ދުނިޔެ

ސިފައިންގެ ނުފޫޒުގެ ތުހުމަތުތަކާއެކު ޕާކިސްތާނު ވޯޓަށް

Jul 25, 2018
1

ކަރާޗީ (ޖުލައި 25) - ޕާކިސްތާނު ސިފައިން ނުފޫޒު ފޯރުވާކަމުގެ ތުހުމަތަކުގެ އަޑު ގަދަވެފައި ވަނިކޮށް، ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުން މިއަދު ފަށައިފި އެވެ.

ގާތްގަނޑަކަށް 106 މިލިއަން ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުން ވޯޓުލާނީ، 272 ގޮނޑިއަށް މެމްބަރުން ހޮވުމަށެވެ. ޕާކިސްތާނު ގަޑިން ހެނދުނު 8.00 ގައި ވޯޓުލުން ފަށާފައިވާއިރު، މި އިންތިހާބުގައި އެ ގައުމުގެ އާ ބޮޑުވަޒީރެއް ވެސް އިންތިހާބު ކުރެވިގެންދާނެ އެވެ.

ވޯޓުލުން އިރުއޮއްސި 6.00 ގައި ނިމޭއިރު، 85،000 ވޯޓުލާ މަރުކަޒު ވަނީ ގާއިމު ކުރެވިފަ އެވެ. އިންތިހާބާއި ދިމާކޮށް ހަމަނުޖެހުން ބޮޑުވެ އެތަކެއް ސަތޭކަ މީހުން މަރާލެވިފައިވާއިރު، 800،000 އަށް ވުރެ ގިނަ ސިފައިންނާއި ފުލުހުން ދަނީ ސަލާމަތީ ކަންކަން ބަލަހައްޓަމުންނެވެ.

މި އިންތިހާބުގައި 30 ސިޔާސީ ޕާޓީއަކުން 12،570 ކެންޑިޑޭޓުން ވާދަ ކުރާ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

މަސްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ލަފާ ކުރާ ގޮތުން، ޕާކިސްތާނުގެ ކްރިކެޓް ޓީމުގެ ކުރީގެ ކެޕްޓަން އިމްރާން ހާނު އިސްވެ ހުންނަވާ އިދިކޮޅު ޕީޓީއައި އިންތިހާބު ކާމިޔާބު ކޮށްފާނެ އެވެ. ނަމަވެސް، މިވަގުތު ޖަލުގައި ހުންނެވި ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފުގެ ވެރިކަން ކުރާ ޕާކިސްތާނު މުސްލިމް ލީގު-ނަވާޒް (ޕީއެމްއެލް-އެން) ގެ ސަޕޯޓު އަދިވެސް ވަރަށް ބޮޑުކަމަށްވެ އެވެ.

މީގެ އިތުރުން، މަރާލާފައިވާ ބޭނަޒީރުގެ ދަރިކަލުން ބިލާވަލް ބުއްޓޫ ޒަރުދާރީގެ ޕާކިސްތާނު ޕީޕަލްސް ޕާޓީ (ޕީޕީޕީ) އިން ގިނަ ގޮނޑިތަކެއް ކާމިޔާބު ކުރުން ގާތްކަމަށް ތަޖުރިބާކާރުން ލަފާކުރެ އެވެ.

މިއީ ޕާކިސްތާނުގެ ތާރީހުގައި، ރައްޔިތުން ވޯޓުލައިގެން ވިދި ވިދިގެން ދެ ދައުރަށް ސަރުކާރަކު އިންތިހާބު ކުރާ ދެވަނަ ފަހަރެވެ.