ދުނިޔެ

އާސާމްގެ އެތައް މިލިއަން މީހުންގެ ރައްޔިތުކަން ގެއްލުމުގެ ބިރު

Jul 30, 2018

ގުވަހާޓީ (ޖުލައި 29) - އިންޑިއާގެ ބޯޑަރުގައި އޮންނަ އައްސާމް ސްޓޭޓުގައި ދިރިއުޅޭ ރައްޔިތުންގެ ރަސްމީ ރަޖިސްޓްރީއެއް އެކުލަވާލުމުގެ މަސައްކަތް ނިމުމަކަށް އަންނައިރު، އެ ސަރަހައްދުގައި ދިރިއުޅޭ އެތަކެއް ހާސް މީހުންނެއް ލިސްޓުގައި ނުހިމެނި، އިންޑިއާގެ ރައްޔިތުކަން ގެއްލިދާނެ ކަމުގެ ބިރު ބޮޑުވެއްޖެ އެވެ.

އެފަދަ ރަޖިސްޓްރީ އެއް އެކުލަވާނުލާތާ 70 އަހަރު ފަހުން އެ މަސައްކަތް ފެށީ، އައްސާމް ސްޓޭޓުގައި ގަވައިދާ ހިލާފަށް ބަންގްލަދޭޝުން ހިޖުރަކޮށްގެން އުޅޭ މީހުން ދެނެގަތުމަށް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ހޯމަ ދުވަހު ހެނދުނު ފައިނަލް ލިސްޓު އާންމުކުރާއިރު، ފުރަތަމަ ޑްރާފްޓު ލިސްޓުގައި ހިމަނާފައިނުވާ 13.9 މިލިއަން މީހުން ތިބީ ނޭވާ ހިފަހައްޓާލައިގެންނެވެ.

މިދިޔަ ޑިސެމްބަރު މަހު ފަހުކޮޅު އާންމުކުރި ފުރަތަމަ ޑްރާފްޓު ލިސްޓުގައި ހިމެނުނީ އައްސާމް ދިރިއުޅޭ 32.9 މިލިއަން މީހުންގެ ތެރެއިން އެންމެ 19 މިލިއަން މީހުންނެވެ.

އިންޑިއާގެ ސުޕްރީމު ކޯޓުގެ ބެލުމުގެ ދަށުން ކުރެވޭ މަސައްކަތް ނިންމައި، ޖޫން 30 ގެ ނިޔަލަށް ފުރިހަމަ ލިސްޓު އާންމު ކުރުމަށް އެންގި އެވެ. ނަމަވެސް، އެ މަސައްކަތުގެ ބުރަކަމުން، ޖުލައި 31 ގެ ނިޔަލަށް މުއްދަތު ވަނީ އިތުރުކޮށްދީފަ އެވެ.

ލިސްޓުގައި ނުހިމެނޭ މީހުންނަށް ވާނީ ކިހިނެއް؟

ހޯމަ ދުވަހު އާންމުކުރާ ލިސްޓުގައި ނުހިމެނޭ މީހުން ކަންބޮޑުވާންނުޖެހޭ ކަމަށް އެ ސްޓޭޓުގެ ޗީފް މިނިސްޓަރު ސަރުބަނަންދާ ސޮނޮވާލް ވަނީ ވިދާޅުވެފަ އެވެ.

"ލިސްޓުގައި ނުހިމެނޭ މީހުން އެމީހުންގެ ހައްގު ހޯދަން އެކަށީގެންވާ ފުރުސަތު ދެވޭނެ،" ސޮނޮވާލް މީޑިއާއަށް ވިދާޅުވި އެވެ.

ސޮނޮވާލް އިތުރަށް ވިދާޅުވީ، އެންމެ ފަހުގެ ލިސްޓަށް އިސްލާހުތައް ގެނެވެންދެން ލިސްޓުގައި ނުހިމެނޭ މީހުންނަކީ ބިދޭސީންގެ ގޮތުގައި ނުބަލާނެ ކަމަށެވެ.

މާދަމާ އެންމެ ފަހުގެ ލިސްޓު އާންމު ކުރުމަށްފަހު، ޝަކުވާ ހުށަހަޅަން އޯގަސްޓް 30 އިން ސެޕްޓެމްބަރު 28 އަށް ހުޅުވާލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއީ ވެސް ހަމަ ޑްރާފްޓު ލިސްޓެއް. ޝަކުވާ ހުށަހަޅާ ލިސްޓު އިސްލާހު ކުރަން އެކަށީގެންވާ ފުރުސަތު ދެވޭނެ. އެހެންވީމަ އެއްވެސް ބިރު ގަންނާކަށް ނުޖެހޭނެ."

ނަމަވެސް، އެތަކެއް އަހަރެއް ކުރިން އެ ސަރަހައްދަށް ބަންގްލަދޭޝުން ހިޖުރަކޮށްފައިވާ އައިލާތަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ މީހުން ތިބީ ކަންބޮޑުވެފަ އެވެ. އެކަމާ ގުޅިގެން އެތައް ބަޔަކު އަމިއްލައަށް މަރުވެފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ލިސްޓުގައި ހިމަނާނީ ކޮން ބައެއް؟

އައްސާމް ސްޓޭޓަށް ހާއްސަ ނެޝަނަލް ރެޖިސްޓާ އޮފް ސިޓިޒެންސް (އެންއާރުސީ) ގެ ނަމުގައި ލިސްޓެއް އެކުލަވާލީ 1951 އަހަރު އެވެ. އެއީ އިންޑިއާ ރައްޔިތުންނާއި އޭރުގެ އިރުމަތީ ޕާކިސްތާނު (1971 އަށް ފަހު ބަންގްލަދޭޝް) ރައްޔިތުން ދެނެގަތުމަށެވެ.

އެ ގޮތުން 1985 ސޮއި ކުރެވުނު އައްސާމް އެއްބަސްވުމުގެ ދަށުން، އިންޑިއާ ރައްޔިތެއް ކަމަށް ބަލާނީ 1951 ވަނަ އަހަރު އެކުލަވާލެވުނު ލިސްޓުގައި ހިމެނުނު މީހުންގެ އާއިލާ މެމްބަރުންނާއި 24 މާޗް 1971 ގެ ފަހުން އެ ސަރަހައްދުގެ ވޯޓުލާ މީހުންގެ ލިސްޓެއްގައި ނުވަތަ އެފަދަ ރަސްމީ ލިޔެކިއުމެއްގައި ނަން ހިމެނުނު މީހުންގެ އާއިލާގެ މެމްބަރުންނެވެ.

ބިދޭސީންގެ މައްސަލަ އައްސާމް ސްޓޭޓުގައި އުފެދުނީ، ޕާކިސްތާނާއެކު ކުރި ދާހިލީ ހަނގުރާމައަށްފަހު ބަންގްލަދޭޝް އުފެދި އެ ގައުމުން އެތަކެއް މިލިއަން މީހުންނެއް 1971 ގައި ހިޖުރަ ކުރުމުންނެވެ.