ދުނިޔެ

ގްރީސްގައި ފެތުރެމުންދާ އަލިފާންގަޑުގައި 50 މީހުން މަރުވެއްޖެ

Jul 24, 2018

އެތެންސް (ޖުލައި 24) - ގްރީސްގެ އެތެންސްގެ ޖަންގަލީގައި ރޯވެ ބާރު ސްޕީޑުގައި ފެތުރެމުންދާ އަލިފާންގަޑުގައި މިހާތަނަށް 50 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފި އެވެ.

ރެޑް ކްރޮސް ޖަމާއަތުން ބުނެފައިވާ ގޮތުގައި، އަލިފާންގަޑު އެންމެ ބާރު މިނުގައި ފެތުރުމެންދުގައި ސަރަހައްދުގައި ހުރި ވިލާއެއްގެ ގޯތި ތެރެއިން 26 މީހުން މަރުވެފައި ތިއްބާ ފެނިފައިވާ ކަމަށެވެ.

ގްރީސްގެ ސަލާމަތީ ބާރުތަކުން ގެންދަނީ ބޯޓުތަކާއި ހެލިކޮޕްޓަރު ބޭނުންކޮށްގެން މީހުން އެ ސަރަހައްދުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އެތެންސްގެ އިރު ދެކުނުން އޮންނަ ސަރަހައްދުގައި އަދިވެސް ގިނަ އަދަދެއްގެ ބަޔަކު ތާށިވެފައި ތިބި ކަމަށް ބުނާއިރު، މިހާތަނަށް 100 ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ލަފާކުރެ އެވެ.

އަވަށްޓެރި ގައުމުތަކުން ދަނީ ގްރީސަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ނަމަވެސް، އަދިވެސް އަލިފާންގަޑު ކޮންޓްރޯލް ނުކުރެވޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.