ހަބަރު

70 ޕަސެންޓުން އިބޫ އިންތިހާބު ކާމިޔާބު ކުރާނެ: އަލީ ވަހީދު

Jul 26, 2018
4

އަންނަ ރިޔާސީ އިންތިހާބު އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ އާއި ރަނިންމޭޓް ފައިސަލް ނަސީމް 70 ޕަސެންޓް ވޯޓުން ކާމިޔާބު ކުރާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ބީބީސީއަށް ދެއްވި އިންޓްވިއުއެއްގައި އަލީ ވަހީދު ވިދާޅުވީ، މިއަހަރުގެެ އިންތިހާބު އިދިކޮޅު ކޯލިޝަނުން ކާމިޔާބު ކުރެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށެވެ. ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ވެރިކަމަށް ވަޑައިގެންނެވީ ކޯލިޝަނަކާއެކު ކަމަށާއި ނަމަވެސް މިއަދު އެމަނިކުފާނު ހުންނެވީ ގިނިކަންޏާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ، ރައީސް ޔާމީނަށް ވެރިކަން ހޯދައިދެއްވަން މަސައްކަތް ކުރި ހުރިހާ ޕާޓީތަކާއި އެޕާޓީތަކުގެ މެންބަރުން މިއަދު ތިބީ އިދިކޮޅުގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީއާއެކު ކަމަށާއި ރައްޔިތުންނާއި ޕާޓީތަކުގެ ސަޕޯޓާއެކު އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓް އިބޫ، 70 ޕަސެންޓާއެކު އިންތިހާބު ކާމިޔާބު ކުރާނެ ކަމަށެވެ.

ޔޫކޭގައި ހުންނަވައި ފޯނުން ދިން އިންޓަވިއުގައި އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގައި އިންސާފުވެރި އިންތިހާބެއް އޮންނާނެ ކަމަށް ގާބޫލު ނުކުރާ ކަމަށާއި ނަމަވެސް އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ހުއްޓާނުލާ ކުރަންޖެހޭ ކަމަށެވެ. މިފަދަ ދެވަނަ ފުރުސަތެއް ނުލިބޭނެ ކަމަށާއި ރައީސް ޔާމީން މިފަހަރު އިލެކްޝަން ކާމިޔާބު ކޮށްފިނަމަ ރާއްޖޭގެ ރައްޔިތުންނަށް ރާއްޖެ އަނބުރާ ނުލިބޭނެ ކަމަށްވެސް އަލީ ވަހީދު ވިދާޅުވި އެވެ.

"ގަބޫލު ކުރަނީ މި ޗާންސްގެ ބޭނުން ހިފައި އިންޓަނޭޝަނަލް ކޮމިއުނިޓީގެ އެހީއާ ރާއްޖޭގެ ހާލަތާމެދު ކަންބޮޑުވާ ފަރާތްތަކުގެ އެހީއާއެކު، ރައްޔިތުން ނިކުމެ ވޯޓްލަައި އެންމެނަށް ފެންނަ ގޮތަށް ވޯޓް ގުނައިފިނަމަ މިފަހަރުގެ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް،" އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގެ ހާލަތު ވަރަށް ގޯސް ކަމަށާއި ހުރިހާ ސިޔާސީ ލީޑަރުން ޖަލުގައި ނުވަތަ ސިޔާސީ ސަބަބުތަކާ ހެދި ރާއްޖެއަށް ނާދެވިފަ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން އަމުރު ނެރެފައިވަނިކޮށް ދެ ފަނޑީޔާރުން ހައްޔަރުކޮށްފައިވާ ކަމަށާއި މިނިވަން ނޫސްވެރިކަމެއް ރާއްޖޭގައި ނެތް ކަމަށެވެ. ރާއްޖެއަކީ ފެއިލް ވެފައިވާ ގައުމެއް ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

"މުޅި ގައުމު ވަނީ ޖަލަށްލެވިފަ، ނަމަވެސް ގަބޫލު ކުރަނީ މި އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް، 70 ޕަސެންޓް ވޯޓާއެކު އިދިކޮޅު ކޯލިޝަނުން އިންތިހާބު ކާމިޔާބު ކުރެވޭނެ، ޖޭޕީ، އަދާލަތު، އެމްޑީޕީ އަދި ރައީސް މައުމޫނާއެކު އިދިކޮޅަަށް ވަރަށް ބޮޑު ސަޕޯޓެއް އެބައޮތް،" އަލީ ވަހީދު ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަނުން އެއްބަސްވެވޭ ކެނޑެޑޭޓަކާއި ރަނިންމޭޓެއް މިހާރު ނެރެ ކެމްޕެއިން މިހާރު ދަނީ ކުރިއަށެވެ. އެގޮތުން އިބޫ އާއި ފައިސަލް މިއަދު ވަނީ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް އިލެކްޝަން ކޮމިޝަނަށް ފޯމް ހުށަހަޅާފަ އެވެ. އަދި ކުރިއަށް އޮތް ދެދުވަހެއްގެ ތެރޭގައި މެނިފެސްޓޯއަކާއެކު ކެމްޕެއިން ފަށާނެ ކަމަށްވެސް އިދިކޮޅުން ވަނީ ބުނެފަ އެވެ.