ހަބަރު

އައްޑޫއިން 64 ބިމެއް ކުއްޔަށް ދޫކުރަން ނިންމައިފި

އައްޑޫ ސިޓީގެ ހުރިހާ ރަށަކުން، ޖުމްލަ 64 ބިމެއް ކުއްޔަށް ދޫކުރުމަށް ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އައްޑޫ ސިޓީގެ އެކި ރަށްތަކުގައި ހުރި ބިންތައް އެންމެ ހެޔޮގޮތުގައި ބޭނުން ކުރެވޭނެ ޕްލޭނެއް ރައީސް އަބުދުﷲ ޔާމީން އިސްނަންގަވައިގެން މިހާރު ތައްޔާރު ކުރެވިފައިވާ ކަމަށެވެ، އެގޮތުން ވިޔަފާރި ބޭނުން ތަކަށް ނުވަތަ ވިޔަފާރި ވެރިންނަށް ނުވަތަ އަލަށް ވިޔަފާރި ތަކަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ދިނުމަށްޓަކައި އައްޑޫ ސިޓީގެ ހުރިހާ ރަށަކުން ބިން ކުށްޔަަށް ދިނުމަށް ނިންމާފައިވާ ކަމަށްވެސް މުއައްޒު ވިދާޅުވި އެވެ.

"މީގެ ތެރޭގައި ހުރިހާ ރަށެއް ހިމެނޭނެ، އޭގެ ތެރޭގައި ހިތަދޫ، މަރަދޫ، މަރަދޫ ފޭދޫ، ފޭދޫ އަދި ހުޅުމީދޫ، ކޮންމެ ރަށަކުން މިހާރު ވާނީ ބިންތަކެއް ކަނޑައަޅާފަ،" މިއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ، އެ ބިންތަކަށް ކުރިމަތި ލުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލެވޭނެ ކަމަށާއި ބިންތަކަށް ކުރިމަތި ލުމުގެ ފުރުސަތު އައްޑޫ ސިޓީގެ ހައުސިން މިނިސްޓްރީގެ ޑީޕާޓްމެންޓުން ލިބިގެންދާނެ ކަމަށެވެ. ބިމާ ބެހޭ ގާނޫނުގެ ދަށުން ބިންތައް ކުއްޔަށް ދިނުމަށް ފުރުސަތު ހުޅުވާލަން ނިންމާފައިވާ ކަމަށް މުއައިއްޒު ވިދާޅުވި އެވެ.

"އެހެން ކަމުން އައްޑޫ ސިޓީން އެންމެ މަދުވެގެން 64 ބިމެއް ކުއްޔަށް ދޫކުރާނަން، އޭގެ ތެރޭގައި ފޭދޫއިން އެކަނި ގާތްގަނޑަކަށް 25 އަކަށް ބިން، އެއީ ފޭދޫއިން އަލަށް ހިއްކި ސަރަހައްދުން، ދެން ހުރި ރަށްތަކުންވެސް، އެކި ރަށްތަކުން އެކި ވަރަށް ބިންތައް ދޫކުރަން ނިންމާފައިވަނީ،" މުއައްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ، މިކަމަކީ ރައީސް ޔާމީން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން އިގްތިސޯދީ ނަފާ އައްޑޫ ސިޓީގެ ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި ނިންމެވި ނިންމެވުމެއް ކަމަށެވެ. މި ނިންމެވުމުގެ ސަބަބުން ޒުވާނުންނާއި އެކި އުމުރުފުރައިގެ ވިޔަފާރި ވެރިންނާއި އަލަށް ވިޔަފާރިއަށް ނިކުންނަ ފަރާތްތަކަށް ވަރަށް ރަނގަޅު ފުރުސަތަކަށް ވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ވަރަށް ގިނަ ފަރާތްތަކުން ސަރުކާރުގަ އެދެމުންދޭ ކޮންމެސް ވަރަކަށް ބިިން ކުއްޔަށް ދޫކުރެވޭނެ ގޮތް ހައްދަވައިދިނުމަށް، އެގޮތުން މިކަން ހަމަޖެހިގެން ދިއުމުން ނުސީދާ ގޮތުންވެސް އައްޑޫ ސިޓީއަށް ވަރަށް ބޮޑެތި ކުރިއެރުންތައް ލިބޭނެ، އެއީ ވިޔަފާރި ތަކަކަށް ފުރުސަތު ދިނީމަ ކޮމާޝަލް ބޭނުންތަކަށް ފުރުސަތު ދިނީމަ އެއާ ގުޅިގެން ވަޒީފާތައްވެސް އުފެދިގެންދާނެ، ވަޒީފާތައް އިތުރުވެގެން ދިޔާމާ އާންމުދަނީ އިތުރުވެގެންދާނެ، ދިރިއުޚުމުގެ ފެންވަރު އިތުރުވެގެންދާނެ،" މުއިއްޒު ވިދާޅުވި އެވެ.

މުއައްޒު ވިދާޅުވީ، ބިން ކުއްޔަށް ދޫކުރުމުގެ އުސޫލުގެ ދަށުން އެކަމާބެހޭ ކޮމިޓީން ނިންމާފައިވާ އަގުތަކާއެއްކޮށް އިއުލާން ކުރެވިގެންދާނެ ކަމަށާއި އަގުތައް ހުންނާނީ އެކި ސަރަހައްދު ތަކުގައި އެކިވަރަށް ކަމަށެވެ.

އެގޮތުން ބަނދަރު ސަރަހައްދުން ކުއްޔަށް ދޫކުރާ އެންމެ ކުޑައަގަކީ އަކަފޫޓަކަށް ތިން ރުފިޔާ ކަމަށާއި ލިންކް ރޯޑް ނުވަތަ ޕްރައިމަރީ މަގުތަކުން އަކަފޫޓަކަށސް 2.60 ރުފިޔާއަށް ކަމަށެވެ. އަދި އައްޑޫ ހޮސްޕިޓަލް ސަރަހައްދުން އަކަފޫޓަކަށް 2.20 ރުފިޔާއަށް އަދި ރެސިޑެންސް ސަރަހައްދުތަކުންނާއި އެހެނިހެން ސަރަހައްދު ތަކުން އަކަފޫޓަކަށް 1.80 ރުފިޔާއަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ.