ރާއްޖޭން ބޭސްފަރުވާއަށް ބޭރަށް ދަތުރު ކުރާ މީހުންގެ އަދަދު ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ސާވޭއިން ދައްކައިފި އެވެ.
ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ އިން މިދިޔަ އަހަރުގެ ޑިސެމްބަރު 22-28 އަށް އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ކުރި ސާވޭ އިން ދެއްކި ގޮތުގައި މިދިޔަ އަހަރު ރާއްޖޭން ބޭސްފަރުވާ އަށް މިދިޔަ އަހަރު 1،889 މީހުން ބޭރަށް ދަތުރުކުރި އެވެ. އެކަމަކު 2016 ވަނަ އަހަރު ދަތުކުރީ 2،281 މީހުންނެވެ. މިއީ 20 ޕަސެންޓް ދަށްވުމެކެވެ. އަދި 2015 ވަނަ އަހަރު ދަތުރުކުރީ 2،247 މީހުންނެވެ.
ސާވޭއިން ދެއްކި ގޮތުގައި ދިވެހިން އެންމެ ގިނައިން ބޭހަށް ދަނީ އަވަށްޓެރި އިންޑިޔާއަށެވެ. މިދިޔަ އަހަރު ބޭހަށް ދިޔަ މީހުންގެ 65 ޕަސެންޓް ދިޔައީ އިންޑިޔާއަށެވެ. އަދި އިންޑިޔާގެ އިތުރުން ދިވެހިން އެންމެ ގިނައިން ދަތުރުކުރަނީ ސްރީލަންކާ އާއި ތައިލެންޑް އަދި މެލޭޝިއާ އާއި ސިންގަޕޫރަށެވެ.
މަރުކަޒީ ބޭންކުން ބުނީ އިންޑިއާ އަށް ދިޔަ މީހުން އެވްރެޖް ގޮތެއްގައި ބޭސް ފަރުވާއަށް މިދިޔަ އަހަރު ބޮލަކަށް 687 ޑޮލަރު ހޭދަކުރި އެވެ. އަދި 2016 ވަނަ އަހަރު ބޮލަކަށް ހޭދަކުރީ 641 ޑޮލަރުގަ އެވެ. މީގެ އިތުރުން 2015 ގައި ބޭހަށް ހޭދަކޮށްފައިވަނީ 512 ޑޮލަރެވެ.