ބްރިޖުން ހުޅުމާލެއަށް ދަތުރު ކުރާ އުޅަނދު ފަހަރު ޕާކް ކުރާ ސަރަހައްދު ހިއްކުމުގެ މަސައްކަތް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ފަށައިފި އެވެ.
އެމްއޭސީއެލްގެ އޮފިޝަލަކު "އަވަސް" އަށް މިއަދު ވިދާޅުވީ މިހާރު ހިއްކަން ފަށާފައިވާ ސަރަހައްދު އެއް މަސް ދުވަހުގެ ތެރޭގައި އެއްކޮށް ނިމޭނެ ކަމަށެވެ.
ޕާކިން އޭރިއާ ހަދާ ސަރަހައްދުގެ ބޮޑު މިނުގައި 34،000 އަކަފޫޓު ހިއްކާއިރު، މިތަން ހިއްކަނީ ހުޅުމާލެ ފަޅުން ބައެއްގަ އެވެ.
ބްރިޖުން ދަތުރު ކުރާ އުޅަނދު ފަހަރު ޕާކު ކުރަން ހިއްކާ ހާއްސަ ސަރަހައްދުގެ މަސައްކަތް ކުރަނީ، ވެލާނާ އިންޓަނޭޝަނަލްގެ އާ ރަންވޭ އާއި ސީޕްލޭން ސަރަހައްދު ހިއްކުމުގެ މަސައްކަތް ވެސް ކުރި ދުބާއީގެ ގަލްފް ކޮބްލާ ކުންފުނިންނެވެ.
"ހުރިހާ އުޅަނދު ފަހަރެއް ވެސް ޕާކު ކުރެވޭ ގޮތަށް މި ތަން ހަދަމުން މިދަނީ. ބްރިޖު ނިމެންވާއިރަށް އެތަން ހިއްކާ ނިންމާލެވޭނެ،" އޮފިޝަލް ވިދާޅުވި އެވެ.
މާލެ-ހުޅުލެ ބްރިޖު ނުވަތަ ސިނަމާލެ ބްރިޖު ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަނީ ފަށާފަ އެވެ. ބްރިޖު ހުޅުވަން ނިންމާފައިވަނީ ސެޕްޓެމްބަރު މަހު އެވެ.
ބްރިޖްގެ ވަނަވަރު
- ބްރިޖްގެ ވައްތަރު: ބޯޗް އާޗް
- ބޯކްގެ އަދަދު 6
- ހަ ބޯކްގެ ޖުމްލަ ދިގު މިނަކީ 760 މީޓަރު
- ބްރިޖަށް އަރާ މަގުތަކާއެކު ޖުމްލަ ދިގު މިން 2100 މީޓަރު
- ބްރިޖްގެ ދަށުން ދެވޭ އެންމެ އުސްމިނަކީ 75 ފޫޓް
- ބްރިޖްގެ މަސައްކަތް ކުރަނީ ޗައިނާގެ ސީސީސީސީ
- ބްރިޖްގެ އަގަކީ 200 މިލިއަން ޑޮލަރު
- ހަތަރު ފުރޮޅުލީ އުޅަނދަށް ދެ ލޭން
- ސައިކަލަށް ދެ ލޭން
- ބްރިޖުގެ ޖުމްލަ ދިގުމިނާކީ ދެ ކިލޯމީޓަރު
- ފުޅާމިނުގައި 20.3 މީޓަރު
- މަސައްކަތް ނިންމާނީ 30 މަސް ދުވަހުން
"ސިނަމާލެ" ގެ ނަން ދީފައިވާ ބްރިޖު ހެދުމުގެ މަސައްކަތް ފަށާފައިވަނީ މީގެ ދެ އަހަރު ކުރިންނެވެ. މި މަސައްކަތް ކުރަނީ ބްރިޖުގެ މަސައްކަތް ކުރަން ދުނިޔޭގައި ވެސް އެންމެ ފާހަގަ ކުރެވޭ އެއް ކުންފުނި ކަމަށްވާ ޗައިނާގެ ސީސީސީ ކުންފުނިންނެވެ. ބްރިޖުގެ މަސައްކަތް ނިމެން ދާއިރު ބްރިޖާ ގުޅިގެން އަންނަ މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ވެސް ވަނީ ފަށާފަ އެވެ.