ހަބަރު

ގާނޫނީ ވަކީލުކަމުގެ ހުއްދަ 181 މީހަކަށް ދީފި

ރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ 181 މީހަކަށްދީ، ވަކީލް ކަމުގެ ހުވާ ކޮށްފި އެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެބޭފުޅުންނަށް ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އެވެ. ރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ ދިންކަމުގެ ލިޔުން ހަވާލުކޮށް ދެއްވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނެވެ.

އިމީ ވަކީލް ކަމުގެ ހުވާކޮށް ލިޔުން ލިބުނު ދެވަނަ ބެޗެވެ. އެންމެ ފަހުން ވަކީލްކަމުގެ ހުއްދަ 170 އަށްވުރެ ގިނަ ބޭފުޅުންނަށް ދީފައި ވެއެވެ. ރާއްޖޭގެ ވަކީލުންގެ ދަފުތަރުގައި މިހާރު 1500 އަށްވުރެ ގިނަ ވަކީލުން އެބަތިއްބެވެ.

މިރޭގެ ރަސްމިއްޔާތުގައި ހައިކޯޓުގެ ފަނޑިޔާރުންގެ އިތުރުން ދަށު ކޯޓުތަކުގެ ފަނޑިޔާރުން ބައިވެރިވެފައި ވެއެވެ. އަދި އޭޖީ އޮފީހުގެ ބައެއް ބޭފުޅުންވެސް ބައިވެރިވެފައި ވެއެވެ.