ދުނިޔެ

ލާއޯސްގެ ޑޭމް ހަލާކުވެ މަރުވި މީހުންގެ އަދަދާ މެދު ސުވާލު އުފައްދައިފި

Jul 28, 2018

ލާއޯސް (ޖުލައި 26) - ލާއޯސްގެ ހަދަމުންދިޔަ ޑޭމެއް ހަލާކުވެ އެތައް އަވަށެއްގައި ފެންބޮޑުވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 27 އަރާފައިވާ ކަމަށް ރަސްމީ ފަރާތްތަކުން ބުނި ނަމަވެސް، އެ އަދަދު ރަނގަޅު ނޫންކަމަށް ބުނެ ސުވާލު އުފައްދައިފި އެވެ.

އެ ގައުމުގެ އަތަޕިއު ސަރަހައްދުގައި ގާއިމުކޮށް ތައިލެންޑް އަދި ދެކުނު ކޮރެއާގެ ކުންފުނިތަކަކުން ހިންގާ ހައިޑްރޯ އިލެކްޓްރިކް ޑޭމެއް ހަލާކުވެ، ފެންބޮޑުވުމުގެ ސަބަބުން 100 އަށް ވުރެ ގިނަ މީހުން ގެއްލިފައިވާ އިރު، އެމީހުން ހޯދުމުގެ މަސައްކަތް ބޯޓު ފަހަރާއި ހެލިކޮޕްޓަރުން ބޭނުން ކޮށްގެން ދަނީ ކުރަމުންނެވެ.

ނަމަވެސް، އެ އޮޕަރޭޝަނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ހާމަކޮށްފައިނުވާއިރު، އެ ސަރަހައްދަށް ނޫސްވެރިން ވަނުން ވެސް ވަނީ މަނާކޮށްފަ އެވެ.

އެ ގައުމުގެ ސަރުކާރުން ބުނެފައިވަނީ އެ ހާދިސާގައި މިހާތަނަށް 27 މީހުން މަރުވެފައިވާއިރު، 131 މީހުން ވަނީ ގެއްލިފަ އެވެ. ނަމަވެސް، އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނާއި، އެހީދޭ އަމިއްލަ ޖަމާއަތްތަކުން ބުނަނީ އެ އަދަދުތައް އޮޅުވާލާފައިވާ ކަމަށާއި، މަރުވި މީހުންގެ އަދަދު ގާތްގަނޑަކަށް 300 އަރާނެ ކަމަށެވެ.

އަދި އޭގެ އިތުރުން، 3،000 ވުރެ ގިނަ މީހުން އަދިވެސް ސަލާމަތް ނުކުރެވި، ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ތާށިވެފައި ތިބި ކަމަށް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މިހާތަނަށް އެތަކެއް ހާސް ބައެއްގެ ގެދޮރު ގެއްލި، ހާލުގައި ޖެހިފައިވާއިރު، އެމީހުންނަށް ކާބޯ ތަކެއްޗާއި، ފެން އަދި އަންނައުނު ފޯރުކޮށްދިނުމަށް ދައުލަތުގެ މުއައްސަސާތަކާއި އާންމުންގެ ކިބައިން އެ ގައުމުގެ ސަރުކާރުން ވަނީ އެދިފަ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން، އެ ޑޭމު ހަލާކު ވިއިރު، އެތަނުގެ މަސައްކަތުގެ 90 ޕަސަންޓު ވަނީ ނިމިފަ އެވެ. އަދި އަންނަ އަހަރު އެ ޑޭމު ރަސްމީކޮށް އޮޕަރޭޓް ކުރަން ފަށާނެ ކަމަށް އެ ޑޭމް ހެދު ކުންފުނިތަކުން ވަނީ ބުނެފަ އެވެ.

އެ ހާދިސާ މެދުވެރިވި ސީދާ ސަބަބެއް އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް، މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން، މަސައްކަތް މުޅިން ނުނިމޭ ޑޭމަށް އިތުރަށް ބާރު ބޮޑުވީ ކަމަށް ބެލެވެ އެވެ.