންގަލެއްގެ މަތީގައި."

މިހާރު ކުރިއަށްދާ ޓްރާންސްފާގައި، ރެއާލް މެޑްރިޑުން ވަނީ ޗެލްސީގެ އެޑެން ހަޒާޑް ގެންދިއުމަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ޗެލްސީއާ މެދު ވަކިގޮތަކަށް އަދި މިހާތަނަށް އެއްބަސް ވެވިފައެއް ނުވެ އެވެ. ބެލެވޭ ގޮތުގައި ޕެރޭޒްގެ ވާހަކަތައް ބަދަލުވީ ހަޒާޑްގެ ޓްރާންސްފާ އާމެދު އަދި މިހާތަނަށް އަލި މަގެއް ފެނިފައި ނުވުމުންނެވެ.