ހަބަރު

މަގުތަކުގައި ތާރު އަޅަން އަންނަ ހަފްތާ ފަށާނެ: ހައުސިން

ހައުސިން މިނިސްޓްރީން މިހާރު ހަދަން ފަށާފައިވާ ބްރިޖާ ގުޅިފައިވާ މަގުތަކުގައި އަންނަ ހަފްތާގެ ތެރޭގައި ތާރު އަޅަން ފަށާނެ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

ހުޅުމާލެ ޓާމިނަލުން ފެށިގެން އިންޑަސްޓްރިއަލް ވިލެޖާއި ހަމައަށް ހަދަމުންދާ މަގުތައް ކޮނެ ނަރުދަމާގެ މަސައްކަތްތައް ވެސް ކޮށްފަ އެވެ. އަދި މިހާރު ދަނީ މަގުތަކަށް ވެލިއަޅައި އެއް އެއްވަރު ކުރުމުގެ މަސައްކަތް ކުރަމުން ނެވެ. އަދި އިރުމަތީ ފަރާތުން އާޓިފިޝަލް ބީޗުގެ ބޮޑު ބައެއް ތަޅާލައި ޕޭމަންޓު ވެސް ވަނީ ބަދަލުކޮށްފަ އެވެ.

ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް އަހުމަދު ފަޒާލް ވިދާޅުވީ، މަގުތަކުގެ ތާރު އެޅުން އަންނަ ހަފްތާގެ ތެރޭގައި ފަށަން ތާވަލުކޮށްފައިވާއިރު އެ މަސައްކަތް ފަށަން ހަމަޖެހިފައިވަނީ ހުޅުމާލެ ފެރީޓާމިނަލާ ހިސާބުން ކަމަށެވެ. އޭނާ ވިދާޅުވީ މަގުތަކުގެ މަސައްކަތް ކުރިއަށްދަނީ ޓައިމްލައިނާ އެއްގޮތަށް ބާރު ސްޕީޑެއްގައި ކަމަށެވެ.

"މިހާޜުވެސް ގިނަ މަސައްކަތްތަކެއް ހުއްޓުމެއްނެތި ކުރަމުން އެ ދަނީ. އެހެންވީމަ ތާރު އެޅުމުގެ މަސައްކަތްވެސް އަންނަ ހަފްތާގެ ތެރޭގައި ފަށައިގެން ދީފައިވާ މުއްދަތަށްވުރެ ވެސް އަވަހަށް ނިންމާލެވޭނެ ކަމަށް ގަބޫލުކުރެވެނީ،" ފަޒާލް ވިދާޅުވި އެވެ.

މި މަޝްރޫއާއެކު ބޮޑުތަކުރުފާނުމަގުން ބޮޑު ބައެއްގައި ތާރު އެޅިގެންދާއިރު، މަގުތައް ވެސް ކުރިން ހުރި ވަރަށްވުރެ ފުޅާވާނެ އެވެ. އަދި ހުރިހާ މަގެއްގައި ދެކޮޅަށް ދުއްވާ ލޭން އަޅާނެ އެވެ. އަދި މަގުގެ ދެ ފަރާތުގައި ކުރިއަށްވުރެ ފުޅާ ޕޭވްމަންޓް ހަދައި، ގަސްވެސް އިންދަންވަނީ ނިންމާފަ އެވެ.

ހައުސިން މިނިސްޓްރީން މިއަދުވެސް ބުނީ ބްރިޖް ހުޅުވެންވާއިރަށް މަގުތަށް ނިމޭނެ ކަމަށެވެ. ބްރިޖް ހުޅުވާ ތާރީހަކީ ސެޕްޓެމްބަރު 25 އެވެ.