ހަބަރު

ރިލްވާން މައްސަލާގައި ޑީއެންއޭއާ ގުޅޭ ހެކިންނާމެދު އިތުރު ޝައްކެއް އުފައްދައިފި

ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ މައްސަލާގައި ފުލުހުންނާއި ޕްރޮސިކިއުޓާ ޖެނަރަލް، ޕީޖީގެ ފަރާތުން ބޮޑެތި އިހުމާލްތަކެއްވެފައިވާ ކަމަށް ވިދާޅުވެ ބޮޑެތި ޝައްކުތަކެއް އަނެއްކާވެސް މައްސަލާގައި ދައުވާ ލިބޭ ފަރާތްތަކުން އުފައްދައިފި އެވެ.

ރިލްވާން ގެއްލުވާލި މައްސަލާގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ ގ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ މައްޗަށެވެ. މައްސަލާގައި މިއަދު ވަނީ ފަހު އަޑުއެހުން ބާއްވާފަ އެވެ. ދެ ފަރާތުން ވަނީ ހުލާސާ ބަޔާން އިއްވާފަ އެވެ.

ދައުލަތުގެ ހުލާސާ ބަޔާން އިއްވަމުން ސީނިއާ ޕަބްލިކް ޕްރޮސިކިއުޓާ އައިޝަތު މުހައްމަދު ވިދާޅުވީ، މައްސަލާގައި ހެކި ބަސް ދީފައިވާ ފަރާތްތަކުގެ ހެކި ބަހުން ރިލްވާން ގެއްލުނު ރޭ ގަދަކަމުން މީހަކު ކާރަކަށް އެރުވިކަން ސާބިތުވާ ކަމަށެވެ. އަދި އާލިފްގެ ރަތް ކާރު ހުޅުމާލެއަށް ގެންދިޔަކަން ވެސް ސާބިތުވާ ކަމަށެވެ.

މި މައްސަލާގައި އެންމެ މުހިންމު ހެއްކެއްގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވަނީ އާލިފްގެ ރަތް ކާރުން ފެނުނު އިސްތަށިން ފެނުނު ޑީއެންއޭ އެވެ. އެ އިސްތަށިން ފެނުނު މައިޓްރޯކޮންޑަލް ޑީއެންއޭ، ރިލްވާންގެ މަންމަ އައިޝަތު އީސާގެ ޑީއެންއޭއާ ދިމާވެ އެވެ. ޑީއެންއޭ ޓެސްޓްތައް ހަދާފައިވަނީ ތައިލޭންޑްގެ ލެބޯޓްރީއަކުންނާއި ވިއެޓްނާމުންނެވެ. އެ ރިޕޯޓްގެ އަސްލަކަށް ބަަލައިގެން ދިވެހި ފުލުހުންގެ އޮފިސަރެއް ވެސް ރިޕޯޓް ތައްޔާރުކުރި އެވެ. އޭނާ މައްސަލާގައި ހެކި ބަސް ވެސް ދިނެވެ.

އޭނާ ހެކި ބަސް ދެމުން ފާހަގަކުރި ކަމެއް ހުލާސާ ބަޔާން އިއްވަމުން އައިޝަތު މުހައްމަދު ފާހަގަކުރެއްވި އެވެ. އެގޮތުން މައިޓްރޯކޮންޑަލް ޑީއެންއޭއަކީ މަންމަގެ ފަރާތުން އަންނަ އެއްޗެއް ކަމަށާއި އެ ދިމާވާނީ އެއް ބަނޑު މީހުންނާއި އެއް ބަނޑު އަންހެނުންގެ އަންހެން ދަރިންނާ ކަމަށެވެ. އެހެންވެ، ރިލްވާންގެ އެއްބަނޑު ހަތަރު ދައްތަ އާއި ހަތަރު ބޭބެގެ ހެކި ބަސް ނަގާފައިވާކަން ފާހަގަކުރެއްވި އެވެ. އެ އެންމެންގެ ހެކި ބަހުން ވެސް އާލިފްގެ ކާރަށް އެއިން އެކަކު ވެސް ނާރާކަން ކަށަވަރުވާ ކަމަށާއި އެމީހުންގެ އިސްތަށި އެ ކާރަށް ދިޔުމުގެ ފުރުސަތު ނެތްކަން ވެސް އެނގޭ ކަމަށެވެ.

ވަކީލް އައިޝަތު ވިދާޅުވީ، ރިލްވާން ގަދަކަމުން ކާރަށްލާފައިވާއިރު އެ ކާރަކީ އާލިފްގެ ކާރަށްވުމުގެ ފުރުސަތު މައްސަލާގެ ހެކިންގެ ހެކި ބަހުން ފުރުސަތު ބޮޑު ކަމަށެވެ. އެހެންވެ އެކަމުގެ ޒިންމާ އެ ކާރުގެ ވެރި އާލިފާއި ކާރު ހުޅުމާލޭގައި ދުއްވި ނޫރައްދީން އުފުލަންޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ހުލާސާ ބަޔާންގައި ދައުލަތުގެ ވަކީލް ފާހަގަ ކުރެއްވި ކަންތައްތަކާ ގުޅިގެން އާލިފާއި ނޫރުގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވަނީ ގިނަ ސުވާލުތަކެއް ކުރިމަތިކުރައްވާފަ އެވެ. އެގޮތުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ޑީއެންއޭ ދިމާވާނެ ކަމަށް ބެލެވޭ އެންމެންގެ ހެކި ބަސް ދައުލަތުން ނަގާފައިނުވުމެވެ. މައްސަލާގެ މެދާ ހަމައަށް ދިޔަ ފަހުން ރިލްވާންގެ ބޭބެ މޫސާ ރިލްވާންގެ ހެކި ބަސް ނަގަންޖެހޭކަން ދައުލަތަށް އެންގި އެ ހެކި ހުށަހެޅިއިރު މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް އެ ހެކި ބަލައިގަތުމަށް ނިންމެވީ މައްސަލާގައި އުފެދޭ ޝައްކު ނައްތާލުމަށެވެ. އަދި އަދުލުއިންސާފު ގާއިމުކުރުމަށެވެ.

ނަމަވެސް ނޫރުއްސަލާމް ވިދާޅުވި ގޮތުގައި، އެކަން މޫސާ ރިލްވާންގެ ހެކި ބަސް ނެގުމުން ވެސް ހާސިލެއް ނުވެ އެވެ. މައްސަލާގައި އަދިވެސް ޝައްކުތައް ބޮޑެވެ. އެއީ، އެ ޑީއެންއޭ ރިލްވާންގެ އެއް ބަނޑު އަންހެނުންގެ ދަރިންނާ ދިމާވުމުގެ ފުރުސަތު އޮވެ، އެ މީހުންގެ ހެކި ބަސް ނަގާފައި ނެތުމެވެ.

މީގެއިތުރުން އެ ކާރަށް ކުރިން ރިލްވާން އެރުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށެވެ. އަދި ބަޔަކު އެ ކާރަށް އިސްތައްޓެއްލުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށް ނޫރުއްސަލާމް ވިދާޅުވި އެވެ. ރިލްވާންގެ އާއިލާ މީހުންގެ ހެކި ބަހުން އާލިފާއި ނޫރައްދީން ކުށްވެރިކުރެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.

"މިއީ ޖަރީމާ ފޮރުވަން ކޮށްފައިވާ ދައުވާއެއް"

ނޫރުއްސަލާމް ވިދާޅުވީ، މި ދައުވާއަކީ ރިލްވާން ގެއްލުވާލި ޖަރީމާ ފޮރުވަންކޮށްފައިވާ ދައުވާއެއް ކަމަށެވެ. އެ މައްސަލަ ދެ ކުއްޖެއްގެ ބޮލަށް ކަނޑާލައި ޖަރީމާގެ އަޑު ކަނޑުވާލަން ކޮށްފައިވާ ދައުވާއެއް ކަމަށެވެ. މައްސަލާގެ ތަހުގީގު އާއި ދައުވާކުރުމުގެ ބޮޑެތި އިހްމާލުތައްވެފައިވާ ކަމަށެވެ.

އެގޮތުން ރަތް ކާރަކީ އާލިފްގެ ކާރުކަން ސާބިތު ކުރަން އެއްވެސް ލިޔުމެއް ދައުލަތުން ހުށަހަޅާފައިނުވާ ކަމަށް ނޫރުއްސަލާމް ވިދާޅުވި އެވެ. ކާރުގެ ރަޖިސްޓްރީ ފަދަ ފަސޭހައިން ލިބޭ ލިޔުމެއް ވެސް ނެތް ކަމަށެވެ. އެ ކާރަކީ އާލިފް ކާރެއް ކަމަށް ތަހުގީގު ބަޔާންގައި އޭނާ ބުނެފައިވެ އެވެ. ނަމަވެސް އެ ބަޔާނަށް އޭނާ ވަނީ އިންކާރުކޮށްފަ އެވެ.

ނޫރުއްސަލާމް ވިދާޅުވީ ބަޔާނަށް އާލިފް އިންކާރު ކުރަނީ ތަހުގީގުގައި އެދުނު ކަންކަން ފުލުހުން ކޮށް ނުދީ އޭނާގެ ބަޔާންގައިވާ އެ ތަންކޮޅުގެ ބޭނުން ހިފައި އޭނާގެ މައްޗަށް ދައުވާކޮށްފައިވާތީ ކަމަށެވެ. އާލިފްގެ ކާރު އާންމުކޮށް މާލޭގައި ޕާކްކުރާ ސަރައްހަދު ސީސީޓީވީ ފްޓޭޖް ބެލުމަށް އާލިފް ތަހުގީގުގައި ފުލުހުން ކިބައިގައި އެދުނު ކަމަށާއި ނަމަވެސް އެކަން ފުލުހުން ކޮށްފައިނުވާ ކަމަށް ނޫރުއްސަލާމް ވިދާޅުވި އެވެ.

ކާރުން ފެނުނު އިސްތަށީގެ ޗެއިން އޮފް ކަސްޓަޑީ ހެކީގެ ގޮތުގައި ހުށަނާޅާ މިއަދު ހުލާސާ ބަޔާން އިއްވަމުން ދައުލަތުގެ ވަކީލް ޗެއިން އޮފް ކަސްޓަޑީއާ ހަވާލާދީ ވާހަކަ ދައްކަވާފައިވާތީ އެކަމުގެ ޝަކުވާ ވެސް ނޫރުއްސަލާމް ކުރެއްވި އެވެ. ނޫރުއްސަލާމް ވިދާޅުވީ، ޗެއިން އޮފް ކަސްޓަޑީ ހުށަނާޅާ އެ އިސްތަށި ނެގި ތަނަކާއި ނެގި ގޮތެއް ސާބިތު ނުކުރެވޭނެ ކަމަށެެވެ. އަދި އެއީ ދައުލަތުން ބޭނުންވާ ވަގުތެއްގައި ހުށަހަޅަން އޮންނަ އެއްޗެއް ވެސް ނޫން ކަމަށެވެ. އެ އިސްތައްޓަކީ އާލިފްގެ ކާރުގައި އޮންނާނެ އިސްތައްޓެއް ނޫން ކަަމަށް އޭނާ ޔަގީންކޮށްދޭ ކަމަށާއި އެހެންކަމަށްވާއިރު އެ އިސްތަށި ނެގީ އޭނާގެ ކާރުކަން ދައުލަތުން ސާބިތުކޮށްދޭން ޖެހޭނެ ކަމަށެވެ.

އެކަމާ ގުޅިގެން މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވެސް ވަނީ ވާހަކަ ދައްކަވާފަ އެވެ. ގާޒީ ވިދާޅުވީ ޗެއިން އޮފް ކަސްޓަޑީ ހުށަހަޅާ ކަމަށް ބުނެ ދައުލަތުން ސިޓީއެއް ފޮނުވި ކަމަށާއި ނަމަވެސް ސިޓީއެއް ފޮނުވުމަކީ ހުށަހެޅުން ނޫން ކަމަށެވެ. މައްސަލާގައި ލިޔުމެއް ހުށަހަޅާނަމަ ޝަރީއަތުގެ މަޖިލީހުގައި އެކަން ފާހަގަކޮށް ދައުވާ ލިބޭ މީހާއަށް ވެސް އެކަން އަންގަންޖެހޭނެ ކަމަށެވެ. ނަމަވެސް ޗެއިން އޮފް ކަސްޓަޑީއަކީ އޮތް އެއްޗެއްކަން ވެސް ދައުވާ ލިބޭ މީހުންނަށް އެނގުނީ ހުލާސާ ބަޔާންގައި ދައުލަތުން އެކަން ފާހަގަކުރުމުން ކަމަށެވެ.

ގާޒީ ވިދާޅުވީ، އަދުލުއިންސާފު ގާއިމުކުރުމަށް މޫސާ ރިލްވާންގެ ހެކި ބަސް ބަލައިގަތުމަށް ޝަރީއަތުން ނިންމުމަކީ ދައުލަތުން އެގޮތަށް ކޮންމެ ފަހަރަކު އަމަލު ކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ. ދައުލަތުން ހުށަހަޅާ ކަންކަން ބަލައިގަތުމުގައި ދައުވާ ލިބޭ މީހުންގެ ހައްގުތަކަށް ވެސް ބަލަންޖެހޭ ކަމަށެވެ.

އެކަމާ ގުޅިގެން ދައުލަތުގެ ވަކީލް ވިދާޅުވީ، ރިލްވާންގެ މައްސަލަ ކޯޓަށް ހުށަހެޅި ދައުވާއާއެކު ޗެއިން އޮފް ކަސްޓަޑީ ހުށައެޅުމުގެ އުސޫލެއް ނެތް ކަމަށެވެ. ޗެއިން އޮފް ކަސްޓަޑީ ދައުވާއާއެކު ހުށަހަޅަން ފެށީ ހައިކޯޓުގެ ހުކުމަކަށްފަހު ކަމަށެވެ. ނަމަވެސް ގާޒީ ވިދާޅުވީ، ދައުވާއާއެކު ހުށަނާޅާ ފަހުން ހުށަހެޅި ނަމަވެސް އެކަން ޝަރީއަތުގައި ފާހަގަކޮށް ދައުވާ ލިބޭ މީހުންނަށް އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަން ފުރުސަތު ލިބެންޖެހޭނެ ކަމަށެވެ.

ހުލާސާ ބަޔާން ނިންމާލައްވަމުން ނޫރުއްސަލާމް ވިދާޅުވީ، މައްސަލާގައި ހިމެނޭ އެއްވެސް ހެއްކެއް އާލިފާއި ނޫރައްދީންގެ ނަން ވެސް ބުނެފައިނުވާތީ އެ މައްސަލަ އެ ދެ މީހުންގެ މައްޗަށް ސާބިތުވާނެ އެއްވެސް ހަމައެއް ނެތް ކަމަށެވެ.

ދެން އޮތީ ހުކުމް

މި މައްސަލާގެ އަޑުއެހުންތައް އެހާ ހިސާބުން ނިމުނީކަން ގާޒީ އިއުލާން ކުރެއްވި އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން 10 ދުވަސް ތެރޭގައި ހުކުމް އިއްވަން ޖެހޭނެ ކަމަށް ބުނެފައިވާތީ ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި ހުކުމް އިއްވުމަށް އަޑުއެހުމެއް ބާއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.