ހަބަރު

މައުމޫންއާ ދެކޮޅު ހެކިތައް ސިއްރުކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ސިއްރު ހެކިތައް ސިއްރު ކުރުމަށް ދާއިމީ އަމުރެއް މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް މިއަދު ނެރުއްވައިފި އެވެ.

ދައުލަތުން ވަނީ 33 ހެއްކެއް ރައީސް މައުމޫންއާ ދެކޮޅަށް ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ގިނައީ މައްސަލާގެ ގިނަ ހެކިތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނާ ކަޅު ފޮށި ފެނިފައިވާ މީހުންނާއި އެ ފޮށީގައިވާ ބައެއް މައުލޫމާތުތައް އެނގޭ މީހުންނެވެ. އޭގެ އިތުރުން ހަތަރު ސިއްރު ލިޔުމެއް ވެސް ހެކީގެ ގޮތުގައި ހުށަހެޅި އެވެ. ކަޅު ފޮށި ފެނުނު ތިން ފުލުހަކާއި އިތުރު ހަ ފުލުހެއް ވެސް ހުށަހެޅި އެވެ.

ސުޕްރީމް ކޯޓުން އެކެއް ފެބުރުއަރީގައި އަމުރެއް ނެރުނު މައްސަލާގައި ރައީސް މައުމޫންގެ މައްޗަށް ދައުވާ އުފުލާފައިވާއިރު މިއަދު އެ މައްސަލާގައި ބޭއްވި އިބްތިދާއީ އަޑުއެހުމަކީ ޝަރީއަތް ފެށުމުގެ ކުރިން ދައުލަތުން ހުށަހަޅާ ހުށަހެޅުންތަކާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމެކެވެ.

ޝަރީއަތުގެ ކުރިން ދައުލަތުން ދެ ހުށަހެޅުމެއް ހުށަހެޅި އެވެ. ފުރަތަމަ ކަމެއްގެ ގޮތުގައި ޕަބްލިކް ޕްރޮސެކިއުޓާ އައިޝަތު މުނާ ހުށަހެޅުއްވީ މައްސަލާގައި ހުށަހަޅާފައިވާ ހެކިބަސްދޭ ފަރާތްތަކަށް ހިމާޔަތް ދިނުމުގެ އަމުރެއް ނެރުމަށެވެ. ހެކީންގެ މައުލޫމާތު ހާމަވެއްޖެނަމަ ހެކިބަސްދޭ ފަރާތްތަކަށް ނުފޫޒު ފޯރުވައި މައްސަލައަށް ނުފޫޒު ފޯރުވުމުގެ ޖާގަ އޮތް ކަމަށް ވަކީލް ވިދާޅުވި އެވެ. ދެން ވަކީލް އެދުނީ ހެކި ރައްކާތެރިކުރުމުގެ އަމުރަކަށެވެ. އެއީ އެ މައްސަލާގައި ހިމެނޭ ބަޔާންތަކާއި ލިޔުންތައް ސިއްރުކުރުމަށެވެ.

މައްސަލާގައި ދައުލަތުން ހުށަހަޅާފައިވަނީ ހަތަރު ލިޔުމެކެވެ. އެއީ އިންޓެލް ރިޕޯޓާއި ކްރައިމް ސީން ރިޕޯޓާއި ޑޮކިއުމެންޓް އެކްޒަމިނޭޝަން ރިޕޯޓާއި ސީސީޓީވީ ފުޓޭޖްގެ ސްނެޕް ޝޮޓްތަކެކެވެ. ކްރައިމް ސީން ރިޕޯޓް ސިއްރުކުރަން އެދުނީ އެ މިހާރު ވެސް ތަހުގީގު ކުރަމުންދާ މައްސަލައަކަށްވާތީ ތަހުގީގަށް ހުރަސް އެޅިދާނެތީ އެވެ. ސީސީޓީވީގެ ސްނެޕް ޝޮޓްތައް ސިއްރުކުރަން އެދުނީ އޭގެން ސިއްރު ހެކިވެރިއެއް ފެންނަން ހުންނާތީ އޭނާއަށް ނުފާޒު ފޯރުވުމުގެ ފުރުސަތު އޮތީމަ އެވެ.

ދައުލަތުގެ ހުށަހެޅުންތަކަށް ރައްދު ދެއްވަމުން ރައީސް މައުމޫންގެ ވަކީލް އިބްރާހިމް ޝަމީލް ވިދާޅުވީ، ސިއްރުން ހެކި ބަސް ނެގޭނެ އެއްވެސް އިޖުރާތެއް ނެތް ކަމަށެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ސިއްރުން ހެކި ބަސް ނަގަން ޖެހޭނީ ހެއްކާ ބެހޭ ގާނޫނުގައި ބުނާ އުސޫލުގެ ދަށުން ކަމަށެވެ. ނަމަވެސް ސިއްރުން ހެކި ބަސް ނެގުމުގެ އެއްވެސް އުސޫލެއް ހެއްކާ ބެހޭ ގާނޫނުގައި ނެތް ކަމަށް ޝަމީލް ވިދާޅުވި އެވެ.

ޝަމީލް ވިދާޅުވީ، ލިޔުންތަކާއި މައްސަލާގައި ހިމެނޭ ބަޔާންތައް ސިއްރު ކުރުމަކީ ރައީސް މައުމޫނަށް ދައުވާއަށް ޖަވާބުދާރީވުމަށް އެޅޭ ހުރަހެއް ކަމަށެވެ. އެ ލިޔުންތަކުގައިވާ އެއްޗެއް ނޭނގި އެއަށް ދިފާއު ތައްޔާރުނުކުރެވޭނެ ކަމަށެވެ. އެހެންވެ ސިއްރު ހެކިވެރިންގެ ވަނަވަރުތައް އުނިކޮށްފަ ނަމަވެސް އެ ބަޔާންތައް ފޯރުކޮށްދިނުމަށް އެދުނެވެ.

ރައީސް މައުމޫން ވެސް ޝަރީއަތުގެ އަޑުއެހުމުގައި ވާހަކަފުޅު ދެއްކެވި އެވެ. ރައީސް މައުމޫން އެހެން ބައެއް ޝަރީއަތްތަކުގައި ވެސް ވިދާޅުވި ގޮތަށް މިއަދު ވެސް ވިދާޅުވީ، ސިއްރުން ހެކި ބަސް ނެގުމަކީ އިސްލާމީ ޝަރީއަތާ މުޅިން ހިލާފު ކަމެއް ކަމަށެވެ. ޤުރުއާން އަދި ރަސޫލާގެ ސުންނަތުގައި ވެސް ސިއްރު ހެކި ބަހުގެ ވާހަކަ ނެތް ކަމަށެވެ. ހެކި ބަސް ދޭ މީހުންގެ އަދުލުވެރިކަން ކަށަވަރުކުރުމަކީ ކޮންމެ ގާޒީއަކު ވެސް ކުރައްވަން ޖެހޭނެ ކަމެއް ކަމަށާއި ނަމަވެސް ސިއްރުން ހެކި ބަސް ދޭއިރު އެކަން ގާޒީއަށް ޔަގީން ނުކުރެއްވޭނެ ކަމަށެވެ.

ރައީސް މައުމޫން ވިދާޅުވީ، ސިއްރުން ހެކި ބަސް ދިނުމަކީ ދޮގު ހެކި ބަސް ދިނުމަށް ހުޅުވޭ ދޮރެއް ކަމަށެވެ. ބައެއް މީހުން ހެކި ބަސް ދިނުން ގޯއްޗާއި ވަޒީފާ ފަދަ ހަދިޔާތައް ލިބިފައިވާ ކަމުގެ މައުލޫމާތު އެމަނިކުފާނަށް ވެސް ލިބިފައިވާ ކަމަށް ވެސް މިއަދު ރައީސް މައުމޫން ވިދާޅުވި އެވެ.

އެމަނިކުފާނަށް ރައްދު ދެއްވަމުން ޕަބްލިކް ޕްރޮސިކިއުޓާ އަހުމަދު ނައުޝާދު ވިދާޅުވީ، ސިއްރުން ހެކި ބަސް ނެގުމަކީ އިސްލާމީ ޝަރީއަތާ ހިލާފުވާ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ސިއްރުން ހެކި ބަސް ނެގުމަކީ ހެކިންގެ ނަޒާހަތްތެރިކަން ހިފެހެއްޓޭނެ ކަމެއް ކަމަށެވެ. ހެކިވެރިޔަކީ ކާކުކަން އެނގޭ ހާލަތުގައި އޭނާއަށް އަދި މުޖުތަމައުއަށް ނުރައްކާވާ ފަދަ ހާލަތްތައް އަންނަ ކަމަށާއި އެފަދަ ހާލަތްތަކުގައި އެންމެ މަސްލަހަތު ހުރި ގޮތަކީ ހެކިން ސިއްރު ކުރުން ކަމަށް ނައުޝާދު ވިދާޅުވި އެވެ.

ނައުޝާދު ވިދާޅުވީ، ސިއްރުން ހެކި ބަސް ނެގުމަށް އެއްވެސް ހުރަހެއް ނެތް ކަމަށާއި ހައިކޯޓުން މީގެކުރިން ނިންމާފައިވާ މައްސަލަތަކުން ވެސް އެނގޭ ހާމަވާ ކަމަށެވެ.

އިތުރަށް ނައުޝާދު ވިދާޅުވީ، މައްސަލާގައި ހިމެނޭ ބަޔާންތައް މިހާރު ވެސް ހުންނާނީ ހެކިންގެ މައުލޫމާތުތައް ކަނޑައި ދޫކޮށްފަ ކަމަށާއި ދެން ބާކީވާ ހަތަރު ލިޔުން ސިއްރު ކުރަން އެދެނީ ވަރަށް މުހިންމު ސަބަބުތައް އޮތީމަ ކަމަށެވެ. އޭގެ ތެރެއިން ވެސް ޑޮކިއުމެންޓް އެގްޒަމިނޭޝަން ރިޕޯޓް ޝަރީއަތުގެ މަޖިލީހުގައި ރައީސް މައުމޫންގެ ވަކީލުންނާ ހިއްސާކުރުމަށް އިއުތިރާޒެއް ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

މައްސަލާގައި އިތުރު ހެއްކެއް ފާޅުވެއްޖެ އެ ހެއްކެއް ހާމަކުރުމަށް ފުރުސަތު ދިނުމަށް އެެދި ހުށަހެޅުމެއް ދައުލަތުން ލިޔުމުން މީގެކުރިން ހުށަހެޅި އެވެ. ނަމަވެސް މައްސަލާގައި ދައުވާ ލިބޭ އެހެން ބޭފުޅުންގެ ބައިގައި އެ ހުށަހެޅުމާ ގުޅޭ ގޮތުން ގާޒީ ގޮތްތަކެއް ކަނޑައަޅުއްވާފައިވާތީ އެ ހުށަހެޅުން މިއަދު އަނބުރާ ދައުލަތުން ގެންދިޔަ އެވެ. އެ ހުށަހެޅުމާ ގުޅިގެން މީގެކުރިން ގާޒީ ހައިލަމް ވިދާޅުވެފައިވަނީ އެއީ މި މަރުހަލާގައި ހުށަހަޅަން ޖެހޭ ހުށަހެޅުމެއް ނޫން ކަމަށެވެ. ހެކި ހުށަހަޅަންޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ އެ ހެއްކެއް ހުށަހަޅައި އެ ހެކި ބަލައިގަތުމާ ގުޅޭގޮތުން ބަހުސް ކުރެވި ކޯޓުން އެހެކި ބަލައިގަތުމާމެދު ގޮތެއް ނިންމާނެ ކަމަށެވެ.

ދައުލަތުގެ ދެ ހުށަހެޅުން ބަލައިގަތުމަށް ގާޒީ ހައިލަމް ނިންމެވުމުން ރައީސް މައުމޫންގެ ވަކީލް މުހައްމަދު ފައިސަލް ވަނީ ރައީސް މައުމޫންގެ ބަންދާމެދު ވާހަކަ ދެއްކެވުމަށް އެދިފަ އެވެ. އެ މައްސަލާގައި ރައީސް މައުމޫން ހުންނެވީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. ނަމަވެސް ގާޒީ ހައިލަމް ވިދާޅުވީ، މިއަދު ބަންދު މަޖިލިސް ބާއްވަން ވަގުތު ނެތް ކަމަށެވެ. އެހެން ވިދާޅުވެ މިއަދުގެ އަޑުއެހުން ނިންމަވާލެއްވި އެވެ. ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ރައީސް މައުމޫންގެ ފަރާތުން ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅޭ ގޮތުން ގޮތެއް ނިންމުމެވެ.

ޓެރަރިޒަމްގެ ދައުވާ ސާބިތުވެއްޖެނަމަ ރައީސް މައުމޫންގެ މައްޗަށް 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ. ރައީސް މައުމޫން މިހާރު ގެންދަވަނީ ތަހުގީގަށް ފޯނު ނުދެއްވި މައްސަލާގައި އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.

ރައީސް މައުމޫންގެ މައްޗަށް ކުރާ ދައުވާގައި ބުނެފައިވަނީ، ދިގު 30 އަހަރު ވެރިކަން ކުރައްވައި ޕީޕީއެމްގެ އިސް މަގާމެއްގައި ހުންނަވައިގެން އެކި ފަހަރު މަތިން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައިގެން ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ރައީސް މައުމޫން އުޅުއްވާފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރެއް ކަމަށްވާ އަބްދުﷲ ސަިނާނާއި އިލްހާމް އަހުމަދަށް ރިޝްވަތު ދީފައިވާ ކަމަށާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެކެއް ފެބުރުއަރީގެ އަމުރު ނެރެއްވާފައިވާ ކަމަށެވެ.

އޭގެއިތުރުން ގާނޫނީ އުސޫލުތަކުގެ ބޭރުން ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފް މެދުވެރިކޮށް ދުރާލާ ރާވައިގެން ފުލުހުންގެ ތެރެއިން ބަޔަކު ލައްވައި ފުލުހުންގެ ޑިއުޓީގައި އުޅުނު އިތުރު ފުލުހުންނާ ކުރިމަތިލައި ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތްކޮށް، ގާނޫނު އަސާސީ އާއި ގާނޫނުތަކާއި އުސޫލުތަކުގެ ބޭރުން ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ވައްޓާލަން މަސައްކަތްކޮށް ދައުލަތަށާއި ސަރުކާރަށް ނޭދެވޭ ނުފޫޒު ފޯރުވައި އާންމުންގެ ސަލާމަތަށް ނުރައްކާވާފަދަ ހާލަތެއް މެދުވެރިކުރަން ރައީސް މައުމޫން އުޅުއްވާފައިވާ ކަމަށް ވެސް ދައުވާގައިވެ އެވެ.