ހަބަރު

"ހިޔާ" އިން ދިއްދޫ ރައްޔިތުންނަށް ދޭ ފްލެޓަށް އެދެން ހުޅުވާލައިފި

އާންމުން ބޯހިޔާވަހިކުރުމަށް ސަރުކާރުން ފަށާފައިވާ "ހިޔާ" މަޝްރޫއުގެ ދަށުން ހއ ދިއްދޫ ރައްޔިތުންނަށް ދޫކުރަން ހަމަޖެހިފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހައުސިން އިން މިއަދު ކުރި އިއުލާނެއްގައި ބުނީ، ދިއްދޫއިން ދުކުރަން ނިންމާފައިވާ ފްލެޓްތަކަށް މިއަދުން ފެށިގެން ކުރިމަތި ލެވޭނެ ކަމަށެވެ. އެހެން ކަމުން ޝައުގުވެރިވާ ފަރާތްތަކުން ފްލެޓަށް އެދޭ ފޯމާ އެކު އެހެންވެސް ލިޔެކިޔުންތައް ދީފައިވާ މުއްދަތުގެ ތެރޭގައި ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ. ފޯމް ހުށަހަޅަން ޖެހޭނީ އެރަށުގައި ހުންނަ ފެނަކަ އޮފީހަށެވެ. ފޯމް ހުށަހެޅުމުގެ ސުންގަޑި އަކީ އަންނަ މަހުގެ 11 އެވެ.

މިނިސްޓްރީން ބުނީ، ފޯމާއިއެކު ހުށަހަޅަންޖެހޭ ތަކެތި ހަމަނުވާ ފޯމުތަކާއި މައުލޫމާތު ފުރިހަމަނުވާ ފޯމު ބަލައިނުގަންނާނެ ކަމަށެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ދިއްދޫގައި 250 ހައުސިން ޔުނިޓް ގާއިމްކޮށްފައިވެއެވެ. އޭގެ ތެރެއިން 140 ހައުސިން ޔުނިޓް ވަނީ މީގެ ކުރިން ދޫކޮށްފަ އެވެ. އެހައުސިން ޔުނިޓްތައް ދޫކޮށްފައިވަނީ އެޑްވާންސް ޕޭމަންޓެއްގެ ގޮތުގައި 19،000 ރުފިޔާ އަދި 20 އަހަރު ދުވަހުން ފައިސާ ދައްކާ ހަލާސްކުރާ އުސޫލުން މަހަކު 2500 ރުފިޔާ ދައްކާ ގޮތަށެވެ.

މި ފަހަރު ހުޅުވާލި 100 ހައުސިން ޔުނިޓަށްވެސް ފައިސާ ދެއްކުމަށް ހަަޖެހިފައިވަނީ މިއުސޫލުގެ ދަށުންނެވެ.