ހަބަރު

ރީފޯމް އުފެއްދިޔަސް މައުމޫންއަކަށް ޕީޕީއެމްއެއް ނުލިބޭނެ: އަދުރޭ

މައުމޫން ރީފޯމް މޫވްމަންޓް (އެމްއާރްއެމް) އުފެއްދިޔަސް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއަށް ޕީޕީއެމްއެއް އަނބުރާ ލިބިވަޑައި ނުގަންނަވާނެ ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ ޕާޓީއެއް އުފެއްދުމުގެ ވިސްނުން ރައީސް މަައުމޫން ނުގެންގުޅުއްވާ ކަމަށާއި އަލުން އަނބުރާ ޕީޕީއެމް ހޯއްދަވާނެ ކަމަށް އެމަނިކުފާނާއެކު މަސައްކަތް ކުރައްވާ އަބްދުލް އަލީމް ވިދާޅުވި ވާހަކައަށް ރައްދުދެއްވަމުންނެވެ.

ޕީޕީއެމްގެ މައްޗަންގޯޅި ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް މައުމޫން އިތުރު ޕާޓީއެއް ނުހަދާ ޕީޕީއެމް އަނބުރާ ހޯއްދަވަން މަސައްކަތް ކުރެއްވި ނަމަވެސް އެކަން ކާމިޔާބެއް ނުވާނެ ކަމަށާއި އެމަނިކުފާނަކަށް ދެން އަނބުރާ ޕީޕީއެމްއެއް ލިބިވަޑައި ނުގަންނަވާނެ ކަމަށެވެ. އަދި ޕީޕީއެމް މިހާރު އޮތީ އެ ޕާޓީ އޮތުން އެންމެ ހައްގު ރައީސް އަބްދުﷲ ޔާމީންގެ އަތްޕުޅުގައި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އެ ބޭފުޅުން ވިދާޅުވަނީ ރައީސް މައުމޫންއެއް ނޫޅޭ ޕާޓީއެއް އުފައްދާކަށް ރައީސް މައުމޫންގެ ޕާޓީއެއް އެބައޮތޭ އެއީ ޕީޕީއެމްއޭ، އެ ޕާޓީއޭ ތިމަންނަމެން ހޯދާނީ، އަޅުގަނޑު ދަންނަވާނީ ހޯ ހޯ އޭ، ތިކަމެއް ނުވާނޭ، ޕީޕީއެމް ދެން އަނބުރާ އެ މީހުންގެ އަތަކަށް ނުދާނޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ވަރަށް ގާތުން ހަގީގަތް ދެނަހުރި މީހެއްގެ ހައިސިއްޔަތުން ކަމަށް ވިދާޅުވަމުން އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް އިން ފުރަތަމަ ފަހަރަށް ކޮންގްރަސްއެއް ބާއްވަން މަސައްކަތް ކުރި އިރު އެ ޕާޓީގެ މެންބަރުންގެ އަދަދުގައި 3000 ހަމަ ނުވާ ކަމަށާއި އެކަމާ ލަދުފުޅު ގަންނަވައިގެން ޕާޓީއަށް މެންބަރުން އިތުރު ކުރުމަށް ރައީސް ޔާމީންގެ އެހީއަށް އެދިވަޑައިގަތް ކަމަށެވެ. އެއަށް ފަހު މުޅި ރާއްޖޭގައި ދަތުރު ކުރައްވާ ޕީޕީއެމްގެ މެންބަރުންގެ އަދަދު 15،000އަށް ރައީސް ޔާމީން އިތުރުކޮށްދެއްވި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ރައީސް ޔާމީން ފިނިކޮޓަރީގައި އިންނެވީކީ ނޫން، އަޅުގަނޑުމެންނާ އެކީ ވަައިގެ މަގުންނާއި ކަނޑު މަގުން ރާއްޖޭގެ އުތުރަށާއި ދެކުނަށް ދަތުރުކޮށްގެން 10،000 ކީއްކުރަންތޯ 15000 މީހުން ހަމަކޮށްގެން، ފުރަތަމަ ކޮންގްރަސް ބޭއްވީ ރައީސް ޔާމީންގެ މަސައްކަތުން، އެހެންވެއޭ އަޅުގަނޑު މިދަންނަވަނީ ޕީޕީއެމް އޮންނަން ޖެހޭނީ ރައީސް ޔާމީންގެ އަތްޕުޅުގައޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމް އުފެއްދުމުގައި އިހުލާސްތެރި މީހުން މިއަދު ވެސް އެ ޕާޓީގައި އެބަތިބި ކަމަށާއި ޕާޓީ ދޫކުރައްވާ ވަޑައިގެނެވީ ޕާޓީއަށް ހަރާންކޯރުވި ބޭފުޅުން ކަމަށް ބުނެ އަބްދުއްރަހީމް އެ ބޭފުޅުންނަށް ފާޑުވިދާޅުވި އެވެ.