ދުނިޔެ

ޕާކިސްތާނުގެ ޕާޓީތައް ނަތީޖާ ގަބޫލެއް ނުކުރި، އިންތިހާބު އަލުން ބާއްވަން ގޮވާލައިފި

Jul 28, 2018
1

ކަރާޗީ (ޖުލައި 27) - ޕާކިސްތާނުގެ ގައުމީ އިންތިހާބު ކާމިޔާބު ކުރައްވައި، އެގައުމުގެ އާ ބޮޑު ވަޒީރުކަމަށް ވަޑައިގެންނެވިކަމަށް އިދިކޮޅު ޕީޓީއައިގެ އިމްރާން ހާނު އިއުލާނު ކުރައްވާފައިވަނިކޮށް، ނަތީޖާ ގަބޫލުނުކުރާ ކަމަށާއި، އަލުން އިންތިހާބު ބޭއްވުމަށް ގިނަ ސިޔާސީ ޕާޓީތަކުން ގޮވާލައިފި އެވެ.

އަދި ރަސްމީ ނަތީޖާ އިއުލާނު ނުކުރި ނަމަވެސް، ވޯޓު އޮޅުވާލާފައިވާ ކަމަށް ބުނެ، އަލުން އިންތިހާބު ބޭއްވުމަށް ގޮވާލައި މުޒާހަރާ ކުރާނެކަމުގެ އިންޒާރު ވެސް، އިންތިހާބުން ބަލިވި ގިނަ ޕާޓީތަކުން ބޭއްވި މަޝްވަރާތަކަކަށްފަހު ވަނީ ދީފަ އެވެ.

އެގޮތަށް އިއުލާނުކުރި ޕާޓީތަކުގެ ތެރޭގައި، މިވަގުތު ޖަލުގައި ހުންނެވި ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފުގެ ވެރިކަން ކުރާ ޕާކިސްތާނު މުސްލިމް ލީގު-ނަވާޒް (ޕީއެމްއެލް-އެން) ހިމެނުނު ނަމަވެސް، ގާނޫނު ހަދާ މަޖިލިސް ބޯއިކޮޓް ކުރާނެ ކަމާމެދު އަދި ގޮތެއް ނުނިންމާ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.

މިހާތަނަށް ގިނަ ވޯޓު ފޮށިތައް ގުނާ ނިމިފައިވާ އިރު، ހާނުގެ ޕީޓީއައި ވަނީ ޖުމްލަ 272 ގޮނޑިއަށް މެމްބަރުން އިންތިހާބު ކުރާއިރު، ޕީޓީއައި އިން މިހާތަނަށް 115 ގޮނޑި ކާމިޔާބުކޮށްފަ އެވެ. ނަވާޒު ޝަރީފުގެ ޕީއެމްއެލް-އެން އަށް 64 ގޮނޑި ލިބިފައިވާއިރު، މަރާލާފައިވާ ބޭނަޒީރު ބުއްޓޫގެ ޕާކިސްތާނު ޕީޕަލްސް ޕާޓީ (ޕީޕީޕީ) ވަނީ 43 ގޮނޑި ކާމިޔާބުކޮށްފަ އެވެ.

މެޖޯރިޓީ ހޯދުމަށް 137 ގޮނޑި ބޭނުންވާއިރު، ހާނަށް ޖެހިވަޑައިގަންނަވާނީ އިދިކޮޅު ޕާޓީއަކާއެކު ކޮއަލިޝަނެއް ހައްދަވާށެވެ.

ޕާކިސްތާނުގެ ސިފައިންގެ ތާއީދު ލިބިފައިވާ، ޕީޓީއައި އިން ވޯޓަށް ނުފޫޒު ފޯރުވައި، ވޯޓު އޮޅުވާލާފައިވާ ކަމަށް ވަނީ ތުހުމަތު ކުރެވޭއިރު، ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އޮބްޒާވަރުން ވަނީ އިންތިހާބުގައި ހަމަހަމަ ފުރުސަތު ލިބިފައިނުވާ ކަމަށް ބުނެފަ އެވެ.

އިންތިހާބު ކާމިޔާބު ކުރެއްވިކަން އިއުލާނުކުރައްވަމުން، ޓީވީ މެދުވެރިކޮށް ދެއްކެވި ވާހަކަފުޅުގައި، 1992 ވަނަ އަހަރު ކްރިކެޓް ވާލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި އިސް ދައުރެއް އަދާ ކުރެއްވި އިމްރާން ހާނު ވަނީ ގައުމު ބިނާކުރުމުގައި ހުރިހާ ޕާޓީތަކުން އެކުގައި މަސައްކަތް ކުރުމަށް ގޮވާލައިފަ އެވެ.

އަދި މިއީ ޕާކިސްތާނުގެ ތާރީހުގައި ބޭއްވުނު އެންމެ އިންސާފުވެރި އިންތިހާބު ކަމުގައި ސިފަކުރެއްވި ނަމަވެސް، އެހެން ޕާޓީތަކުން ވޯޓާއި ގުޅިގެން ކުރަމުންދާ ތުހުމަތުތައް ފުރިހަމައަށް ބައްލަވާނެކަމަށް ވިދާޅުވެފަ އެވެ.

ގާތްގަނޑަކަށް 106 މިލިއަން ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުން ތިބިއިރު، ވޯޓުލާން ނިކުމެފައިވަނީ ގާތްގަނޑަކަށް 55 ޕަސަންޓު މީހުން ކަމަށް އޮފިޝަލުން ވަނީ ލަފާކޮށްފަ އެވެ.

މި އިންތިހާބުގައި 30 ސިޔާސީ ޕާޓީއަކުން 12،570 ކެންޑިޑޭޓުން ވާދަ ކުރާ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

މިއީ ޕާކިސްތާނުގެ ތާރީހުގައި، ރައްޔިތުން ވޯޓުލައިގެން ވިދި ވިދިގެން ދެ ދައުރަށް ސަރުކާރަކު އިންތިހާބު ކުރާ ދެވަނަ ފަހަރެވެ.