ދުނިޔެ

އެމްއެޗް 370 ގެ ތަހުގީގު ރިޕޯޓުން ވެސް އިތުރު ސުވާލުތަކެއް!

Jul 31, 2018

މެލޭޝިއާ އެއާލައިންގެ މަތިންދާބޯޓު އެމްއެޗް 370 ގެއްލުނު ސަބަބު ހޯދުމަށް ހިންގި ތަހުގީގަށް ފަހު ނެރުނު ރިޕޯޓުގައި، އެ ބޯޓު ގަސްދުގައި އެހެން ދިމާލަކަށް ގެންގޮސްފައިވާ ކަމަށް ބުނެފި އެވެ.

މެލޭޝިއާގެ ވެރިރަށް ކުއާލަަލަމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބެއިޖިން އަށް 239 މީހުންނާއިގެން ދަތުރުކުރަނިކޮށް މަތިންދާބޯޓު އެމްއެޗް 370 ގެއްލުނީ 2014 ވަނަ އަހަރުގެ މާޗްމަހުގެ އަށް ވަނަ ދުވަހުއެވެ.

އެމްއެޗް 370 ހޯދުމަށް ބެލި ސަރަހައްދަކީ ދުނިޔޭގެ ތާރީހުގައި ވެސް މަތިންދާބޯޓެއް ހޯދަން ބެލި އެންމެ ބޮޑު ސަރަހައްދެވެ. އެގޮތުން އިންްޑިއާ ކަނޑުގެ 46،300 އަކަމޭލުގެ ސަރަހައްދެއް ވަނީ ބަލާފަ އެވެ. ބޯޓު ހޯދުމުގެ މަސައްކަތް ނިންމާލީ މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު އެވެ.

ނަމަވެސް، 495 ގަނޑުގެ ތަފްސީލީ ރިޕޯޓުގައި، އެ ބޯޓު އެހެން ދިމާލަކަށް އަނބުރާލި ސަބަބާއި އެކަން ކުރި މީހަކު ހިމަނާފައެއްނުވެ އެވެ. އެ ސުވާލުތަކުގެ ޖަވާބު ލިބޭނީ ބޯޓުގެ ބައެއް ފެނިގެންކަމަށް، އެ ތަހުގީގު ހިންގުމުގައި އިސްކޮށް އުޅުއްވި އޮފިޝަލަކާއި ހަވާލާދީ އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވެ އެވެ.

ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން 153 މީހުންނަކީ ޗައިނާ މީހުންނެވެ. އަދި 38 މީހުންނަކީ މެލޭޝިއާ މީހުންނެވެ. ދެން ތިބީ އީރާން، އެމެރިކާ، ކެނެޑާ، އޮސްޓްރޭލިއާ، އިންޑިއާ ، ފްރާންސް ، ނިއުޒީލޭންޑް ، ޔުކްރެއިން، ރަޝިޔާ، ޓައިވާން އަދި ނެދަލޭންޑްސް މީހުންނެވެ.

އެބޯޓަށް ވީގޮތަކާއި މެދު ބޮޑެތި ބަހުސްތައް އަދިވެސް ކުރަމުން ދާއިރު ބޯޓުން ދަތުކުރި މީހުންގެ އާއިލާތަކުން އެދެމުންދަނީ ބޯޓު ހޯދަން ކުރާ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންގޮސްދިނުމަށެވެ.

ނަމަވެސް، ބޯޓު ހޯދުމުގެ މަސައްކަތް ދެން ފަށާނީ ބޯޓު ވެއްޓުނު ދިމާލާއި ގުޅޭގޮތުން އިތުރު ހެކިތަކެއް ލިބިގެން ކަމަށް މެލޭޝިއާގެ ބޮޑު ވަޒީރު މަހާތީރު މުހައްމަދު ވަނީ ވިދާޅުވެފަ އެވެ.