ހަބަރު

ސަރުކާރުން ރީރަޖިސްޓްރޭޝަންގެ ކަންތައް ކުރުމަކީ މައްސަލައެއް ނޫން: ޕީޕީއެމް

ސަރުކާރު ކުންފުނިތަކާއި މިނިސްޓްރީތަކުގައި މަސައްކަތް ކުރާ މުއައްޒިފުން ރިޔާސީ އިންތިހާބަށް ރީ ރަޖިސްޓާ ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވުމަށް ތާއީދު ކުރާ ކަމަށާއި ކުރިޔަށް އޮތްތަނުގައި ވެސް އެކަން ހިނގާނެ ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.

ރަސްމީ މަސަައްކަތުން ވީއްލިގެން ރީ ރަޖިސްޓްރޭޝަން މަސައްކަތުގައި އުޅުމަށް ސަރުކާރު މުއައްޒިފުންނަށް މަޖުބޫރު ކުރުވާ ކަމަށް ބުނާ ވާހަކަތަކަށް ރައްދު ދެއްވަމުން ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެ ވާހަކަތަކަކީ ހަގީގަތެއް ކަމަށާއި ކުރިޔަށް އޮތް ތަނުގައި ވެސް އެކަންތައް ކުރަމުން އަންނާނެ ކަމަށެވެ. ސިވިލް ސާވިސް މުއައްޒިފުން ރީ ރަަޖިސްޓާ ކުރުމުގެ މަސައްކަތުގައި ބައިވެރިވުމަކީ އެއްވެސް ގާނޫނަކުން މަސައްކަތް ކުރާ ކަމެއް ވެސް ނޫން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އެ ބޭފުޅުންނެއް ވިދާޅެއް ނުވޭ ރައީސް ޔާމީންއަށް ވޯޓުލާން ރީ ރަޖިސްޓާ ކުރާށެކޭއޭ، މިއީ މީގަ މުހިންމު ކަމަކީ، ރައީސް ޔާމީންއަށް ވޯޓުލާ މީހުން އެކަންޏެއް ނޫން ރަޖިސްޓާ ކުރަނީ، އަޅުގަނޑުމެން ބޭނުންވެގެން މިއުޅެނީ ރާއްޖޭގައި ބޭއްވި އިންތިހާބުތަކުގެ ތެރެއިން މި އިންތިހާބަކީ ވޯޓުލުމުގެ ޝަރުތުހަމަވާ އެންމެ ގިނަ މީހުން ވޯޓުލާ އިންތިހާބަށް ހަދާށޭ، އެހެންވީމަ އެއީ މި ކުރާ މަސައްކަތަކީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ސަރުކާރުގެ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންނާއި އިސް ބޭފުޅުން ޕީޕީއެމްއަށް މަސައްކަތް ކުރަނީ އެއީ ޕީޕީއެމްގެ ސަރުކާރަކަށްވާތީ ކަމަށާއި ޕީޕީއެމްގެ ސަރުކާރެއްގައި ތިއްބަވާނީ ޕީޕީއެމް އިން މަަގާމްތަކަށް ފޮނުއްވާފައި ތިބި ބޭފުޅުން ކަމަށެވެ. އެހެންކަމުން ސަރުކާރު ތަމްސީލު ކުރާ ޕާޓީއަށް މަސައްކަތް ކޮށްދިނުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

މިދިޔަ ހަފްތާއެއްހާ ދުވަސް ތެރޭގައި ގިނަ އަދަދަށް މީހުން ރީ ރަޖިސްޓާ ކުރުމުގެ މަސައްކަތް ޕީޕީއެމް އިންކޮށްފައިވާ ކަމަށާއި އިދިކޮޅު ފަރާތްތަކަށް އެކަން ނުކުރެއްވޭތީ އަސާސެއް ނެތް ތުހުމަތުތަކެއް ކުރަމުން އަންނަ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އެގޮތުން ސަރުކާރު ހިންގާ ޕާޓީގެ ފަރާތުން ރީ ރަޖިސްޓްރޭޝަންތައް އޮޅުވާލުމަށް މަސައަކަތް ކުރަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށާއި ޕީޕީއެމް އިން ކުރަނީ ވީހާވެސް ގިނަ ބަޔަކަށް ވޯޓުލުމުގެ ހައްގު ހޯދައިދިނުމުގެ މަސައްކަތް ކަމަށެވެ. އަދި ރަޖިސްޓްރީ ކުރާއިރު ވަކި ޕާޓީއެއް ނުވަތަ ފިކުރެއް ޕީޕީއެމް އިން ނުބަލާނެ ކަމަށާއި ކޮންމެ ކެންޑިޑޭޓަކަށް ވޯޓުލި ނަމަވެސް ރަޖިސްޓާކޮށްދެމުން އަަންނަ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.