އިންޑިޔާ އާއި އަވަށްޓެރި އެހެން ގައުމުތަކަށް ރާއްޖެއިން ދަތުރުކުރުމަށް އެއާލައިންތަކުން ވިއްކާ ޓިކެޓުގެ އަގުތައް އަހަރުން އަހަރަށް މަތިވަމުންދާ ކަމަށް މަރުކަޒީ ބޭންކުގެ ސާވޭއަކުން އިން ދައްކައިފި އެވެ. އެގޮތުން ދިވެހިން އެންމެ ގިނައިން ދާ އިންޑިއާ ސްރީލަންކާ އަދި ސިންގަޕޫރު އަދި މެލޭޝިޔާ ފަދަ ގައުމުތަކުގެ ޓިކެޓްގެ އަގުތައް ވަނީ މަތިވެފަ އެވެ.
ދިވެހިން ބޭރުގައި ކުރާ ހޭދަ ބެލުމަށް މަރުކަޒީ ބޭންކުން 2017 ވަނަ އަހަރު ކުރި ސާވޭއިން ދެއްކި ގޮތުގައި 2015 ވަނަ އަހަރު އެއާލައިންތަކުން ޓިކެޓި ވިއްކީ 266 ޑޮލަރަށެވެ. އަދި 2016 ވަނަ އަހަރު 278 ޑޮލަރަށް ހުރިއިރު، މިދިޔަ އަހަރު މި އަދަދު ވަނީ 307 ޑޮލަރަށް އުފުލިފަ އެވެ. އިންޑިޔާގެ އިތުރުން ސްރީލަންކާއަށް ދާ އަގުތައްވެސް ވަނީ އަހަރުން އަހަރަށް މަތިވެފަ އެވެ.
އެމްއެމްއޭގެ ސާވޭއިން ދެއްކި ގޮތުގައި އިންޑިޔާގެ އިތުރުން ސްރީލަންކާއަށް ދާ އަގުތައް ވެސް ވަނީ އަހަރުން އަހަރަށް މަތިވެފަ އެވެ. އެ ގައުމަށް 2015 ވަނަ އަހަރު 197 ޑޮލަރަށް ދަތުރު ކުރެވުނު ނަމަވެސް 2016 ވަނަ އަހަރު ޓިކެޓު ލިބިފައިވަނީ 230 ޑޮލަރަށެވެ.އަދި މިދިޔަ އަހަރު ވަނީ މި އަދަދު 233 ޑޮލަރަށް މަތިވެފަ އެވެ. މީގެ އިތުރުން މެލޭޝިޔާ ޓިކެޓުގެ އަގުވެސް މަތިވެފައިވެ އެވެ.
ނަމަވެސް، ތައިލެންޑަށް ދަތުރު ކުރާ އަގުތައް މިދިޔަ އަހަރު ވަނީ ދަށަށް ގޮސްފަ އެވެ. އެ ގައުމަށް 2015 ވަނަ އަހަރު 441 ޑޮލަރަށެވެ. އަދި 2016 ވަނަ އަހަރު 477 ޑޮލަރުގައި ހުރިނަމަވެސް 2017 ވަނަ އަހަރު ވަނީ 360 ޑޮލަރަށް ވެއްޓިފަ އެވެ.
މަރުކަޒީ ބޭންކުން މި ސާވޭ ކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 22-28 އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގަ އެވެ. މި ސާވޭއިން ދެއްކި ގޮތުގައި ދިވެހިން އެންމެ ގިނަ އިން ދަނީ އިންޑިޔާ އަށެވެ.
ރާއްޖޭން އިންޑިއާއަށް ދާން މިހާރު އާއްމުކޮށް ދިވެހިން ބޭނުންކުރަނީ މޯލްޑިވިއަންގެ އިތުރުން އެއާ އިންޑިއާ އާއި ސްރީލަންކަން އެއާލައިންސް އަދި ޗައިނާ އީސްޓަން ފަދަ އެއާލައިންތަކެވެ.