ވިޔަފާރި

މިދިޔަ މަހުގެ ނިޔަލަށް ރާއްޖެއަށް 1.1 މިލިއަން ޓޫރިސްޓުން އަތުވެއްޖެ

Dec 25, 2014

މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް 1.1 މިލިއަން ޓޫރިސްޓުން އަތުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާއްމުކުރި މިދިޔަ މަހުގެ ހިސާބުތައް ދައްކާ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް 1،101،113 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ގާތްގަނޑަކަށް 7.9 ޕަސެންޓުގެ އިތުރުވުމެކެވެ.

ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު އޭޝިއާ އާއި އޭޝިއާ ޕެސިފިކް ގައުމުތަކުން އައި ޓޫރިސްޓުންގެ އަދަދު ވަނީ ކޮންމެވެސް ވަރަކަށް ދަށަށް ގޮސްފަ އެވެ. އޮކްޓޫބަރު މަހު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު 49.9 ޕަސެންޓުގައި ހުރިނަމަވެސް މި ދިޔަމަހު ވަނީ މި އަދަދު 49.6 ޕަސެންޓަށް ދަށަށް ގޮސްފަ އެވެ.

ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް ޗައިނާއިން 345،395 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި ރާއްޖެއަށް އެންމެ ގިނައިން ކުރިން ޓޫރިސްޓުން އައި ޔޫރަޕުގެ މާކެޓުން 477،123 ޓޫރިސްޓުން އައިސްފައިވެ އެވެ. ޔޫރަޕުން އައި ޓޫރިސްޓުންގެ އަދަދު ވަނީ 0.8 ޕަސެންޓުގެ އިތުރުވުމެއް އައިސްފަ އެވެ. ވަކިވަކި ގައުމުތަކަށް ބަލާއިރު އިނގިރޭސިވިލާތާއި ރަޝިއާ އަދި އިޓަލީން އައި ޓޫރިސްޓުން އަދަދު ވަނީ 5.2 ޕަސެންޓް އިތުރުވެފަ އެވެ.

ރާއްޖޭގެ ޓޫރިޒަމް އަލަށް މާކެޓު ކުރަމުން ގެންދާ އެމެރިކާ ސަރަހައްދަށް ބަލާއިރު މި ސަރަހައްދުން އައި ޓޫރިސްޓުންގެ އަދަދުވެސް ވަނީ 24.3 ޕަސެންޓް އިތުރުވެފަ އެވެ.

މި މުއްދަތުގައި ރާއްޖޭގައި 112 ރިސޯޓު އޮޕަރޭޓް ކުރަމުންދެ އެވެ. މި މުއްދަތުގައި 23،921 އެނދު އެބަ ހުއްޓެވެ.