ހަބަރު

ސޮވަރިން ފަންޑުގައި 47 މިލިއަން ޑޮލަރު އެބަހުރި: ރައީސް

ސަރުކާރުން ބިޔަ މަޝްރޫއުތައް ހިންގުމަށް މިހާރު ނަގަމުން އަންނަ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމަށް ލުއި ފަސޭހަ ކުރުމުގެ ގޮތުން ސަރުކާރުން އެކުލަވާލާފައިވާ، "ސޮވަރިން ޑިވަލޮޕްމަންޓް ފަންޑް"ގައި 47 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ރައްކާކުރެވިފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ސަރުކާރުން 2016 ވަނަ އަހަރު އުފެއްދި ރާއްޖޭގެ ސޮވަރިން ފަންޑަށް މިހާރު އަންނަނީ ދައުލަތަށް ލިބޭ އާމްދަނީގެ ތެރެއިން ތިން ދިމާލަކުން އަންނަ ފައިސާ އެއްކޮށް އެ ފަންޑަށް ޖަމާކުރަމުންނެވެ. އެގޮތުން އެއާޕޯޓުން ފުރާމީހުންގެ އަތުން ނަގަން ފެށި އެއާޕޯޓް ޑިވަލޮޕްމަންޓް ފީގެ އާމްދަނީ އާއި ވެލާނާ އެއާޕޯޓް އޮޕަރޭޓްކުރާ، އެމްއޭސީއެލްގެ ހިއްސާގެ ފައިދާއިން ދައްކާ ޑިވިޑެންޑް އަދި އެއާޕޯޓްގެ ބައެއް ހިދުމަތްތަކުގެ ފީތައް ބޮޑުކޮށްގެން އިތުރަށް ލިބޭ އާމްދަނީ އެވެ.

އެމްއެމްއޭގެ ބެލުމުގެ ދަށުގައި އޮންނަ އެ ފަންޑުން ހަރަދުކުރަން ނިންމާފައިވަނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް ނަގާ ލޯނުތައް އަނބުރާ ދެއްކުމަށެވެ. މީގެ އިތުރަށް ބޮޑެތި މަޝްރޫއުތައް ނަގާ އެހެން ލޯނުތައް ދެއްކުމަށް އެ ފަންޑްގައި ހުންނަ ފައިސާ ހަރަދު ކުރާނެ އެވެ. އަދި ދިގު ރާސްތާއެއްގައި ބައެއް ތަރައްގީގެ މަޝްރޫއުތަކަށް ވެސް އެ ފައިސާ ހަރަދު ކުރުމަށް ރާވާފައިވެ އެވެ.

ވީއައިއޭ ތަރައްގީ ކުރުމަށް ސަރުކާރުން ހިންގާ ބިޔަ މަޝްރޫއަށް އެއް ބިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެ މަޝްރޫއުގެ ދަށުން އާ ރަންވޭއަކާއި ޓާމިނަލް އިމާރާތެއް އަޅާއިރު އެ މަޝްރޫއަށް ސައުދީ އަރަބިއްޔާ އާއި ޗައިނާ އެކްޒިމް ބޭންކް އަދި ޔޫއޭއީ އިން ވަނީ ލޯނު ނަގައިފަ އެވެ.

މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ގައުމާ މުހާތަބު ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، މި ސަރުކާރު އައުމުގެ ކުރީގެ ފަސް އަހަރު، ތަރައްގީގެ މަޝްރޫއުތަކަށް ހޭދަކޮށްފައިވާ 8.3 ބިލިއަން، 8300 މިލިއަން ރުފިޔާގެ މައްޗަށް މި ސަރުކާރުގެ ހަތަރު އަހަރު ދުވަހު 87000 މިލިއަން ރުފިޔާ ހަރަދުކޮށްފައިވަނީ އެއާޕޯޓުގެ މައްސަލައިގައި ޖީއެމްއާރްއަށް ގާތްގަނޑަކަށް 6000 މިލިއަން ރުފިޔާ ދެއްކުމަށްފަހު ކަމަށެވެ. މި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ދައުލަތުގެ ރިޒާވް ވަނީ 368 މިލިއަން އެމެރިކާ ޑޮލަރުން އޭގެ ދެގުނަ، 773 މިލިއަން އެމެރިކާ ޑޮލަރަށް މައްޗަށް ޖައްސާފަކަން ރައީސް ފާހަގަކުރެއްވި އެވެ.

"ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހާސިލުކުރެވިފައިވާ އަދި ހާސިލުކުރެވެމުންދާ ކާމިޔާބީތަކަށް ބަލާއިރު، ތިލަދުންމަތިން ފެށިގެން އައްޑުއަތޮޅާ ހަމަޔަށް، ތަރައްގީއާއި ތަމައްދުނުގެ ހެޔޮ ބަދަލު ތަޖުރިބާނުކުރާ، ހަމަ އެއްވެސް ރައްޔިތަކު ނުހުންނާނޭ ކަމުގައި އަޅުގަނޑު މި ދަންނަވަނީ ހިތްހަމަޖެހުމާއެކު، ރާއްޖޭގެ އެކި ސަރަޙައްދުގައި ހިނގަމުންދާ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކާއި، ރައްޔިތުންގެ ދިރިއުޅުމަށް ގެންނަން މަސައްކަތް ކުރެވެމެންދާ ހެޔޮ ބަދަލުތަކުގެ ސަބަބުން، މިއަދު ދިވެހި ރައްޔިތުންނަށް އުންމީދުގެ ރަން ފަތިހަކަށް އަލިވިލިއްޖެ ކަމުގައި އަޅުގަނޑު މިދަންނަވަނީ އުފަލާއެކު،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މާލެއާއި ހުޅުލެ މިހާރު މިވަނީ އެއްގަމުމަގުން ގުޅައިލެވިފަ ކަމަށާއި މި ތާރީހީ ބިނާޔާއެކު، ރާއްޖޭގެ ތަރައްގީގެ އިންގިލާބީ އާ ބާބެއް ފެށިފައިވާ ކަމަށެވެ. ހަމަ އެޔާއެކު، އަތޮޅުތަކުގެ ރައްޔިތުންގެ މުޅި އުންމީދަކީ ހުޅަނގު މޫސުމުގެ ވިއްސާރައިގެ ކުރިން ބަނދަރު ނިމުންކަމުގައިވި ދުވަސްތައް ކަޑައްތުކޮށް، ކައިރި މުސްތަގުބަލެއްގައި ރަށުން ފުރައިގެން އުދުހިފައި މާލެއަށް އައުމުގެ އުންމީދު ކުރެވޭވަރަށް ރައްޔިތުންގެ ދިރިއުޅުން އުޖާލާކޮށްދެވިފައިވާ ކަމަށެވެ.

"މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 24 ގަޑިއިރު ކަރަންޓުދީ، އަތޮޅުތަކުގައި މާލެއަށްވުރެ އަގު ބޮޑުކޮށްހުރި ކަރަންޓު މާލެއާ އެއްވަރުކޮށް ހިފެހެއްޓިފައި، ކާޑުގެ އަގު ހެޔޮކުރެވިފައި، މަތީ ތައުލީމަށް ފައިސާ ނުލިބޭ އެއްވެސް ކުއްޖަކު ނުހުންނާނޭގޮތަށް ކަންކަން ހަމަޖެއްސިފައި، ކުށްކުރުން ސައްތައަކުން 35 ދަށްކުރެވިފައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، 22 ރަށެއްގައި ފެނުގެ ޒަމާނީ ނިޒާމާއި، 21 ރަށެއްގައި ނަރުދަމާގެ ވަސީލަތްތައް ގާއިމުކޮށް، 88 ރަށަށް ރައްކާތެރިކަމާއެކު ލަފާފުރޭނޭ ގޮތްތައް މި ސަރުކާރުން ހޯދައިދީފައިވާ ކަމަށެވެ.