ހަބަރު

ރައީސް ޔާމީންގެ ވައުދު: ކިޔަވައިދޭ ސިލަބަސް ބަދަލުކުރާނަން

ދިވެހިންގެ ކިބައިގައި ދީނީ ސިފަތައް އެކަށީގެންވާ މިންވަރަށް އަށަ ނުގަންނަ ކަމަށާއި އެހެންކަމުން މިހާރު ސްކޫލްތަކުގައި ކިޔަވައިދޭ ސިލަބަސްއަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ. .

ރައީސް ޔާމީންއަށް ރިޔާސީ ޓިކެޓު ހަވާލު ކުރެއްވުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އިސްލާމީ ދައުލަތެއްގެ އިސްލާމީ ސިފަތައް ދިވެހިންގެ ކިބައިގައި ހުންނަން ޖެހޭ އިރު އެކަށީގެންވާ މިންވަރަށް އެ ސިފަތައް ދިވެހިންގެ ކިބައިގައި އަށައެއް ނުގަނެވޭ ކަމަށެވެ. އެގޮތުން ނަމާދަށް ގޮސް އިސްލާމީ އުސޫލުތައް އަޑު އެހި ނަމަވެސް ދިވެހި ޒުވާނުންގެ ތެރޭގައި އިސްލާމް ދީން ގަބޫލު ނުކުރާ މީހުންނާއި ދީނުގައި އެންމެ ބޮޑަށް ހަރާމް ކުރެވިފައިވާ ކަންކަން ކުރާ މިހުން އުޅޭ
ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އެހެންކަމުން މިހާރަށް ވުރެ ވަރުގަދަ މުގައްރިރެއް އަދި ވަރުގަދަ ސިލަބަސްއެއް ބޭނުންވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި އެ ސިލަބަސް ތެރޭގައި މިހާރުގެ ސިލަބަސްއިން ނުފުދިގެންދާ ކަަންކަމަށް ހައްލެއް ލިބެން ޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު މި ނަގައިދިން ފިލާވަޅުތައް ނުފުދޭކަން އެބަ ދައްކުވައިދޭ، އެއަށް ވުރެއް ހަރުދަނާ އެއަށް ވުރެ ވަރުގަދަ ސިލަބަސްއެއް އެބަ ބޭނުންވޭ، އެއީ ހޯލްސަމް ސިލަބަސްއެއް، އަޅުގަނޑުމެންގެ މިހާރުގެ މި ހުރި ދީނީ މުގައްރިރުތަކުގައި ނުފުދިގެންދާ ކަންކަން ހުރީމަ މިކަންކަން މިވަނީ، އަދި މައިންބަފައިންގެ ތަރުބިއްޔަތުގެ ތެރޭގައި ނުފުދިގެންދާ ކަންކަން ހުރީމަ މިކަންކަން މިވަނީ، އެހެންވެ އަޅުގަނޑަކަށް މިގޮތް ކަމަކު ނުދޭ،" ރައީސްް ޔާމީން ވިދާޅުވި އެވެ.

އެ މައްސަލަތަކަށް ފަރުވާ ނުދެވޭ ނަމަ ދައުލަތެއްގެ ގޮތުގައި ދެމި ހުރެވިދާނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި މުޖުތަމައުގައި އެގޮތަށް ހުންނަ ސިފަތަކަށް އަޅާ ނުލެވޭނަމަ ކުރިޔަށް އޮތީ ވީރާނަ ކަމެއް ކަމަށާއި އެހާ ހިސާބުން ނުބައިކަންތައް ގިނަވެ ކުށްތައް ކުރުން ގިނަވެގެންދާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ރަނިން މޭޓަކަށް ވުމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއަށް ދައުވަތު އެރީ އެ ސަބަބުތަކާ ހެދި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.