ނިއުރޭޑިއަންޓް

އޭއެފްސީ ކަޕުގެ މެޗެއް ގަންނަން ނިއުއިން ހުށަހެޅިތަ؟

އޭއެފްސީ ކަޕުގެ ގުރޫޕް ސްޓޭޖްގެ ފަހު މެޗުގައި، އިންޑިއާގެ އައިޒޯލް އެފްސީއާ ދެކޮޅަށް ނިއު ރޭޑިއަންޓް ކުޅުނު މެޗުގެ ނަތީޖާ ބަދަލު ކުރުމަށް، ނިއުގެ ކުޅުންތެރިޔަކު އައިޒޯލް އެފްސީގެ ކުޅުންތެރިޔަކަށް މެޗް ފިކްސް ކުރުމަށް ހުށަހެޅި ކަމަށް އިންޑިއާގެ މީޑިއާއަކުން ކުރި ތުހުމަތުތަކުގައި އެފަދަ އެވެސް ހަގީގަތެއް ނެތް ކަމަށް ނިއު އިން ބުނެފި އެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ޓޯކް ސްޕޯޓްސް ޓުވެންޓީ ފޯ ސެވަން ނޫހުގައި ލިޔެފައި ވަނީ، އިންޑިއާގެ ގުވަހަޓީގެ އިންދިރާ ގާންދީ އެތުލެޓިކްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ހާފު ޓައިމްގައި، ނިއު ގެ ބިދޭސީ ކުޅުންތެރިޔަކު، އައިޒޯލް އެފްސީގެ ކުޅުންތެރިޔެއްގެ ކައިރިން، ނިއުއަށް ޕެނަލްޓީއެއް ދިނުމަށް އެދުނު ކަމަށެވެ. އަދި އެ ކަމުގެ ބަދަލެއްގެ ގޮތުގައި 6000 އެމެރިކާ ޑޮލަރު ދޭން ނިއުގެ ކުޅުންތެރިޔާ ހުށަހެޅި ކަމަށް އައިޒޯލްގެ ކުޅުންތެރިޔަކާ ހަވާލާދީ އެ ނޫހުގެ ރިޕޯޓަރު ޝަޔާން ޑޭ ލިޔެފައި ވެއެވެ.

"އެއީ އޭއެފްސީ ކަޕުގެ މެޗެއްގައި ހިނގި ކޭސްއެއް، ނިއު ރޭޑިއަންޓްގެ ޓީމުގެ ހިމެނޭ ކުޅުންތެރިޔަކު ހާފު ޓައިމްގައި އަހަރެން ގާތުގައި އެދިފައި ވަނީ އެ ޓީމަށް ޕެނަލްޓީ ދިނުމަށް އަދި އެކަމުގެ ބަދަލެއްގެ ގޮތުގައި 6000 ޑޮލަރު ދޭނެ ކަމަށް ހުށަހެޅި." ނަން ހާމަ ކުރަން ބޭނުންނުވާ ކަމަށް ބުނެ ޓޯކް ސްޕޯޓްސް ޓުވެންޓީ ފޯ ސެވަން ނޫހުގައި ކޯޓް ކޮށްފައި ވެއެވެ.

އައިޒޯލްގެ ކުޅުންތެރިޔާ އެކަމާ ދެކޮޅު ހެދި ކަމަށާއި އަދި އެކަން އައިޒޯލްގެ މެނޭޖްމެންޓަށް އޭނާ އެންގި ކަމަށް އެ ރިޕޯޓްގައި ބުނެފައި ވެއެވެ. އަދި އެކަހަލަ މައްސަލައެއް ކުޅުންތެރިޔެއްގެ ފަރާތުން އަންނާނީ އެކުލަބެއްގެ މެނޭޖުމެންޓުންވެސް ބޭނުން ވެގެން ކަމަށް ބުނެ އެ ނޫހުން ވަނީ ނިއުގެ މައްޗަށް ތުހުމަތު ކޮށްފަ އެވެ.

އަދި އެހެންވެ، އައިޒޯލްގެ ކުޅުންތެރިޔާގެ ފަރާތުން ނިއުގެ ޖެނަރަލް މެނޭޖަރަކަށް ހުރި މުހައްމަދު އިސްމާއީލަށް އެ މައްސަލަ ހުށެހެޅި ކަމަށް އެ ނޫހުން ބުނެފައި ވެއެވެ.

"މި މައްސަލައާ ބެހޭ ގޮތުން އަހަރެމެން ކޮންޓެކްޓް ކުރިން ނިއު ރޭޑިއަންޓްގެ ޖެނަރަލް މެނޭޖަރު މުހައްމަދު އިސްމާއީލަށް، އޭނާ ބުނީ މިހެން؛ 'އަހަންނަކަށް ނޭންގޭ ތިކަހަލަ ކަމެއް ހިނގި ކަމެއް، ތިފަދަ އަމަލެއް އަހަރެމެންނަށް ބަލައެއް ނުގަނެވޭނެ، އެފަދަ ކަންކަމާ ދެކޮޅަށް އަބަދުވެސް އަހަރެމެން އަޑު އުފުލަން'." އައިޒޯލްގެ ކުޅުންތެރިޔާއާ ހަވާލާދީ ނޫހުގައި ބުނެފައި ވެއެވެ.

ނިއުގެ ޖެނަރަލް ސެކެޓްރީ އަހްމަދު ނިޔާޒު މޫސާ (ޓެޑް) ވިދާޅުވީ ޖެނަރަލް މެނޭޖަރުގެ މަގާމުގެ ނަމުގައި މުހައްމަދު އިސްމާއީލް ކިޔާ މީހެއް ނިއުގެ މެނޭޖްމެންޓްގައި މަސައްކަތް ނުކުރާ ކަމަށެވެ. އައިޒޯލްގެ ދަތުރުގައި ނިއުގެ މެނޭޖަރުގެ މަސްއޫލިއްޔަތު އަދާ ކުރުމަށް ޓީމާއެކު ދިޔައީ ނިއުގެ ހަރަކާތްތަކުން ފެންނަ އިސްމާއީލް ޒިޔާއު އެވެ.

އޭނާ ބުނީ އައިޒޯލްގެ މެނޭޖުމެންޓުންވެސް އަދި އެ ޓީމުގެ ކުޅުންތެރިޔެއްގެ ފަރާތުންވެސް އެކަހަލަ ޝަކުވާއެއް ހުށަހަޅާފައި ނެތް ކަމަށެވެ.

"މެޗު ކުޅެމުން ދިޔައިރުވެސް، އަދި މެޗަށް ފަހުވެސް ތިކަހަލަ އެއްވެސް ޝައުކުވާއެއް އެ ޓީމުގެ ކުޅުންތެރިޔެއްގެ ފަރާތުންވެސް މެނޭޖްމެންޓުގެ ފަރާތުންވެސް އައިސްފައެއް ނެތް، އެސްއެމްއެސް އަކުންވެސް މެއިލްއަކުންވެސް އަދި ބައްދަލުކޮށްފަ ވެސް ތިކަހަލަ އެއްވެސް ޝަކުވާއެއް ހުށަހަޅާފަވެސް ނެތް." އިސްމާއީލް ޒިޔާއު 'އަވަސް' އާ ވާހަކަ ދެއްކި އެވެ.

ނިއުގެ ބިދޭސީ ކުޅުންތެރިޔެއްގެ ފަރާތުން މެޗް ފިކްސި ކުރުމަށް ހުށަހެޅުމުން އެ މައްސަލަ އައިޒޯލްއިން، އޭއެފްސީއަށް ހުށަހެޅިތޯ ޔަގީން ކުރުމަށް ކުރި މަސައްކަތް ކާމިޔަބެއް ނުވި އެވެ. އެކަމާ ބެހޭގޮތުން އެ ރިޕޯޓް ލިޔުނު ސަޔަން ޑޭ އާ 'އަވަސް' އިން ސުވާލު ކުރުމުން އޭނާ ބުނީ، އައިޒޯލްއިން އެ މައްސަލަ އޭއެފްސީއަށް ހުށަހެޅިތޯ ބެލުމަށް ކުރި މަސައްކަތް އޭނާވެސް ކާމިޔާބު ނުވި ކަމަށެވެ.

"އަހަރެން ކޮންޓެކްޓް ކުރިން އެމީހުންގެ އޯނަރާއި މެނޭޖަރާ ވެސް، ނަމަވެސް އެ ދެމީހުންވެސް ވަނީ އެކަމާ ކޮމެންޓް ކުރަން ދެކޮޅު ހަދާފަ." ޝަޔާން ޑޭ ބުންޏެވެ.