ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ރީ ރަޖިސްޓާ ކުރުމުގެ މަސައްކަތް، ގާނޫނާއި ގަވައިދާ ހިލާފަށް ސަރުކާރު މުއައްޒިފުން ކުރާ ކަމުގެ މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފި އެވެ.
ސަރުކާރު މުއައްޒިފުން ލައްވާ ރީ ރަޖިސްޓާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ މައްސަލަ ފެންމަތިވެފައިވާ އިރު، އެ މައްސަލާގައި މިހާތަނަށް ހިމޭންކޮށް އޮތުމަށް ފަހު ސީއެސްސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ރީ ރަޖިސްޓާ ކުރުމުގެ މަސައްކަތް ކުރާކަށް އެ ކޮމިޝަންގެ ފަރާތުން އެއްވެސް މުއައްޒިފަކަށް އަންގާފައި ނުވާ ކަމަށާއި އެ މަސައްކަތް ގަވައިދާ ހިލާފަށް ކުރާ ކަމުގެ މައްސަލައެއް ކޮމިޝަނަށް ހުށަހެޅިފައި ވެސް ނުވާ ކަމަށެވެ. އަދި ސަރުކާރު މުއައްޒިފުން ގަވައިދާ ހިލާފަށް އަމަލު ކުރާނަމަ އެ މައްސަލަ ސީއެސްސީ އިން ބަލައި ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ސީއެސްސީ އިން ބުނީ ސަރުކާރު މުއައްޒިފުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވޭނެ މިންގަނޑު ކަނޑައަޅާފައިވާ ކަމަށާއި އެ ހުދޫދުގެ ތެރޭގައި ސަރުކާރު މުއައްޒިފުންގެ އަމަލުތައް ބެހެއްޓުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ސަަރުކާރު މުއައްޒިފުންނާއި ސީއެސްސީއާ ބެހޭ ގޮތުން ދޮގު ހަބަރު ނުފެތުރުމަށް އިލްތިމާސް ކުރާ ކަމަށާައި އެފަދަ ވާހަކަ ފަތުރާ ނަމަ ފިޔަވަޅު އެޅުމަށް ކަމާ ބެހޭ މުއައްސަސާތަކަށް ހުށަހަޅާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.