މުޖުތަމައަށް އަގުހުރި ހިދުމަތްތަކެއް ކުރުމުގެ ސަބަބުން ދޭ އެންމެ ފަހުރުވެރި "ޝަރަފުވެރިކަމުގެ ގައުމީ އިނާމް" ފަސް ފަރާތަކަށް، "ހިއްވަރު ދިނުމުގެ ގައުމީ އިނާމް" 15 ބޭފުޅަކަށް ދީފި އެވެ.
މިރޭ ކުރިއަށްދާ މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި މި ދެ ގިންތީން އިނާމް ހާސިލްކުރެއްވި ފަރާތްތަކަށް އިނާމާއި ހަނދާނީ ލިޔުން ހަވާލުކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެވެ.
ޝަރަގުވެރިކަމުގެ ގައުމީ އިނާމް ހާސިލްކުރެއްވި ފަރާތްތައް
- ދީނީ އިލްމު ކުރިއެރުވުމާއި ދީނަށް ހިދުމަތްކުރުމުގެ ދާއިރާއިން - ހ. ހިތްފަހި، އަހްމަދު ފާރޫގް މުހައްމަދު
- ފަތުރުވެރިކަމަށް ހިދުމަތްކުރުމުގެ ދާއިރާއިން - މއ. ރައުފަތުގެ، އަހުމަދު މާހިރު (މޯލްޑިވްސް ޑީޑީ)
- އިޖުތިމާއީ ހިދުމަތުގެ ދާއިރާއިން މުޖުތަމައަށް ފައިދާހުރި ހިދުމަތް ކުރުމުގެ ދާއިރާއިން - މއ. ފެހިއަލިއާގެ، ޝަމީމާ ކަނބުލޭގެފާނު
- ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ކުޅުމާއި ކުޅިވަރު ކުރިއެރުވުމުގެ ދާއިރާއިން - ހ. ހީނާގަސްދޮށުގެ، ހީނާ އަހުމަދު ސަލީމް
- މަސައްކަތްތެރިކަމުގެ ދާއިރާއިން - މަރުހޫމް އަހުމަދު ޝާކިރް (ބޮއި ޝާކިރު)
މި ބޭފުޅުންނަށް މިރޭ ވަނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމް ހާސިލްކުރުމުގެ ސަބަބުން ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ޝަރަފުގެ އައްޑަނައާއި ޝަރަފުގެ ބެޖާއި ހަނދާނީ ލިޔުން ހަވާލުކޮށްފަ އެވެ. މި ފަސް ބޭފުޅުންގެ ތެރެއިން ހަތަރު ބޭފުޅުންނަކީ މީގެ ކުރިން ހިއްވަރުދިނުމުގެ ގައުމީ އިނާމް ވެސް ހާސިލްކުރައްވާފައިވާ ބޭފުޅުންނެވެ. އޭގެ ތެރޭގައި ހިމެނެނީ، މަރްހޫމް އަހުމަދު ޝާކިރާއި، ޝަމީމާ ކަނބުލޭގެފާނާއި، މުހައްމަދު މާހިރުގެ އިތުރުން ހީނާ އަހުމަދު ސަލީމް އެވެ.
މި ފަރާތްތަކަށް އިނާމް ދިނުމަށް ނިންމާފައިވަނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމް ލިބޭ ފަރާތްތައް ހޯދައި ކަނޑައެޅުމަށް ރައީސުލް ޖުމްހޫރިއްޔާ އުފައްދަވާފައިވާ ގައުމީ އިނާމާ ބެހޭ ކޮމިޓީގެ ހުރިހާ ބޭފުޅުންގެ އިއްތިފާގުންނެވެ.
މިރޭގެ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ވަނީ، މުޖުތަމައުގެ ލާބަ އާއި ކުރިއެރުމަށްޓަކައި މުހިއްމު އަދި އަގުހުރި މަސައްކަތްތަކެއްކޮށްގެން ހިއްވަރު ދިނުމުގެ ގައުމީ އިނާމް ހާސިލްކޮށްފައިވާ 15 ބޭފުޅަކަށް ވެސް އިނާމާއި ހަނދާނީ ލިޔުން ހަވާލުކުރައްވާފަ އެވެ.
ހިއްވަރު ދިނުމުގެ ގައުމީ އިނާމް ހާސިލްކުރައްވާފައިވާ ފަރާތްތައް
- ގުރުއާން ކިޔެވުމާއި އުނގަންނައިދިނުމުގެ ދާއިރާއިން - ބ އޭދަފުށި، ފިނިހިޔާގެ، ޝައިހް އަބްދުލް މަޖީދް މުހައްމަދު
- ދިވެހި ބަހާއި ބަހުގެ އިލްމު ކުރިއެރުވުމުގެ ދާއިރާއިން - ބ އޭދަފުށި، ދިލްކަޝްގެ އަބްދުއްރަޝީދް އަލީ
- ދިވެހި ސަގާފަތާއި އާދަކާދައިގެ ދާއިރާއިން - ހއ ބާރަށް، ކާޝިދޫގެ، އަބްދުއް ރައްޒާގް އަބްދުއްރަހުމާން
- ސިއްހީ ދާއިރާއިން - ސ މީދޫ، ހުދުވިލާގެ ޑރ އަބްދުﷲ އަފީފް
- އިޖްތިމާއީ ރައްކާތެރިކަމާއި އިންސާނީ ހައްގުތައް ދިރުވައި ކުރިއެރުވުމުގެ ދާއިރާއިން - ދަފްތަރު، 4356، މަރިޔަމް ޝަހުދާ
- ފަތުރުވެރިކަމުގެ ދާއިރާއިން ހ، ލޭޑީބާޑް، މުހައްމަދު ފިރާގް
- ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން - ދަފްތަރު، 2600، މުހައްމަދު ޖަވާދް
- ޑައިވިންގެ ދާއިރާއިން - ނ ކުޑަފަރި، ލަކީ ކޯނާ، ޒޫނާ ނަސީމް
- ޑައިވިންގގެ ދާއިރާއިން، ރިކްރިއޭޝަނަލް ސްކޫބާ ޑައިވިންގގެ ރޮނގުން - ކ މާފުށި، އިރާކް، އާސިމް މުހައްމަދުފުޅު
- ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ހިންގުމާއި، ފަންނީ ގޮތުން ކުޅިވަރަށް ހިދުމަތްކުރުމުގެ ރޮނގުން - ސ ހުޅުދޫ، ޖަވާހިރުވިލާ، އިބްރާހީމް ރަޝީދު
- ކުޅިވަރުގެ ދާއިރާއިން - ވ.ކެޔޮދޫ، ތިބުރޯޒުގެ، ސްޓާފް ސާޖަންޓް އަހްމަދު އަބްދުލްކަރީމް
- ކުޅިވަރުގެ ދާއިރާއިން - އއ އުކުޅަސް، ޑޭޒީމާގެ، ނައުފަލް މޫސާ
- ވިޝުއަލް އާޓްސްގެ ދާއިރާއިން - ގ.ހޮޅިގެ އަލީ ޝިފާއު
- ވިޝުއަލް އާޓްސްގެ ދާއިރާއިން - ރ.ފައިނު، ޗަމަން، އަހުމަދު ސިނާން
- ޕަފޯމިންގ އާޓްސްގެ ދާއިރާއިން - ގދ ތިނަދޫ، ކީރަންމާގެ، އިބްރާހީމް ޒައިދު އަލީ
ރައީސް އޮފީހުން ބުނީ މި ފަރާތްތަކަށް އިނާމް ދީފައިވަނީ އެފަރާތްތަކުގެ ހިދުމަތް ދިވެހި މުޖުތަމައަށް ފޯރާފައިވާ މިންވަރުގެ މައްޗަށް ބިނާކޮށް ބެލުމަށްފަހު އެވެ. އެކަން ކަށަވަރު ކުރުމުގެ ގޮތުން މިރޭ އިނާމް ދިން ބައެއް ފަރާތްތަކާއި ކޮމިޓީން ބައްދަލުކޮށްފައިވާކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި އެކި ޖަމިއްޔާތަކަށާއި ތަންތަނަށް ގޮސް އެ ފަރާތްތަކުގެ މަސައްކަތް ބަލާފައިވާ ކަމަށް ވެސް ބުންޏެވެ. އަދި އިނާމް ދިނުމުގައި ކުށުގެ ރިކޯޑަށް ވެސް ބަލާފައިވާކަމަށް އެ އޮފީހުން ވަނީ ބުނެފަ އެވެ.
މިރޭގެ ޖަލްސާގައި ވަނީ ދިވެހި ޖުމްހޫރިއްޔަތަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ނެރޭ ރަން ފައިސާ ފޮތި ވެސް ނެރެފަ އެވެ.