ދުނިޔެ

ވެރިކަމުން ދުރުކުރި ފަހުން ފުރަތަމަ ފަހަރަށް މުގާބޭގެ އަޑު އިވިއްޖެ

Jul 29, 2018
2

ހަރާރޭ (ޖުލައި 29) - ޒިމްބާބްވޭގެ ގައުމީ އިންތިހާބާއި ދިމާކޮށް، އެގައުމުގައި 37 އަހަރު ވެރިކަން ކުރެއްވުމަަށް ފަހު މިދިޔަ އަހަރު ފަހުކޮޅު މަގާމު ދޫކޮށްލެއްވި ރޮބަޓް މުގާބޭގެ ވެރިކަން ވެއްޓުނު ފަހުން ފުރަތަމަ ފަހަރަށް މީޑިއާގައި ވާހަކަފުޅު ދައްކަވައިފި އެވެ.

އިނގިރޭސީންގެ އަޅުވެތިކަމުން ޒިމްބާބްވޭ މިނިވަންވީ ފަހުން ފާއިތުވި 37 އަހަރު އެގައުމުގެ ވެރިކަމުގައި ހުންނެވި މުގާބޭއަށް ވެރިކަން ގެއްލިވަޑައިގެންނެވީ އޭނާއާ ދެކޮޅަށް ސިފައިން ނުކުތުމުންނެވެ. އުމުރުފުޅުން މިހާރު 93 އަހަރު ވެފައިވާ މުގާބޭއާ ދެކޮޅަށް ސިފައިން ނުކުތީ އަނބިކަނބަލުން ގްރޭސް މުގާބޭ ވެރިކަމަށް ވަޑައިގެންނެވުމަށް މަގު ކޮށްޓެވުމުގެ ގޮތުން އެޅުއްވި ފިޔަވަޅަކާ ގުޅިގެންނެވެ.

އެގޮތުން އެޅުއްވި ފިޔަވަޅީ އޭރު ތިއްބެވި ދެ ނައިބުރައީސުންގެ ތެރެއިން އެއް ބޭފުޅަކު މަގާމުން ދުރުކުރެއްވުމެވެ.

މުގާބޭ އިސްތިއުފާ ދެއްވުމުން ޒިމްބާބްވޭގެ ރައީސްކަމަށް ވަޑައިގެންނެވީ އޭރު މަގާމުން ދުރުކޮށްފައި ހުންނެވި ނައިބު ރައީސް އެމާސަން ނަންގަގްވާއެވެ.

މާދަމާ ވޯޓުލާން ހަމަޖެހިފައިވާއިރު، މިއަދު ކުއްލި ގޮތަކަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މުގާބޭ ވަނީ އޭނާ އުފެއްދެވި ނަންގަގްވާ އިސްވެ ހުންނެވި ޒަނޫ-އެފްޕީ އަށް ވޯޓު ނުދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

"އަހަރެންނަށް މިހާލު ޖެއްސި މީހުންނަކަށް ވޯޓެއް ނުލެވޭނެ. އަހަރެން ހިޔާރު ކުރާނީ ބާކީތިބި 22 ކެންޑިޑޭޓުންގެ ތެރެއިން މީހަކު،" މުގާބޭ ވިދާޅުވި އެވެ.

މުގާބޭގެ ގެކޮޅުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުގާބޭ ވިދާޅުވީ ސިފައިން ގެނައި ބަޣާވާތެއްގައި އޭނާ މަގާމުން "ކަނޑާލީ" ކަމަށާއި އިސްތިއުފާ ދެއްވީ ހަމަނުޖެހުންތަކަކުން ސަލާމަތްވުމަށް ކަމަށެވެ.

އެ ބައްދަލުވުމުގައި، މުގާބޭ ވަނީ އަނބިކަނބަލުންނަށް ވެރިކަން ދެއްވަން މަސައްކަތް ކުރެއްވިކަމަށް ދެކެވޭ ވާހަކަތައް ވެސް ދޮގުކޮށްފަ އެވެ.

ޒިމްބާބުވޭގައި ފަސް މިލިއަނަށް ވުރެ ގިނަ މީހުން މާދަމާ ވޯޓުލާން ނުކުންނާނީ، އާ ރައީސެއް އިންތިހާބު ކުރުުގެ އިތުރުން، މަޖިލީހާއި ކައުންސިލަށް މެމްބަރުން އިންތިހާބު ކުރުމަށެވެ.