ހަބަރު

ނޫސްވެރިޔާ ޖަވާދަށް ހިއްވަރު ދީފި

ބޭރުގެ ހަބަރު ދިރާސާކޮށް ލިޔުއްވާ ނޫސްވެރިޔާ، މުހައްމަދު ޖަވާދަށް ހިއްވަރުދިނުމުގެ ގައުމީ އިނާމް، ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިރޭ ދެއްވައިފި އެވެ.

ޖަވާދަކީ ބޭރު ހަބަރު ދިރާސާކުރުމާއި ލިޔުއްވުމުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރެއްވި، އަދި މިހާރުވެސް މަސައްކަތްކުރައްވާ ފްރީލާންސް ނޫސްވެރިއެކެވެ. އޭނާގެ ހަބަރުތަކާއި މައުލޫމާތުތައް ޓީވީއެމްއާއި ބައެއް އޮންލައިން ނޫސްތައް މެދުވެރިކޮށް މިހާރުވެސް ފޮނުވަ އެވެ.

ޖަވާދު ހަބަރު ލިޔުއްވަން ފެއްޓެވީ 1990ގެ އަހަރުތަކުގެ ތެރޭގަ އެވެ. އޭނާވަނީ ލީބިއާއިން މަތީ ތައުލީމް ހާސިލްކުރައްވާފަ އެވެ.

ރައީސް އޮފީހުން ބުނީ، ޖަވާދަށް ހިއްވަރުދިނުމު ގައުމީ އިނާމް ދިނުމަށް ގައުމީ އިނާމާބެހޭ ކޮމިޓީން ނިންމާފައިވަނީ، އޭނާގެ މަސައްކަތަކީ ރާއްޖެއިން ބޭރުގެ ހަބަރުތައް އެނގެން ބޭނުންވާ މީހުންނަށް މުހިއްމު މަސައްކަތަކަށްވެފައި، އޭނާގެ މަސައްކަތަކީ މި ރޮނގުން ކުރިއަށްދާން ބޭނުންވާ މީހުންނަށް ވަރަށް މުހިއްމު މަސައްކަތެއް ކަމަށް ފެންނާތީ ކަމަށެވެ.

ޖަވާދް، ހިއްވަރުދިނުމުގެ ގައުމީ އިނާމް ހާސިލްކުރައްވާފައިވާއިރު އޭނާއާއެކު އެ އިނާމް ހާސިލްކުރެއްވި އިތުރު 14 ބޭފުޅަކަށްވެސް މިރޭ ވަނީ އިނާމާއި ހަނދާނީ ފިލާ ހަވާލުކޮށްފަ އެވެ.