ހަބަރު

ނައިބު ރައީސަށް ނަޝީދު ހަދައި އިބޫ އިސްތިއުފާދޭނެ: އަޒްލީން

Jul 24, 2018
12

އިދިކޮޅު ކޯލިޝަންގެ ސަރުކާރެއް ގާއިމް ވެއްޖެނަމަ އެބޭފުޅުންގެ އަމާޒަކަށްވާނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ނައިބު ރައީސްކަން ދިނުމަށްފަހު، އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓް އިބުރާހިމް މުހައްމަދު ސޯލިހު، އިބޫ ރައީސް ކަމުން އިސްތިއުފާ ދިނުން ކަމަށް ހޯމް މިނިސްޓަރު އަހުމަދު އަޒްލީން ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ފަރާތުން މަޖީދީމަގުގައި "އަތޮޅު ޖަގަހަ" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އަޒްލީން ވިދާޅުވީ، މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ނޫން އެހެން ފަރާތަކަށް ވޯޓް ލުމަކީ ދިވެހި އެއްވެސް ރައްޔިތަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އެކަމަކީ ދީނީ ގޮތުންވެސް ހުއްދަކަމެއް ނޫން ކަމަށެވެ.

"އިބޫ ހޮވިއްހިއްޔާ އަމާޒަކީ ކޮންމެހެންވެސް ހަދާފަވެސް ނައިބު ރައީސް އަކަށް ނަޝީދު ގެނައުމަށްފަހުގައި އިބޫ އިސްތިއުފާދިނުން، މިހާހިސާބުން އޮޓަމެޓިކޮށް ނަޝީދަށް ވެރިކަން ލިބިގެންދާނެ، ދެން އެހަދާ ޑީލެއްގެ ތެރެއިން ނައިބްރައިސްއަށް ގެންނާނީ އިބޫ ކަމެއް އެހެން މީހަކު ކަމެއް ނޭންގެ،" އަޒްލީން ވިދާޅުވި އެވެ.

އަޒްލީން ވިދާޅުވީ، މިގައުމުގެ ވެރިކަމަށް އިދިކޮޅު ފަރާތްތަކުން ކުރިމަތިލައިގެން ނެރުއްވާ ބަޔަކީ 18 މަސްދުވަހަށް ވެރިކަމަކަށް އަންނަން އުޅުއްވާ ބައެއް ކަމަށެވެ. މިކަމުން ދައްކާދެނީ މިގައުމުގެ ވެރިކަމާ ހަވާލުވާން ތައްޔާރަށް ތިބި ބަޔަކީ ވަގުތީ ބައެއް ކަމަށެވެ. އަދި އެފަދަ ބަޔަކަށް ރައްޔިތުންނަށް ވެވޭނެ އެއްވެސް ވައުދެއް ނޯންނާނެ ކަމަށާއި އެފަދަ ބަޔަކަށް ރައްޔިތުންނަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި އެފަދަ ބައެއްގެ އެއްވެސް ތަސައްވުރެއް ނޯންނާނެ ކަމަށް އަޒްލީން ވިދާޅުވި އެވެ.

"މިފަދަ ބަޔަކު އަޑީގަ ތިބެގެން މިކުރާ މަސައްކަތް އަޅުގަނޑުމެންނަށް އިނގޭ، އިސްލާމްދީނަށް ފުރައްސާރަކޮށް ރަސޫލާއަސް ހަޖޫޖަހައި ރައްސާކޮށް މަލާމާތް ކުރުމަށްފަހުގައި ކީރިތި ގުރުއާނަށް ގޮންޖަހި މީހަކު ވެރިކަމަށް ގެނައުމަށް ކުރަމުންދާ މަސައްކަތްމީ، އަދިވެސް އަޅުގަނޑުމެން ބުނާނީ ލާދީނީ އޭ، މިޔަށް އިތުރު ޝައްކެއް ކުރާކަށް ޖާގައެއް ނެތް، މީގެ ހިޔަނީގައި މީހަކު ނެރުނަސް އިނގޭ މީގައި ލާދީނީ ކަމެއް އުޅެނީ،" އަޒްލީން ވިދާޅުވި އެވެ.

އަޒްލީން ވިދާޅުވީ، ރައީސް ޔާމީން ހޮވުމަށް އެންމެހާ ފަރާތްތަކުން މަސައްކަތް ކުރަންޖެހޭ ކަމަށާއި ހުރިހާ ފަރާތްތައް ގުޅިގެން ރައީސް ޔާމީން ހޮއްވަވަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ، އެންމެ ސަބަބަކާހެދި ރައީސް ޔާމީން ނޫން މީހަކަށް ވޯޓް ނުދިނުމަށެވެ.