ދުނިޔެ

ހާލުކޮޅު ދެރައަސް ހޮސްޕިޓަލަށް ބަދަލުކުރަން ނަވާޒް ޝަރީފް ދެކޮޅު

Jul 24, 2018

ރަވަލްޕިންޑީ (ޖުލައި 24) - ހިޔާނާތުގެ ކުށް ސާބިތުވެ ޖަލުގައި ހުންނެވި ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ ހާލުކޮޅު ދެރަވެ، ފުރާނައަށް ނުރައްކާ ވެދާނެ ކަމަށް ބުނެފައިވީ ނަމަވެސް، ހޮސްޕިޓަލަށް ބަދަލުކުރަން އެ މަނިކުފާނު ދެކޮޅު ހައްދަވާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ނަވާޒް ޝަރީފްގެ ހާލުކޮޅު ބެލުމަށް އެކުވަލާލި ފަސް މެމްބަރުންގެ ބޯޑަކުން ބުނެފައިވަނީ، އެ މަނިކުފާނުގެ ހިތާއި، ކިޑްނީގެ ހާލަތު ދެރަކަމުން، ދާއިމީކޮށް ފަރުވާ ބޭނުންވާކަމަށެވެ. އަދި ޖަލުގައި އެކަށީގެންވާ ވަސީލަތްތައް ނެތުމުގެ ސަބަބުން، އެމަނިކުފާނު ހޮސްޕިޓަލަކަށް ބަދަލުކުރަންވެސް އެ ބޯޑުން ވަނީ ލަފާދީފަ އެވެ.

އަދި އެކަށީގެންވާ ފަރުވާ ނުދެވިއްޖެނަމަ ކިޑްނީ ފެއިލްވުމުގެ ބިރުއެބައޮތް ކަމަށް އެ ބޯޑުން ވަނީ ބުނެފަ އެވެ.

ނަމަވެސް، ނަވާޒް ޝަރީފުގެ އަރިސް ބޭފުޅުންނާއި ހަވާލާދީ ޕާކިސްތާނުގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން، އެމަނިކުފާނު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ދެކޮޅު ހައްދަވާފައިވާ ކަމަށާއި، ބޭނުންފުޅުވަނީ ޖަލުގައި ލިބެންހުރި ވަސީލަތްތަކުން ފަރުވާ ހޯއްދަވަން ކަމަށެވެ.

ހިޔާނާތުގެ ކުށް ސާބިތުވެ ނަވާޒް ޝަރީފު 10 އަހަރަށް ޖަލަށް ލާން އެ ގައުމުގެ ކޯޓަކުން ހުކުމް ކުރީ މިދިޔަ ހަފްތާގަ އެވެ.

ލިބޭ އާމްދާނީ އާއި ނުބައްދަލު އަދަދަކަށް އިނގިރޭސިވިލާތުގެ ލަންޑަނުން ހަތަރު ފްލެޓް ބައްލަވައިގެންނެވި މައްސަލާގައި، އެތަކެއް މަސްތަކަކަށް ދިގުދެމިގެންދިޔަ ޝަރީއަތަކަށްފަހު ނަވާޒް ޝަރީފާއި ދެކޮޅަށް ހުކުމްކުރީ، ނެޝަނަލް އެކްއުންޓަބިލިޓީ ބިޔުރޯ (އެންއޭބީ) ގެ ކޯޓަކުންނެވެ.

ލަންޑަނުގައި ހުންނަވިކޮށް ނަވާޒް ޝަރީފަށް ހުކުމް ކުރީ ޣައިރު ހާޒިރުގަ އެވެ. އަދި މި މައްސަލާގައި އޭނާގެ އަންހެން ދަރިފުޅާއި، ދަނބިދަރިފުޅަށް ވެސް ކުށް ސާބިތުވާކަމަށް ވަނީ ކަނޑައަޅާފަ އެވެ.

ލާހޯރު އެއާޕޯޓަށް ވަޑައިގެންނެވުމާއެކު ނަވާޒް ޝަރީފުގެ އިތުރުން އެ މަނިކުފާނުގެ ދަރިކަނބަލުން މަރިޔަމް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

ފްލެޓްތައް ބައްލަވައިގެން މައްސަލަ ފެންމަތިވެފައިވަނީ 2015 ވަނަ އަހަރު ލީކުވި ޕެނަމާ ޕޭޕާސް ތެރޭގަ އެވެ. ޕާކިސްތާނުގެ ސުޕްރީމު ކޯޓުން ނަވާޒް ޝަރީފް މަގާމުން ދުރުކުރީ ވެސް މި މައްސަލާގަ އެވެ.